ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް އިމިގްރޭޝަން ވޮޗް

އަޙްމަދު ދާއޫދު 17 ޖުލައި 2024

ދިވެހިރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރުމަށް އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު "އިމިގްރޭޝަން ވޮޗް" ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފައިވާއިރު، މި ޕްލެޓްފޯމަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ.

އިމިގްރޭޝަނުން ތަޢާރަފްކުރި މި ޚިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތްކުރެވޭނެ ވަރަށް ފުރިހަމަ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

"އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހާމަނުކޮށް، އެނޮނިމަސްކޮށްވެސް މައްސަލަ ރިޕޯޓުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމުގެ ޒަރީއާއިން އާންމުންނަށް ބޭނުންވާ ބައެއް މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްވެސް ވަނީ އިމިގްރޭޝަނުން ހަމަޖައްސާފައެވެ.

24 ގަޑިއިރު ޚިދުމަތްދޭ މި ޕްލެޓްފޯމަށް ފޮޓޯއާއި އެހެނިހެން މަޢުލޫމާތު ހުށަހަޅައި ރިޕޯޓުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ޕްލެޓްފޯމް ތަޢާރަފުކުރުމަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް Imuga.immigration.gov.mv އަށް ގޮސް، އިމިގްރޭޝަން ވޮޗް ޚިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.

މިފަދަ ޕްލެޓްފޯމެއްގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ނުގަވައިދުން އުޅޭ ބިދޭސީން ހޯދާ އެމީހުން ގަވައިދަށް ފެއްތުން ނުވަތަ އަނބުރާ އަމިއްލަ ގައުމަށް ފޮނުވާލުމެވެ.

ދިވެހިރާއްޖޭގައި ބިދޭސީންގެ މައްސަލަ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިއުމަކީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނޭދެވޭ އަސަރުކޮށް، ދިވެހިންނަށް ލިބެންޖެހޭ ވަޒީފާގެ ފުރުޞަތުތައް ގެއްލެމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ބިދޭސީންގެ ސަބަބުން ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތަކަށް ބުރަ ބޮޑުވެ، ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައިވެއެވެ. އަދި ޤައުމުގެ މާލީ ވަސީލަތްތައް ބޭރަށް ދިއުމާއި، ކުށްކުރުން އިތުރުވުން ފަދަ އިޖްތިމާޢީ މައްސަލަތައްވެސް ދިމާވަމުންދެއެވެ.

މި ހުރިހާ ކަމަކީވެސް ޤައުމުގެ އިޤްތިޞާދަށާއި އިޖްތިމާޢީ ފޭރާމަށް ނޭދެވޭ އަސަރުކުރަމުންދާ ކަންކަމެވެ.

އިމިގްރޭޝަން ވޮޗް މެދުވެރިކޮށް މައްސަލަ ހުށަހަޅާނެގޮތް:

1. ޕްރައިވެސީއާއިސެކިއުރިޓީގެ އެއްބަސްވުމުގައި ޓިކް ލާށެވެ. ދެން މައްސަލަ ހުށަހަޅަން ބޭނުންވާ ގޮތް އިޚްތިޔާރު ކުރާށެވެ.

2. ދެވަނަ ފިޔަވަޅަކަށް ހުށަހަޅަން ބޭނުންވާ މައްސަލައިގެ ކެޓަގަރީ އިޚްތިޔާރުކޮށް ރިޕޯޓްކުރަން ބޭނުންވާ މީހާއާއި ބެހޭގޮތުން އެނގޭ މައުލޫމާތު ފުރިހަމަ ކޮށްލާށެވެ.

3. ތިންވަނަ ފިޔަވަޅުގައި ޖެހޭނީ އިތުރު މައުލޫމަތު އެނގޭނަމަ އެބައި ފުރިހަމަ ކުރާށެވެ.

4. އެންމެ ފަހުން ދެންޖެހޭނީ ފޯމް ނުވަތަ މައްސަލަ ސަބްމިޓްކޮށްލާށެވެ.

މި ޕްލެޓްފޯރމް އަށް މައްސަލައެއް ރިޕޯރޓުކުރާއިރު ރިޕޯރޓުކުރީ ކާކުން އިނގެން ބޭނުން ނުވާނަމަ އެގޮތަށް ޚިޔާރުކުރެވިދާނެއެވެ. ނަމަވެސް ސައިޓްގެ ޓަރމްސް އެންޑް ކޮންޑިޝަންސްގައި ވާ ގޮތުން އިމުގަ ސައިޓްބޭނުން ކުރާއިރު ސައިޓްއަށް އެކްސެސްކުރާ ޑިވައިސް، އައިޕީ އަދި އެހެނިހެން ބްރައުޒަރގެ މައުލޫމާތު ސައިޓްއަށް ލިބޭނެއެވެ. އެހެންކަމުން ރިޕޯޓްކުރިމީހާގެ މިފަދަ މައުލޫމާތު ސިއްރުކުރަން ބޭނުންނަމަ ޓޯރ ބްރައުޒަރއެއް ކުރެވިދާނެއެވެ.

މިފަދަ ރިޕޯރޓިން ޕްލެޓްފޯރމުތަކަށް މައްސަލަ ހުށައަޅާ މިންވަރާއި ބާވަތް އަދި ހައްލުކުރެވޭ މިންވަރު އަދި ހައްލުކުރިގޮތް އެނގޭނެހެން ޑޭޓާ ފެންނަން ހުރުމުން މިފަދަ ޕްލެޓްފޯރމުތަކުގެ ބޭނުންކުރުމަށް އެޅޭ ބާރަކަށް ވާނެއެވެ.


އިތުރަށް ކިޔާލުމަށް:

"ރައްޔިތުންގެ އަޑު" ރައީސުލްޖުމްހޫރިއްޔާއާއި ހަމައަށް


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.