ޕޭޕަލް އިން އީކޮމާސްއަށް މިއަހަރު އިންގިލާބީ ހަ ބަދަލެއް

އަޙްމަދު ދާއޫދު 02 ފެބްރުއަރީ 2024

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް ޕާސަނަލައިޒޭޝަން މެދުވެރިކޮށް ވިޔަފާރިއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ގޮތުން ނެސްޑެކް ލިސްޓުގައި ހިމެނޭ ޕޭޕަލް ހޯލްޑިންގްސް އިންކް އިން އެމެރިކާގެ މަޝްހޫރު މޯބައިލް ޕޭމެންޓް ސާވިސް (ވެންމޯ) މި އަހަރު ޕައިލެޓްކޮށް ބާޒާރަށް ގެންނަން ނިންމާފައިވާ އާ 6 އިނޮވޭޝަނެއް އިއުލާނުކޮށްފިއެވެ.

2024 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި އަދި އެއަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައާރަފްކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ އިނޮވޭޝަންތަކުގެ ތެރޭގައި ރީއިމޭޖިން ޕޭޕަލް ޗެކްއައުޓް އެކްސްޕީރިއަންސް، ފާސްޓްލޭން ބައި ޕޭޕަލް، ސްމާޓް ރިސިޕްޓްސް، ޕޭޕަލް އެޑްވާންސް އޮފާސް ޕްލެޓްފޯމް، ރީއިންވެންޓްޑް ޕޭޕަލް ކޮންސިއުމާ އެޕްލިކޭޝަނަކާއި އަދި ވެންމޯގެ އެންހަންސްޑް ބިޒްނަސް ޕްރޮފައިލްތައް ހިމެނެއެވެ.

މިކަން ހާމަކުރެއްވީ ކެލިފޯނިއާގެ ސެން ހޯސޭގައި ބުރާސްފަތި ދުވަހު ބޭއްވި ޕޭޕަލް ފަސްޓްލުކް ކީނޯޓްގައި ޕޭޕަލް ގެ ރައީސް އަދި ސީއީއޯ އެލެކްސް ކްރިސްއެވެ.

ޕޭޕަލް ގެ ރައީސް އަދި ސީއީއޯ އެލެކްސް ކްރިސް


ޗެކްއައުޓް ޚިދުމަތް

ކްރިސް ފާހަގަކުރެއްވި ގޮތުގައި ރީއިމޭޖިން ޕޭޕަލް ޗެކްއައުޓް އެކްސްޕީރިއަންސަކުން ކަސްޓަމަރުންނަށް ގަންނަން 50 ޕަސެންޓް އަވަސް އަދި އުފާވެރި ގޮތެއް ލިބިގެންދާނެއެވެ.ޗެކްއައުޓް ފަސޭހަކުރުމާއި އަވަސްކުރުމުގެ ގޮތުން ޕޭޕަލްއިން ޕާސްކީތައް އިންޓަރގްރޭޓްކޮށް އޭއައިގެ ބޭނުން ހިފައި، ފޭޝަލް ރިކޮގްނިޝަން ނުވަތަ ފިންގަޕްރިންޓުން ލޮގިން ކުުރެވޭނެ އިންތިޒާމް ހަމަޖައްސައި ލޭޓެންސީ ރަނގަޅުކުރުމަށް ޗެކްއައުޓް މަރުހަލާ ވަރަށް ބޮޑަށް ހަލުވިކޮށްފައެވެ. މީގެ އިތުރުން އާ PayPal ޗެކްއައުޓްގެ ސަބަބުން އޭއައިގެ ބޭނުން ހިފައި، ޒަމާނާ އެކު ސްމާޓްވެ ހަލުވިވެގެންދާނެ އެވެ.

