އިންޓަނެޓަކީ އަހަރުމެނަށް އޭގެ ސައިޒު ތަސައްވަރު ވެސް ނުކުރެވޭހާ ބޮޑު، މައުލޫމާތުގެ ހަޒާނާއެކެވެ. އިންޓަނެޓުގައި އަހަރުމެން އެންމެންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި ގުޅިފައިވާ އެތަށް ގިނަ ދާއިރާތަކެއްގެ މައުލޫމާތު އެކުލެވޭ އެތައް ސަތޭކަ ބިލިއަން އިންޑެކްސް ވެބްޕޭޖްތަކެއް ހިމެނެއެވެ. ދުވަހެއް ދުވަހަކަށް އަހަރުމެން ކުރާ ކޮންމެ ކަމެއްގައި އިންޓަރނެޓަށް ބަރޯސާވާ މިންވަރު ދަނީ އިތުރުވަމުންނެވެ. ލިޔުންތަކާއި، ފޮތްތަކާއި، ފޮޓޯތަކާއި، ހަބަރުތަކާއި އެހެނިހެން ވަސީލަތްތައް ހޯދުމަށް އިންޓަރނެޓަށް ބަރޯސާވާ މިންވަރު އިތުރުވެގެން ދިޔަނަމަވެސް، މިކޮންޓެންޓްތައް ބައެއް ފަހަރު ހޯދަން ބޭނުންވާއިރު ފެންނާކަށް ނުހުރެއެވެ.
ޕިއު ރިސަރޗް ސެންޓަރުން ކޮށްފައިވާ އައު ދިރާސާއަކުން ދައްކާ ގޮތުގައި އިންޓަރނެޓްގައި ހިމެނޭ ވެބްސައިޓްތަކާއި އޮންލައިން ކޮންޓެންޓުތައް ދަނީ މަޑުމަޑުން ގެއްލެމުންނެވެ.
އަހަރުމެން އަބަދުވެސް އަޑުއަހަނީ އިންޓަނެޓުގައި އެއްޗެއް ހިއްސާ ކުރާނަމަ ވަރަށް ވިސްނާފައި ހިއްސާކުރުމަށެވެ. އެއީ އިންޓަނެޓުގައި ހުންނަ ކޮންޓެންޓަކީ ދާއިމަށް ދެމިގެންދާނެ ކޮންޓެންޓްކަމަށް ވާތީއެވެ. އިންޓަނެޓަކީ ހިއްސާ ކުރާ ކޮންމެ މައުލޫމާތެއް، ކޮންމެ ކޮންޓެންޓެއް ހަނދާން ނުނެތޭނެ، ނައްތާނުލާނެ ތަނެއްކަމަށެވެ. އެހެން ނަމަވެސް އިންޓަނެޓުގައި ހިމެނޭ ވެބްސައިޓުތަކާއި އޭގައި ހިމެނޭ މައުލޫމާތުތައް ފުޅާ މިންވަރެއްގައި ގެއްލިގެންދާކަމަށް ދާދި ފަހުން ކޮށްފައިވާ މިދިރާސާއިން ދައްކައެވެ.
މިދިރާސާއިން ދައްކާ ގޮތުގައި ވެބްޕޭޖުތަކާއި އޭގައި ހިމެނޭ މައުލޫމާތު ނެތިގެންދާ އެންމެ މައިގަނޑު ސަބަބުތަކަކީ ޕޭޖުތައް ޑިލީޓް ކުރުމުން ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުންނެވެ. އަދި ފާހަގަކޮށްލެވޭ މުހިއްމު އަނެއް ކަމަކީ މިމައްސަލަ ބޮޑަށް ދިމާވަނީ މިހާރުވެސް ބޭނުންކުރާ ފަންކްޝަނަލް ވެބްސައިޓްތަކުގެ ބައިބައި މަދުވާތީއެވެ. ވެބްސައިޓްތަކުގެ ބައިތަކެއް މަދުވުމުން ގެއްލޭ މިންވަރު، މުޅި ވެބްސައިޓް އެއްކޮށް ނެތިގެން ގެއްލޭ މިންވަރަށް ވުރެ ގިނައެވެ.
މިދިރާސާގައި ބޭނުންކޮށްފައިވަނީ ކޮމަން ކްރޯލް ބޭނުންކޮށްގެން އެއްކޮށްފައިވާ ގާތްގަޑަކަށް މިލިއަނެއްހާ ވެބްސައިޓްތަކުގެ ތެރެއިން ރެންޑަމްކޮށް ނަގާފައިވާ ސާމްޕަލް ވެބްސައިޓްތަކެކެވެ. ކޮމަން ކްރޯލްއަކީ އިންޓަނެޓްގެ ބައެއް ބައިތައް އަރުޝީފުކުރުމުގެ ހިދުމަތްދޭ ޕްލެޓްފޯމެކެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލް ވެބްސައިޓްތައް އިހުތިޔާރު ކުރުމަށް ފަހު ދިރާސާވެރިން ދެން ބަލާފައިވަނީ 2013 އާއި 2023 އާ ދެމެދު އެވެބްޕޭޖުތައް ދެމިއޮތްތޯއެވެ.
މިދިރާސާގެ ބައެއް ނަތީޖާ އަދަދުތަކަށް ބަލާލާނަމެވެ.
