"ރައްޔިތުންގެ އަޑު" ރައީސުލްޖުމްހޫރިއްޔާއާއި ހަމައަށް

ހިންދު ޢަލީ 24 ފެބްރުއަރީ 2024

ރައްޔިތުންނާއި ސަރުކާރާއި ގުޅުވާދިނުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ރައްޔިތުންގެ އަޑު' ގެ ނަމުގައި ޑިޖިޓަލް ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ. މިއީ ރައްޔިތުންގެ ހިޔާލުތަކާއި ޝަކުވާތައް، ކޮންމެ ވަގުތަކުވެސް، ސީދާ ރައީސަށް ހުށަހެޅޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.

މި ޕޯޓަލުގެ ޒަރީއާއިން ސަރުކާރުގެ ހިންގުމާއި، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅިގެން ރައްޔިތުންގެ ހިޔާލާއި، ކަންބޮޑުވުންތަކާއި، ޝަކުވާތައް ހުށަހެޅުމަށާއި، ސަރުކާރާއި މެދު ރައްޔިތުން ފާޅުކުރާ ހިޔާލުތައް ރަސްމީކޮށް ބަލައިގަނެ، ހިއްސާކުރުމަށް މަގު ފަހިވެގެންދާނެއެވެ.

މިއީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމުގައި ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ފާހަގަކޮށްފައިވެއެވެ. މިސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ކިބައިން އޮޅުންފިލުވާ، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުން ކަމުގައި ވެސް އެއޮފީހުން ވިދާޅުވެއެވެ.

މިޕޯޓަލް ބޭނުންކުރެވެނީ އީ-ފާސް މެދުވެރިކޮށް ލޮގިންވުމަށް ފަހުއެވެ. މިޕޯޓަލް އަކީ ވަރަށް ސިމްޕަލްކޮށް ތައްޔާރުކޮށްފައިވާ ބޭނުންކުރަން ފަސޭހަ ޕްލެޓްފޯމެކެވެ.

ޕްލެޓްފޯމް ބޭނުންކުރުމަށްޓަކައި ލޮގިންވުމަށް ފަހު ޝަކުވާއެއް ނުވަތަ ހިޔާލެއް ހުށަހެޅުމަށް އެކަމަކަށް ކަނޑައެޅިފައިވާ ބައިން ވަރަށް ކުޑަ ފޯމެއް ފުރާލައިގެން ޝަކުވާ ނުވަތަ ހިޔާލު ހުށަހަޅާލެވެއެވެ. ޝަކުވާ/ހިޔާލު ހުށަހެޅުމުގައި ފުރަން ޖެހޭ ފޯމުގައި ހިމެނެނީ ޝަކުވާ/ހިޔާލުގެ ކެޓަގަރީ ނުވަތަ ބާވަތާއި، ކަމާބެހޭ އިތުރު ތަފްސީލުތަކާއި، އަދި ހުށަހަޅުއްވަން ބޭނުންވާ އިތުރު ޑޮކިޔުމަންޓްތަކެއް އެޓޭޗްކުރެވޭނެ ބައެކެވެ.

މީގެ އިތުރުން މި ޕޯޓަލްގައި ހިމެނެނީ ހިޔާލު ނުވަތަ ޝަކުވާ ހުށަހަޅާ ފަރާތުން ފޮނުވާ ހުރިހާ ހުށަހެޅުންތައް ވަކިން ހިމެނޭ ބައެކެވެ.

ޕްލެޓްފޯމް ބޭނުންކުރުމުގެ ގާނޫނާއި ހިލާފު އަދި އެއްވެސް ފަރާތެއްގެ އަބުރަށް ގެއްލުންވާނެ ފަދަ ކަންކަމާއި ގަނާކުރުމާއި، އިންޒާރު ދިނުން ފަދަ ކަންކަމުން ދުރުހެލިވުމަށް ޕްލެޓްފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޕޯޓަލްއަށް ތަކެތި ހުށަހެޅުމުގައި އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް، ޕްރައިވެސީ ރައިޓްސް އަދި ޕަބްލިސިޓީ ރައިޓްސްއަށް ގެއްލުން ނުވާނެ ގޮތަށް ހުށަހެޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. ޕޯޓަލްއަށް ހުށަހެޅޭ ކޮންޓެންޓް ރައީލްސުލްޖުމްހޫރިއްޔާގެ އޮފީހުން މޮނިޓަރކޮށް މޮޑަރޭޓް ކުރާނެއެވެ.

ޕޯޓަލްގެ ޕްރައިވަސީ ޕޮލިސީގައި ހިމެނިފައިވާ ބައިތަކުގައި، މިޕްލެޓްފޯމް މެދުވެރިވެ 'އީފާސް' އެކައުންޓުގައި އެކުލެވޭ، ޕޯޓަލް ބޭނުންކުރާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އެޑްރެހާއި، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ފަދަ ޒާތީ މައުލޫމާތު ރައްކާކުރާނެކަން ފާހަގަކޮށްފައިވެއެވެ. މިމައުލޫމާތު ބޭނުންކުރަނީ ޚިދުމަތްތަށް އެދޭ ފަރާތްތަކުގެ ރިކުއެސްޓްތައް ޕްރޮސެސްކުރުމަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ރިކުއެސްޓް ކުރާ ކަންތައްތައް ޕްރޮސެސް ކުރެވެމުންދާ މިންވަރަކުން އެފަރާތްތަކަށް ނޮޓިފިކޭޝަން ފޮނުވުމަށްވެސް މިމައުލޫމާތު ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން މިޕްލެޓްފޯމަށް ހުށަހަޅާ މައްސަލަތަކާއި އެއާއި ގުޅޭ ޖަވާބުތަކުގެ އިތުރުން، ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ބްރައުޒަރގެ މައުލޫމާތާއި، ޑިވައިސްގެ ބާވަތާއި، އައި.ޕީ. އެޑްރެހާއި ކުކީސްވެސް ރައްކާކުރާނެއެވެ.