ފާސްޓްލޭން

ފާސްޓްލޭން ބައި ޕޭޕަލް، ޕޭޕަލް ޕްލެޓްފޯމް ބޭނުންކުރާ ވިޔަފާރިވެރިންނަށް އެ މީހުންގެ ފިހާރަތަކަށް ހުށަހެޅޭނެ އާ ވަން ކްލިކް ގެސްޓް ޗެކްއައުޓް އެކްސްޕީރިއަންސެއް ތަޢާރަފްކޮށްފައިވާއިރު، ގެސްޓް ޗެކްއައުޓް ގެ ތަޖުރިބާ ވަރަށް ހަލުވިކޮށް ލިބިގެންދާނެ ކަމަށާއި، ޗެކްއައުޓް ނިންމުމުގެ ވަގުތު 40 އިންސައްތަ ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުން އެމީހުންގެ މައުލޫމާތު ފާސްޓްލޭންއާ އެކު ސޭވްކުރަން ޖެހޭނީ އެންމެ ޓެޕެއް ފަދަ ކުޑަކުޑަ މަސައްކަތެއް ކޮށްލާށެވެ.

އަނެއްކޮޅުން މިފަސޭހަތަކާއެކު އަލަށް ގެނެވުނު ބަދަލުގައި ހަނދާން ބަހައްޓަން ޖެހޭ ޔޫޒާނޭމެއް ޕާސްވޯޑެއް ބޭނުން ނުވާއިރު، އަޕްޑޭޓް ކުރާންޖެހޭ އަމިއްލަ މައުލޫމާތެއްވެސް ނޯންނާނެއެވެ. އެގޮތުން ކްރެޑިޓް ކާޑުގެ ތަފްސީލް މުޅި ވެބްގެ ވިޔަފާރިތަކާ ހިއްސާކުރާކަށް ނުޖެހޭނެއެވެ.

ސްމާރޓް ރިސިޕްޓް

ކަސްޓަމަރުން ޕޭޕަލްއާއެކު އެކު ޝޮޕިން ކުރާއިރު، އެ ވިޔަފާރިވެރިޔާގެ އަތުން ދެން ގަންނަން ބޭނުންވާ އެއްޗެއް އަންދާޒާ ކުރުމަށް އޭއައި ބޭނުންކުރުމުގެ އިތުރުން، ހަމައެކަނި ގަންނަ ގޮތް ޓްރެކް ކުރުމުގެ އިތުރުން އޭއައި ބޭނުން ކޮށްގެން ވެސް ރިސިޕްޓެއް ލިބޭނެ އެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ވިޔަފާރިވެރިންނަށް ޕާސަނަލައިޒްޑް ރެކޮމެންޑޭޝަނަކާއި ކޭޝްބެކް ރިވާޑް އޮފާއެއް ރަސީދުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލްގެ ކަސްޓަމަރުންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކަސްޓަމަރުން ދުވާލެއްގެ މައްޗަށް އީމެއިލް ރަސީދު ހުޅުވާލައެވެ. މީގެ މާނައަކީ އެތައް މިލިއަން ވިޔަފާރިވެރިންނާއި އެތައް ސަތޭކަ މިލިއަން ކަސްޓަމަރުން، މި ރިސިޕްޓްތަކުގައި ވަގުތުން، ކަސްޓަމައިޒްޑް ރެކޮމެންޑޭޝަންތަކާއި އިނާމުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ސީދާ ކަސްޓަމަރުންނާ އަލުން ގުޅުމުގެ ފުރުސަތު ބޮޑުވެ، ތަކުރާރުކޮށް ޝޮޕިން އާއި ވިޔަފާރީގެ ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑުވެގެން ދެ އެވެ.

އެޑްވާންސްޑް އޮފަރސް

ޕޭޕަލް އެޑްވާންސްޑް އޮފަރސް ޕްލެޓްފޯމްގެ ސަބަބުން ވިޔަފާރިވެރިންނަށް އެކުންފުނީގެ ބޮޑު ކޮންސިއުމަރ ބޭސްއަށް ކަމާގުޅޭ އަދި ވަރަށް ބޮޑަށް ޕާސަނަލައިޒްޑް ރިއަލް ޓައިމް އޮފާތައް ފޯރުކޮށްދޭނީ ޕްރައިވެސީ އާއި ޗޮއިސް ލިބޭ ގޮތަށެވެ.

މި ޕްލެޓްފޯމުން މާޗަންޓުންނަށް ކަސްޓަމަރުންނަށް އޮފާތައް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމުގެ އިތުރުން މާޗަންޓުން ފައިސާ ދައްކާނީ ޕާފޯރމަންސްއަށެވެ.މިބަދަލާއެކު އިމްޕްރެޝަންއާއި ކްލިކްތަކަށް ފައިސާދެއްކުން ހުއްޓާލާނެއެވެ.

