ޓެކްނޮލޮޖީ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރަނީ

ހިންދު ޢަލީ 19 ޖެނުއަރީ 2024

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމަށް 'ފަންނިއްޔާތު'ގެ ނަމުގައި ހާއްސަ ހަރަކާތެއް އެވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިފްތިތާހުކޮށްފައެވެ. މިއީ ސަރުކާރުގެ ހަފްތާ 14ގެ މަސައްކަތްތަކުގެ ތެރެއިން ޓެކްނޮލޮޖީ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިޔަށް ދިއުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ރޭވިފައިވާ ހާއްސަ ޕްރޮގްރާމެކެވެ.

ފަންނިއްޔާތު - ވިމެން އެޑިޝަން ޚާއްސަކޮށްފައި ވަނީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށެވެ. މިޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވާހަކަ ދައްކަވަމުން، ފާހަގަ ކުރެއްވި ގޮތުގައި ދިވެހިރާއްޖެ އޭޝިޔާ ސަރަހައްދުގެ އައިޓީ ހަބަކަށް ތަރައްގީކުރުމަކީ މިއަދުގެ ސަރުކާރުގެ އަމާޒެކެވެ. އިފްތިތާހު ކުރެވުނު މިޕްރޮގްރާމަކީ މި އަމާޒަށް ވާސިލުވުމަށް ހިންގާ ސިލްސިލާ ހަރަކާތްތަކެއްގެ ފެށުންކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިޕްރޮގްރާމްގެ ދަށުން ކުރިއަށް 5 ފަސް އަހަރު ދުވަހުގެ ތެރޭގައި، އައިޓީ އަދި ޓެކްނިކަލް ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް 500 ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވަހީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ އައިޓީ ދާއިރާގައި ހުރި ފުރުސަތުތަކަށް އަލިއަޅުވާލާފައެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ރާއްޖެއިން ބޭރުގެ ފުރުސަތުތައް ހޯދާ ސަބަބަކީ އާންމުކޮށް ރާއްޖޭގައި އެފަދަ ފުރުސަތުތައް މަދުވުމާއިއެކު އެދާއިރާގައި ރާއްޖޭއިން ލިބެން ހުރި ފުރުސަތުތަކުން އެކަށީގެންވާ އާމްދަނީއެއް ކިޔަވައިގެން ތިބި ފަރާތްތަކަށް ނުލިބޭތީކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި މިފަދަ އީޖާދީ ވިސްނުން ހުރި ފަރާތްތައް ބޭނުންވާކަމަށް ވިދާޅުވިއެވެ. މިގޮތުން މިފައްޓާ އައު ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އައިޓީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެކަމުގެ ޔަގީންކަން މިނިސްޓަރ އެރުވިއެވެ.

މިޕްރޮގްރާމްގެ ދަށުން ޑިޕްލޮމާ އާއި ބެޗްލަރސް ޑިގްރީ ހިމެނޭ ގޮތަށް އެކި ފެންވަރުގެ ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސްތައް ހިންގާނީ ސިލްސިލާ ޕްރޮގްރާމްތަކެއްގެ ގޮތުގައި، އަންހެން އަދި ފިރިހެން ކުދިން ހިމެނޭގޮތަށް ޒުވާނުންނަށް އަމާޒުކޮށްގެނެވެ. މިތަމްރީން ޕްރޮގްރާމްތަކުގެ އަމާޒަކީ މިދާއިރާތަކުން އަހަރަކު 100 މީހުން ތަމްރީނުކުރުމެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިޕްރޮގްރާމްގެ ބޭނުމަކީ ހަމައެކަނި ސަރުކާރުގެ ވަޒީފާއަށް މީހުން ތައްޔާރުން ކުރުން ނޫން ކަމަށެވެ. ހަމައެއާއެކު އަމިއްލަ ވިޔަފާރިއެއް ނުވަތަ ފްރީލާންސް މަސައްކަތް ފަށަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އެފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް މިިނިސްޓަރ ވަހީދު ވިދާޅުވި އެވެ.

ފަންނިއްޔާތު - ވިމެން އެޑިޝަންގައި ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްޕާކްހަބް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވިއެވެ.

މިބައްދަލުވުމުގައި އަންހެނުންނަށް މިދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިޔައެވެ. މިސެޝަން ކުރިއަށް ގެންދިޔައީ ވިމެން އިން ޓެކް މޯލްޑިވްސްއިންނެވެ. މިދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ އަންހެނުން މިސެޝަންގައި ބައިވެރިވެ، ޓެކްނޮލޮޖީގެ އެކި ދާއިރާގައި ކުރާ މަސައްކަތްތަކާއި މިދާއިރާގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ. މިސެޝަންގެ މަގްސަދަކީ މިދާއިރާއަށް އަންހެނުން އިތުރުކުރުމާއި މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމެވެ.

މިބައްދަލުވުމުގައި އެންޓްރޮޕްރޮނުއަރޝިޕް އަށް ޚާއްސަ "ބައިކުޅަބައި"ސެޝަންއެއް ސްޕާކްހަބުން ކުރިއަށް ގެންދިޔައެވެ.

މީގެ އިތުރުން ޓެކްނޮލޮޖީދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން އުފައްދަވާ ޕްލޭންއަށް ޚިޔާލު ހޯދުމުގެ ސެޝަންއެއްވެސް މި އިވެންޓުގައި ކުރިޔަށް ދިޔައެވެ.

ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް ބޭނުންވާނެ އީޖާދީ އުފެއްދުންތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ހެކަތޯންއެއް އަންނަ މަހު ހިންގުމަށް ރާވާފައިވާ ކަމަށް މިނިސްޓަރ ވަހީދު ވިދާޅުވިއެވެ.



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.