މިޕްލެޓްފޯމަކީ ކުރިންވެސް ފާހަގަކުރެވުނު ފަދައިން ބޭނުންކުރަން ފަސޭހަ ވަރަށް ސިމްޕަލް ސިސްޓަމެކެވެ. އެހެން ނަމަވެސް އާންމުކޮށް ޝަކުވާ ހުށަހަޅާ ޕްލެޓްފޯމްތަކުގައި އެކުލެވޭ ބައެއް ކަންކަން އަދި މަދުކަން ފާހަގަކޮށްލަމެވެ.

ކާކުކަން ނޭގޭގޮތަށް ނުވަތަ އެނޮނިމަސްކޮށް ޝަކުވާ ހުށަހެޅުން

މިނިޒާމުގެ އަމާޒަކީ ސީދާ ރައީސްއާ މުއާމަލާތް ކުރުންކަމަށްވެފައި، ލޮގިން ކޮށްގެން ހުށަހެޅުންތައް ހުށަހަޅަން ޖެހޭ ގޮތަށް ޕޯޓަލް ތައްޔާރުކޮށްފައިވަނީ ހުށަހަޅާ ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ ސީރިއަސްކަން ކަށަވަރު ކުރުމަށާއި ބޭކާރު ބައިތައް މަަދުކުރުންކަމަށް ވެދާނެއެވެ. އެހެން ނަމަވެސް ކާކުކަން ނޭގެ ނުވަތަ އެނޮނިމަސް އޮޕްޝަނެއް ހިމެނިއްޖެ ނަމަ ޝަކުވާ ހުށަހެޅުމުގައި، ހާއްސަކޮށް ނާޒުކު މައްސަލަތަކުގައި، ކާކުކަން ދެނެގަތުމަށް ފަސްޖެހޭ ރައްޔިތުން މިކަމުގައި ބައިވެރިވެ މުއާމަލާތުކުރުމަށް ހިތްވަރު ލިބިދާނެކަން ކަށަވަރެވެ.

މީގެ ފައިދާތަކަކީ މައްސަލަ ހުށަހަޅާ ފަރާތެއް އެނގި ފިޔަވަޅެއް އަޅާފާނެކަމުގެ ބިރެއް ނެތި ނާޒުކު މައްސަލަތައް ނުވަތަ ކަންބޮޑުވުންތައް ރިޕޯޓްކުރުމަށް ރައްޔިތުންނަށް ހިތްވަރު ލިބުމާއި، ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވަސީ ރައްކާތެރިކަން ހިފެހެއްޓުމާއި، އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ތަފާތު ކުރުމެއް ނުގެންގުޅުމާއި، ކާކުކަން އެނގިދާނެތީ ފަސްޖެހިދާނެ ރައްޔިތުން މަދުކުރެވުމެވެ.

ޝަކުވާ ހުށަހަޅާ މިންވަރުގެ ޑޭޓާ ޕްލެޓްފޯމުގައި ހިމެނުން

ޝަކުވާ/ހިޔާލު ހުށަހަޅާ ފަރާތްތަކުން އާންމުކޮށް ހުށަހަޅާ ބާވަތުގެ މައްސަލަތަކާއި، ޕްލެޓްފޯމަށް ލިބޭ ޝަކުވާ/ހިޔާލުތަކުގެ ޑޭޓާ، ޕްލެޓްފޯމަށް ލޮގިން ނުކޮށްވެސް ބަލާލެވެން ހުރުމަކީ މިހިދުމަތް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެކަމެކެވެ. މިސާލަކަށް ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ޝަކުވާ/ހިޔާލު ތަކުގެ އަދަދު، ނުވަތަ ވަކި އިދާރާއަކާއި ބެހޭގޮތުން ނުވަތަ ވަކި ހިދުމަތަކާއި ބެހޭ ގޮތުން ލިބޭ ޝަކުވާ/ހިޔާލުތަކުގެ އަދަދު، ހުށަހެޅޭ ޝަކުވާތައް ރިވިއުކޮށް ޖަވާބުދެވޭ އަދަދުތައް، ފަދަ ޑޭޓާ ޕްލެޓްފޯމުގައި ހިމެނިދާނެއެވެ.

މީގެ އިތުރުން ޝަކުވާ ހުށަހެޅި ވަކި ފަރާތެއް ނޭގޭގޮތަށް ވަކި ބާވަތެއްގެ ޝަކުވާއެއް ހައްލު ކުރެވުނުގޮތުގެ މައުލޫމާތުވެސް ޕްލެޓްފޯމުގައި ހިމެނިދާނެއެވެ. މީގެ ސަބަބުން އިތުރަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިތުރު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

މިބައިތައް ހިމެނިއްޖެ ނަމަ ރައްޔިތުންގެ އަޑު (citizensvoice.gov.mv) ބޭނުންކުރާ ފަރާތްތައް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.