ޕޭޕަލްއެޕް ބަދަލުކޮށްލުން

ކްރިސް ވިދާޅުވި ގޮތުގައި އާ ކޮންސިއުމާ އެޕްގެ ސަބަބުން ކަސްޓަމަރުންނަށް ޕޭޕަލްއާ އެކު ޝޮޕިން ކުރަން އިތުރު ސަބަބުތަކެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ދުވަހަކު ކުރާ ކަންކަމަށް ޖީބަށް އިތުރު އިނާމުތަކާއި އިތުރު ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕޭޕަލްގެ ކޭޝްޕާސް ޚިދުމަތް އެޕްތެރޭގައި ހިމަނައި އެމެރިކާގެ މަޝްހޫރު ބްރޭންޑްތަކުގެ އެތައް ސަތޭކަ ހިތްގައިމު، ޕާސަނަލައިޒްޑް ކޭޝްބެކް އޮފާތަކެއް ކަސްޓަމަރުންނަށް ލިބޭނެ މަގުފަހިކޮށްދޭނެއެވެ.

ނެކްސްޓް ޖެނެރޭޝަން ވެންމޯ ބިޒްނަސް ޕްރޮފައިލްސް

ވެންމޯގެ އެންހޭންސްޑް ބިޒްނަސް ޕްރޮފައިލްތަކަކީ ވިޔަފާރިތަކަށް އާ ގްރޯތު ޕްލެޓްފޯމެކެވެ. މިއާއެކު ކުދި ވިޔަފާރިތަކަށް އާ ކަސްޓަމަރުން ހޯދައި، އެ މީހުންގެ ވިޔަފާރިކުރިއެރުވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ބިޒްނަސް ޕްރޮފައިލްތަކުގެ ކުރިއަށް އޮތް ކުރިއެރުމާއެކު ސަބްސްކްރައިބް ބަޓަން، ޕްރޮފައިލް ރޭންކިން އަދި ކަސްޓަމަރުންނަށް ޕްރޮމޯޝަން ދިނުމުގެ ގާބިލުކަން އިތުރުވެ، ވިޔަފާރިތަކަށް ޓްރެފިކް ދުއްވުމަށް ބާރުގަދަ އާ ގޮތްތަކެއް ގެނެސް، ސޭލްސް ޖެނެރޭޓްކޮށް، ވެންމޯ އެޕްގައި ވިޒިބިލިޓީ އިތުރުކޮށްގެން ވިޔަފާރި އިތުރަށް މާނަހުރި ގޮތެއްގައި ކުރިއެރުވޭނެ އެވެ.

ކްރިސް ވިދާޅުވީ ޕޭޕަލްގެ އާ ހަ އިނޮވޭޝަނެއް ތައާރަފް ކުރަމުން އަންނައިރު، އޭގެ ސަބަބުން ކަސްޓަމަރުންގެ ހަގީގީ މައްސަލަ ތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ޕޭމަންޓާއި ކޮމާސްގެ ދުނިޔެ ބަދަލުވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގާތްގަނޑަކަށް 400 މިލިއަން ކޮންސިއުމާ އެކައުންޓާއި 35 މިލިއަން މާޗަންޓް އެކައުންޓް ހިމެނޭ ޕޭޕަލް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އީ-ކޮމާސް މުއާމަލާތްތަކުގެ ހަތަރުބައިކުޅަ އެއްބައި މުއާމަލާތްތައް ބަލަހައްޓައެވެ.

ޑިޖިޓަލް ކޮމާސް 2024 ވަނަ އަހަރު 6 ޓްރިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ވިޔަފާރިވެރިން ބޭނުންވަނީ ޗެކްއައުޓް ގެ ޒަރިއްޔާއިން ކަސްޓަމަރުން ހަލުވިކޮށް، ގެއްލުނު ސޭލްސް މަދުކުރުމަށެވެ.

ކްރިސް ވިދާޅުވީ ޕޭޕަލް ގްލޯބަލް ސްކޭލް އާއި ފުޅާ ޑޭޓާ ސެޓާއި އޭއައިގެ ބާރާއި ގުޅިގެން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ވެސް ކުރިއަށް އޮތް ޖީލުގެ ވެލިއު ފޯރުކޮށްދޭނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.