އެކިއެކި ބޭނުންތަކުގައި ޖައްވަށް ދޫކޮށްފައި ހުންނަ ސެޓެލައިޓްތަކަށް ފަސޭހަކަމާއެކު ހަމަލާދެވޭ ކައުންޓަރ ސްޕޭސް މުޅިން އާސޓެލައިޓެއް ތައާރަފްކޮށްފިކަމަށް އެމެރިކާއިން ބުނެފިއެވެ.
ރަޝިޔާއިން މިދިޔަ ހަފުތާގައި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ މި އާ ކައުންޓަރ ސްޕޭސް ސެޓެލައިޓް އޯބިޓަށް ފޮނުވާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާކަމަށް ޕެންޓަގަންއިން ބުނެއެވެ.
ޕެންޓަގަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ މެއި މަހުގެ 16 ވަނަ ދުވަހު ރަޝިއާއިން ސެޓެލައިޓެއް ލޯ އާތު އޯބިޓަށް ފޮނުވި ކަމަށާއި އެއީ އެހެން ސެޓެލައިޓްތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ކައުންޓާ ސްޕޭސް ހަތިޔާރެއް ކަމަށް ބެލެވޭ ކަމަށެވެ.
ރައިޑާ ވިދާޅުވީ ކަންބޮޑުވާ ކަމަކީ ރަޝިއާގެ މި ހަތިޔާރު މިހާރު އެމެރިކާގެ ސަރުކާރުގެ އޮޕަރޭޝަނަލް ސެޓެލައިޓަކާ އެއް މަގަކަށް ދަތުރުކުރަމުން ދިއުންކަމަށެވެ.
"ރަޝިއާއިން މި އާ ކައުންޓާ ސްޕޭސް ހަތިޔާރުގެ އަމާޒު ހުރީ އެމެރިކާ ސަރުކާރުގެ ސެޓެލައިޓަކާ އެއް އޯބިޓަކަށް،" ރައިޑާ ވިދާޅުވިއެވެ.
މިއީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ރަޝިއާއިން ލޯންޗްކުރި ކައުންޓާ ސްޕޭސް ޕެލޯޑްތަކާ އެއްގޮތް ޕެލޯޑްތަކެކެވެ.
ރައިޑާ ސީދާ އެމެރިކާގެ ސެޓެލައިޓަށް އޮތް ނުރައްކަލެއްގެ ގޮތުގައި ލޭބަލް ކޮށްފައި ނުވި ނަމަވެސް ޕެންޓަގަން އިން އެއީ ސީރިއަސް ކަންބޮޑުވުމެއްގެ ގޮތުގައި ދެކޭ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ. އަދި ޖައްވީ ދާއިރާ އާއި މަސްލަހަތު ހިމާޔަތްކޮށް ދިފާއު ކުރުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބަޓް ވުޑް އެންމެ ފުރަތަމަ ރަޝިޔާގެ ލޯންޗް ރަސްމީކޮށް ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. މެއި މަހުގެ 16 ވަނަ ދުވަހު ލޯންޗްކުރި ބާވަތަކީ ކޮބައިކަން ރަޝިޔާއިން ރަސްމީކޮށް ބުނެދީފައެއް ނުވެއެވެ.
މިފިޔަވަޅުގެ ސަބަބުން އެންޓިމިސައިލް ފެތުރުމުގެ ކަންބޮޑުވުންތަކާއި، ރަޝިޔާއާއި ހުޅަނގުގެ ޤައުމުތަކުގެ މެދުގައި ބޭރު ޖައްވުގައި ހަތިޔާރުގެ އާ ރޭހެއް އުފެދުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
މި ކަން ހިނގާފައިވަ މިވަނީ މީގެ ކުރިން ރަޝިޔާއިން އެންޓި ސެޓެލައިޓް ހަތިޔާރާއި މިސައިލް އުދުއްސާލި ޓެސްޓުތަކާ ގުޅިގެން ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.