އަކުރު ޓައިޕް- ދިވެހި ފޮންޓް އޮންލައިން މާރކެޓްޕްލޭސް

އަޝްނާ ރަޝީދު 23 ފެބްރުއަރީ 2024

ދިވެހި ރާއްޖޭގެ ފަންނުވެރިންނާއި ފަންނިއްޔާތުގައި މަސައްކަތްކުރާ ފަރާތްތަކުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ދިވެހި ފަންނުވެރިންނަށް ބޭނުންވާ އުކުޅުތަކާއި ރިސޯސްތައް މަދުވުމެވެ. މިގޮތުން ދިވެހި ބަހުން ލިޔެވޭނެ ފަދަ ރީތި ފޮންޓުތައް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ފާހަގަކޮށްލެވެއެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ދިވެހި ކުންފުންޏެއްކަމުގައިވާ އެންކްރިޔާއިން ފޮންޓުވިއްކާ މާކެޓްޕްލޭސްއެއް ތައާރަފުކޮށްފިއެވެ.

އަކުރުޓައިޕްގެ ނަންދީފައިވާ މާކެޓްޕްލޭސް އިން ދިވެހި ފޮންޓު ފަސޭހައިން ލިބުމުގެ އިތުރުން ދިވެހިރާއްޖޭގެ ހުނަރުވެރި ޑިޒައިނަރުންނާއި، ލިޔުންތެރިންނާއި، ޓައިޕް ފައުންޑްރީތަކާއި، ކްރިއޭޓިވް ބްރޭންޑްތަކުން ފަރުމާކޮށްފައިވާ ދިވެހި ފޮންޓްތައް އެއްތަންކޮށްފައިވާ މުއްސަނދި ޕްލެޓްފޯމެކެވެ.

އަކުރުޓައިޕް މާކެޓްޕްލޭސް އުފެއްދި ޓީމް

މި ޕްލެޓްފޯމު 22 ފެބްރުއަރީ 2024ގައި އިފްތިތާހުކޮށްދެއްވީ ދިވެހި ބަހާ ސަގާފަތާއި ތަރިކައާއިބެހޭ ވަޒީރު، އަލްފާޟިލް އާދަމް ނަސީރުއެވެ. މި ޕްލެޓްފޯމު އިފްތިތާހު ކުރަމުން ދިވެހި ބަހުގެ ލޯބި އާލާކޮށް ދުނިޔޭގެ ފެންވަރުގައި ދިވެހި ބަހާއި ދިވެހި ލިޔުންތެރިކަން ޤަބޫލުކުރުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.


ޕްލެޓްފޯރމުގެ މުހިއްމު ބައިތައް:

ފޮންޓު ލައިބްރަރީ

ފޮންޓް ލައިބްރަރީ މެދުވެރިކޮށް މިވަގުތު މި ޕްލެޓްފޯމުން ލިބެން ހުރި ފޮންޓުތައް ބަލާލެވޭނެއެވެ. ފަސޭހަކަމާއެކު ބޭނުން ފޮންޓެއް ހޯދާ، އެކި ބޮޑުމިނުގައި އެ ފޮންޓުން ލަފުޒެއް ލިޔެފައި ހުންނާނެގޮތް ބަލާލެވޭނެއެވެ. މިގޮތުން، އިޙްތިޔާރުކުރާ ފޮންޓެއް ފަސޭހަކަމާއެކު ހޯއްދަވާ، ބޭނުންކުރެވޭނެއެވެ.

މީގެއިތުރުން، އަކުރު ޓައިޕް އިފްތިތާހުކުރުމުގެ ތެރޭގައި އެންކްރިޔާއިންވަނީ އައު ޓައިޕް ފައުންޑްރީއެއްވެސް ތައާރަފުކޮށްފައެވެ. ފިލި ޓައިޕް ފައުންޑްރީގެ ނަންދީފައިވާ މި ޓައިޕް ފައުންޑްރީ އަކީ އެކި ފަރާތްތަކުންނަށް ހަދާފައިވާ ފޮންޓުތަކެކެވެ. މި ފޮންޓުތައް މިވަގުތު އަކުރު ފޮންޓުން ގަންނަން ނުވަތަ ހިލޭ ބޭނުންކުރަން ލިބިދާނެއެވެ.