- ދިރާސާގައި ހިމެނުނު ހުރިހާ ވެބްޕޭޖްތަކުގެ ތެރެއިން %25 މިހާރު ލިބެން ނެތް ކަމަށް ދިރާސާގެ ނަތީޖާގައި ފާހަގަކޮށްފައިވެއެވެ. މިދެންނެވުނު %25 ތެރެއިން %16 ލިންކު ނެތް ނަމަވެސް ލިންކުން ޑައިރެކްޓް ކުރަނީ މިހާރުވެސް މަސައްކަތް ކުރާ ވެބްސައިޓްތަކަށެވެ. ބާކީ %9 ލިންކު ޑައިރެކްޓް ކުރާ މުޅި ވެބްސައިޓް އެއްގޮތަކަށް ވެސް ނުހުރެއެވެ.
- 2013 ވަނަ އަހަރު ވުޖޫދުގައި ހުރި ވެބްޕޭޖުތަކުގެ ތެރެއިން %38 މިހާރު ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ވަރަށް ފަހަށް ދަންދެން ހުރި ވެބްޕޭޖުތައްވެސް ހިމެނެއެވެ. 2023 ވަނަ އަހަރު ހުރި ވެބްޕޭޖުތަކުގެ ތެރެއިން %8 މިހާރަކު ނެތެވެ.
- ހަބަރު ހިމެނޭ ވެބްސައިޓްތަކަށް ބަލާލައިފިނަމަ، މިފަދަ ވެބްސައިޓްތަކުގެ ތެރެއިން %23 ވެބްސައިޓްގައި އެންމެ މަދުވެގެން މަސައްކަތް ނުކުރާ 1 ލިންކް ހިމެނެއެވެ. އޭގެ މާނައަކީ ހަބަރު ލިޔުނު ވަގުތު މަސައްކަތް ކުރި ވެބް ޕޭޖް ލިންކުތައް ފަހުން ނުހުރެއެވެ.
- ހަމަ އެފަދައިން ސަރުކާރުގެ ވެބްސައިޓްތަކުގެ ތެރެއިން %21 ވެބްސައިޓްތަކުގައި ހުންނަ އެންމެ މަދުވެގެން 1 ލިންކް މިހާރު މަސައްކަތެއް ނުކުރެއެވެ.
- ވިކިޕީޑިއާގައި ހިމެނޭ %54 ވެބްޕޭޖުގައި ރިފަރެންސްގެ ގޮތުގައި ހިމަނާފައިވާ ލިންކުތަކުގެ ތެރެއިން އެންމެ މަދުވެގެން 1 ލިންކު ޑައިރެކްޓް ކުރަނީ މިހާރު ނެތް ވެބްޕޭޖުތަކަށެވެ.
މިނަތީޖާތަކުގެ މާނައަކީ އިންޓަރނެޓުގައި ހިމެނޭ ގިނަ އަދަދެއްގެ ހަބަރުތަކާއި މުހިންމު ރެފަރެންސް ކޮންޓެންޓްތައް ނެތިގެންދާކަމެވެ.
އިންޓަރނެޓުން މައުލޫމާތު ގެއްލޭ މިންވަރު ދެނެގަތުމަށް ކުރި މިދިރާސާގައި ސޯޝަލް މީޑިއާ ކޮންޓެންޓްވެސް ހިމަނާފައިވެއެވެ. މިގޮތުން 2023ގެ މާރޗް، އެޕްރީލް އަދި މެއި، މި 3 މަހުގެ ތެރޭގައި ކޮށްފައިވާ ބައެއް ޓްވީޓްތައް ރެންޑަމްކޮށް އެއްކޮށްފައިވެއެވެ. އަދި މިޓްވީޓްތައް ދިރާސާކުރުމަށްފަހު ބައެއް ނަތީޖާ ހާމަކޮށްފައިވެއެވެ.
- ދިރާސާގެ 3 މަހުގެ މުއްދަތަށް ފަހު ގާތްގަނޑަކަށް ކޮންމެ 5 ޓްވީޓުގެ ތެރެއިން 1 ޓްވީޓް އާންމުކޮށް ފެންނާކަށް ނުހުރެއެވެ. މިދެންނެވުނު ގެއްލުނު ޓްވީޓްތަކުގެ ތެރެއިން %60 ކޭސްތަކުގައި ދިމާވާ މައްސަލަތަކީ އަސްލު ޓްވީޓް ކުރި އެކައުންޓް ޕްރައިވެޓްކޮށްފައިވުން، ސަސްޕެންޑްކޮށް ނުވަތަ އެކައުންޓް މުޅިން ޑިލީޓްކޮށްފައިވުމެވެ. ބާކީ %40 ގައި ދިމާވެފައިވާ މައްސަލައަކީ އެކައުންޓް އެކްޓިވްވި ނަމަވެސް، ވަކިވަކި ޓްވީޓް ޑިލީޓްކުރުމެވެ.
- މިދިރާސާގެ ސޯޝަލް މީޑިއާ ކޮމްޕޯނަންޓުން ދެން ފާހަގަވި އަނެއް ކަމަކީ ވަކި ބާވަތުގެ ޓްވީޓްތައް ގިނައިން ޑިލީޓްކުރާކަމެވެ. ދިރާސާގައި ހިމެނުނު ތުރުކީ ނުވަތަ އަރަބި ބަހުން ލިޔެފައިވާ ޓްވީޓްތަކުގެ %40 އަށްވުރެ ގިނަ ޓްވީޓް ޕޯސްޓް ކުރާތާ 3 މަސް ދުވަހުގެ ތެރޭގައި ޑިލީޓްކުރެއެވެ.
މިދިރާސާއާއި ގުޅިގެން ޝާއިއުކޮށްފައި ރިޕޯޓް "When Online Content Disappears" ޕިއު ރިސާޗް ސެންޓަރުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެ އެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް