މޫދަށް ނުވަތަ ފެންއެއްޗަކަށް ވެއްޓިގެން ތެމޭ ސްމާޓްފޯނު ރަނގަޅު ކުރުމަށް އޮތް އެންމެ މޮޅު ހައްލަކީ އެ ފޯނެއް ވަގުތުން ހަނޑޫ ބަސްތާއެއްގެ ތެރެއަށް ލުން ކަމުގައި ގިނަބަޔަކު އައީ ޤަބޫލުކުރަމުންނެވެ. މިއީ ހަމައެކަނި ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮތް ކަމެއް ނޫނެވެ. ބޭރުގެ ހޭލުންތެރި މުޖުތަމައުތަކުގައިވެސް މިހާރުވެސް ވަރަށް ގިނަބަޔަކު ކުރަމުން އަންނަ ކަމެކެވެ.
ހަނޑޫ އެއްޗެއްގެ ތެރެއަށް ފޯން ލުމަށްފަހު ގިނައިރުތަކެއް ކުރުމުން އެފޯނެއްގައި ހުރި ފެންތައް ހިކިގެންދާކަން ލޮޖިކަލީ ޤަބޫލު ކުރެވުނަސް އައިފޯންގެ މައި ކުންފުނި އެޕަލްއިންވަނީ މިފަދަ ހާލަތްތަކުގައި ހަނޑޫ ބޭނުން ނުކުރުމަށް އިންޒާރު ދީ، އެކަމުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވެދާނެ ކަމަށް ބުނެފައެވެ.
އެޕަލް އިން ދާދި ފަހުން ނެރުނު ސަޕޯޓް ޑޮކިއުމެންޓެއްގައި ބުނެފައި ވަނީ ތެމިފައިވާ ފޯނެއް ނުވަތަ އެފަދަ ޑިވައިސްއެއް ހަނޑޫ އެއްޗެއްގެ ތެރެއަށް ލުމަކީ ހަނޑުލުގެ ކުދި ކުދި ޕާޓިކަލްތަކުން އައިފޯނަށް ނުވަތަ އެ ޑިވައިސްއަކަށް ގެއްލުން ދިނުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ. އަދި ފޯނު ހިއްކުމަށް އެކްސްޓަރނަލް ހީޓް ސޯސް އެއް ބޭނުންކުރުން ނުވަތަ ކަނެކްޓަރުގައި ކަފަކޮޅެއް އެޅުން ފަދަ އެހެން ގޮތްތައް ބޭނުން ކުރުމަށް ވެސް އެ ކުންފުނިން ވަނީ ލަފާދީފައެވެ.
ހަނޑުލާ ބެހޭ ގޮތުން އެ ކުންފުނިން ދިން އިންޒާރުގައި އިތުރަށް ބުނެފައިވަނީ ހަނޑޫ ތެރެއަށް ފޯނުލައިގެން ފެންހިއްކައިދެނީ ފޯނުން ފެންހިއްކުމަށް ކައުންޓަރެއްގައި ބެހެއްޓުމަށް ވުރެ މާލަހުން ކަމުގައެވެ. މި ހާލަތްތަކުގައި ވަގުތު ވަރަށް މުހިންމުކަމަށާއި، އެންމެ މުހިންމު ކަމަކީ ފޯނުގެ އެތެރޭގައި ހުންނަ އިލެކްޓްރޯނިކްސް އަށް ފެނުން ގެއްލުން ނުދިނުން ކަމަށް އެ އިލްތިމާސްގައި ބުނެފައިވެއެވެ.
ހަނޑޫ ބޭނުން ކުރުމުގެ ބަދަލުގައި އެޕަލް އިން އިތުރު ހައްލުތަކެއް ވަނީ ކިޔައިދީފައެވެ. އެގޮތުން އެޕަލްއިން ބުނަނީ އައިފޯން ނުވަތަ ޗާޖިން ކަނެކްޓަރު ތެމިއްޖެ ނަމަ އެލާޓެއް ފެންނާނެ ކަމަށެވެ. އެހާލަތުގައި ޗާޖް ނުކުރުމަށެވެ.
1. އެފަދަ އެލާޓެއް ފެނިއްޖެނަމަ، އައިފޯނުން ކޭބަލް އަންޕްލަގްކޮށް، ޕަވާ އެޑަޕްޓަރު ނުވަތަ އެކްސެސަރީއިން ކޭބަލްގެ އަނެއް ކޮޅު ވެސް އަންޕްލަގް ކޮށްލާށެވެ. އައިފޯނާއި ކޭބަލް މުޅިން ހިކުމުން ނޫނީ ދެން ކޭބަލް ޕްލަގް ނުކުރާށެވެ.
2. އެޕަލްއިން އިތުރަށް ބުނެފައިވަނީ ހިކިފޮތިކޮޅެއް ކަހަލަ އެއްޗަކުން ޑިވައިސް ފޮހެލައި ފޯނު ހިއްކާލުމަށެވެ. އަދި އޭގެ ފަހުގައި ހިކިތަނެއްގައި ވައި ދައުރުވާ ގޮތަކަށް ބޭއްވުމަށެވެ.
3. މަދުވެގެން 30 މިނެޓު ފަހުން ޗާޖުކުރަން ނުވަތަ އެކްސެސަރީއެއް ގުޅާލަން މަސައްކަތް ކުރާށެވެ.
4. އަނެއްކާ ވެސް އެލާޓް ފެނިއްޖެ ނަމަ ކަނެކްޓަރުގައި ނުވަތަ ކޭބަލްގެ ޕިންތަކުގެ ދަށުގައި އަދިވެސް ފެންހުރީއެވެ. ދެން އައިފޯނު ހިކި ސަރަހައްދެއްގައި އެއް ދުވަސް ވަންދެން ވައި ދައުރުވާ ގޮތަށް އަނެއްކާވެސް ބާއްވާށެވެ. މި މުއްދަތުގެ ތެރޭގައި ފެން ހިކިއްޖެ ކަމަށް ލަފާކުރެވޭނަމަ، އެސެސަރީއެއް ޗާޖުކުރަން ނުވަތަ ގުޅާލަން އަނެއްކާވެސް މަސައްކަތް ކުރެވިދާނެއެވެ.
ބޮޑަށް ތެމިފައިވާ ފޯނެއް މުޅިން ހިކިލަން 24 ގަޑިއިރު ވެސް ނަގާފާނެ ކަމަށް ބެލެވެއެވެ.
އެޕަލްގެ އިރުޝާދުގައި ބުނެފައިވަނީ އެގޮތްތައް ކާމިޔާބު ނުވެއްޖެ ނަމަ ޕްރޮފެޝަނަލް ރިޕެއާ އެކްސްޕާޓުންގެ އެހީތެރިކަން ބޭނުންވާނެކަމަށެވެ. އަދި ފަހަރެއްގައި އާ އައިފޯނެއް ގަންނަން ތައްޔާރުވާން ވެސް ޖެހިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.