މި ޕްލެޓްފޯމު މެދުވެރިކޮށް މިހާރު ބޭނުންކުރަމުންދާ ބައެއް ފޮންޓުތަކާއި ބެހޭ މައުލޫމާތުވެސް ލިބިގެންދެއެވެ. މިގޮތުން އެކިފަރާތްތަކުން ހާދަފައިވާ ފޮންޓުތައް ކިއުރޭޓުކޮށް، އެ ފޮންޓުތަކާއި ބެހޭ މުހިންމު މައުލޫމާތު ހިމަނާފައިވެއެވެ.

ކޮންޓްރިބިއުޓަރ ޕްލެޓްފޯރމް

ކޮންޓްރިބިއުޓަރ ޕްލެޓްފޯރމްއަކީ ފޮންޓު އުފައްދާ ފަންނުވެރިން ފޮންޓް ހުށަހެޅުމަށް ޚާއްސަ ބައެކެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ހިލޭ އަދި ވިއްކާ ފޮންޓުތައްވެސް އެ ފޮންޓުތައް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މާކެޓުކުރެވި، ވަރަށް ގިނަ ތަފާތު ވައްތަރުގެ ފޮންޓުތައް ވިއްކޭނެ ގޮތައް ފަރުމާކޮށްފައިވާ ބައެކެވެ. .

މި ވަގުތު 3 ފަރާތަކުން ދަނީ މި ޕްލެޓްފޯމަށް ކޮންޓްރިބިއުޓު ކުރަމުންނެވެ. އަދި އިތުރު ފަރާތްތަކަށްވެސް ވެސް ފަސޭހަކަމާއެކު މި ޕްލެޓްފޯމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިގޮތުން މި ޕްލެޓްފޯމުގައި ފޮންޓުތައް ހިލޭ އަދި ވިއްކާގޮތައްވެސް ކޮންޓްރިބިއުޓުކުރެވިދާނެއެވެ. ވިއްކާ ފޮންޓުތަކުގައި އެކިފަރާތްތަކުންގެ ބޭނުންތަކާއި ގުޅޭގޮތައް ފޮންޓު ވިއްކިދާނެއެވެ. މީގެއިތުރުން، މި ޕްލެޓްފޯމު މެދުވެރިކޮށް އަތުން ލިޔެފައިވާ ފޮންޓުތައް ޑިޖިޓަލްކޮށް ބޭނުންކުރެވޭ ފޮންޓަކަށް ހެދޭނެގޮތްވެސް ވަނީ ހިމަނާފައެވެ. މިއީ ފޮންޓު ހެދުމަށް ޝައުޤުވެރިކަން ހުންނަ ނަމަވެސް މިކަމުގެ ފަންނު ނުހުންނަ ފަރާތްތަކުންނަށް ހުންނަ އަގުހުރި ހިދުމަތެކެވެ.

މި ޕްލެޓްފޯމު ބޭނުންކުރަން ބޭނުންވާ ފަރާތްތަކުންނަށް www.akurutype.com ޒިޔާރަތްކޮށް، އެކިކަހަލަ ދިވެހި ފޮންޓުތަކާއި ޓައިޕްފޭސްތައް ބެލުމުގެ ފުރުސަތުލިބިގެންދާނެއެވެ.

'އަކުރު ޓައިޕް' ގެ އަމާޒަކީ ތާނަ އަކުރުގެ ފަހުރުވެރި މާޒީން އުޖާލާ މުސްތަގުބަލެއްގައި ފިލި ޖެހުމެވެ. ތަފާތު، ރީތި ތާނަ ފޮންޓްތަކެއްގެ ޗޮއިސް ދިވެހިންނަށް ހޯދައިދިނުމެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.