ދިވެހިޓޭލްސް: ދިވެހި ވާހަކައާއި އޭއައި ގުޅުވާލަދޭ ޕްލެޓްފޯމް

ހިންދު ޢަލީ 25 ޖުލައި 2024

ކުރީގެ ޖީލުތަކާއި އަޅާބަލާފައި، މިހާރުގެ ޒުވާންކުދިން ދިވެހި ބަހަށް ނުފަރިތަ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވޭ ވާހަކައެވެ. ޒުވާނުންނާއި ކުޑަކުދިން ވާހަކަ ދެއްކުމުގައި އިނގިރޭސި ބަސް ގިނައިން ބޭނުންކުރުން ނުވަތަ ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނި ކޮށްގެން ބޭނުންކުރާކަމުގެ ޝަކުވާ އަޑުއިވުމަކީ މިހާރު އާންމުކަމެކެވެ. މިވާހަކަ ބައެއް ފަހަރު އާންމު މީޑިއާތަކުގައި ނުވަތަ ސޯޝަލް މީޑިއާގައި ފެންނަ މިންވަރު މަދެއް ނޫނެއެވެ.

މިކަމުގައި ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޑަކުދިންނަށް ގޭގައި ބޭނުންކުރެވޭނެ ރަނގަޅު ދިވެހި ކޮންޓެންޓް ނުހުންނަ ކަމެވެ. ފަހަކަށް އައިސް މާކެޓުގައި ދިވެހި ބަހުން ލިޔެފައި ހުންނަ ކުޑަކުދިންގެ ފޮތްތައް ގިނަވެފައިވާކަން ފާހަގަކުރަމެވެ. އެހެން ނަމަވެސް މިހާރުގެ ޑިޖިޓަލް ޒަމާނުގައި ބޮޑުވާ ކުދިންނަށް ދިވެހި ބަސް ކިޔުމަށް ޝައުގުވެރިކަން އުފެއްދިދާނެ ފެންވަރު ޑިޖިޓަލް ތަކެތި ނުވަތަ ކޮންޓެންޓް ވަރަށް މަދެވެ.

ދިވެހި ބަހުން އުފައްދާފައިވާ ޑިޖިޓަލް ކޮންޓެންޓް އެދެވޭ މިންވަރަކަށް ނެތްނަމަވެސް ޓެކްނޮލޮޖީގެ ބޭނުންކޮށް ދިވެހި ބަސް ކުރިއެރުވުމަށް އެތަކެއް މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. ފާއިތުވި އަހަރުތަކުގައި ދިވެހި ޓެކްސްޓް ޓު ސްޕީޗް އަދި ސްޕީޗް ޓު ޓެކްސްޓް ބަދަލުކުރުމަށް ބޭނުންވާ އޭއައި މޮޑެލްތައް ތަރައްގީ ކުރެވިގެން ދިޔަތަން އަޅުގަނޑުމެންނަށް ވަނީ ހަބަރުތަކުން ފެނިފައެވެ. އަދި ދިވެހި ބަސް ޒަމާނީ ކުރުމަށް ދިވެހި ޖީޕީޓީ ފަދަ އުފެއްދުންތައް ވެސް ވަނީ އުފައްދާފައެވެ.

މިއަދު މިއާޓިކަލްގައި ބަލާލަން މިއުޅެނީ ކުރިން ދެންނެވުނު ފަދައިން ބެލެނިވެރިންނާއި އެހެން ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ އުފެއްދުމަކަށެވެ. ކުޑަކުދިންނަށް ދިވެހި ބަސް ދަސްކުރުމަށް އެހީތެރިވުމަށްޓަކައި، އޭއައި މެދުވެރިވެ ދިވެހި ކޮންޓެންޓް އުފެއްދޭނޭ ޑިޖިޓަލް ޕްލެޓްފޯމެއްގެ ވާހަކައެވެ. މިއީ ދިވެހި ސްޓާޓަޕްއެއްގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ދިވެހި ޓޭލްސް"ގެ ވާހަކައެވެ. މިއުފެއްދުމަކީ ޑިޖިޓަލް ޒަމާނުގެ ކުޑަކުދިންނަށް ބޭނުންކުރެވޭނެ ދިވެހި ބަހުގެ އުފެއްދުންތައް ޒަމާނީ ކުރުމުގެ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

ދިވެހިޓޭލްސްއަކީ ދިވެހި ސްޓާޓްއަޕް އެއް ކަމުގައިވާ ސިނެޓެކްސްގެ އުފެއްދުމެކެވެ. ސިނެޓެކްސްއަކީ އަކީ އޭއައިގެ ބޭނުންކޮށްގެން ބަސް ޕްރޮސެސްކުރުމަށް އެކިއެކި ގިނަ ޓޫލްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ސިނެޓެކްސްއިން މީގެ ކުރިން ސަރުކާރުގެ ބައެއް އިދާރާތަކުގެ އެކި ބޭނުމަށް ވަނީ ދިވެހި ބަސް ޕްރޮސެސްކުރާ ޓޫލްތައް އުފައްދާފައެވެ. މީގެ ތެރޭގައި އޭސީސީގެ ތަހުގީގީ މައްސަލަތަކުގެ ބަޔާންތައް އަޑުން ލިޔުމަށް ބަދަލު ކުރާ 'ކާތިބު' އެޕްލިކޭޝަން ހިމެނެއެވެ.

ދިވެހި ޓޭލްސް ޕްލެޓްފޯމަކީ އޭއައި ބޭނުންކޮށްގެން ދިވެހި ބަހުން ވާހަކަ އުފައްދާ ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމުގައި ވާހަކައާއި އެކު އެއާއި ގުޅޭ ތަސްވީރުވެސް ހަމަ އޭއައި މެދުވެރިވެ ޖެނެރޭޓް ކުރެވެއެވެ. ދިވެހި ޓޭލްސް އުފައްދާފައިވަނީ ކުޑަކުދިންގެ ވާހަކަ ޖެނެރޭޓް ކުރެވޭ ގޮތަށެވެ.

ސިނެޓެކްސްގެ ސީއީއޯ މުޙައްމަދު ޖިނާސް ބުނާގޮތުން ދިވެހި ޓޭލްސް ޕްލެޓްފޯމް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޒަމާނީ، އުފެއްދުންތެރި، އައު ގޮތަކަށް ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުމަށް އެހީތެރިވެދޭނެ ގޮތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އޭއައި މެދުވެރިވެ ކުރެވިދާނެ ކަންތައްތައް، ހާއްސަކޮށް އޭއައި ބޭނުންކޮށްގެން އުފައްދާ ދިވެހި އުފެއްދުންތައް މިހާރަށް ވުރެ ބޮޑަށް ޝޯކޭސް ކުރަން އެކުންފުނީގެ ޑިވެލޮޕަރުން ތަރައްގީކުރި އެޕްލިކޭޝަނެއް ކަމަށް އޭނާ ބުނެއެވެ.

ސޯޝަލް މީޑިޔާގައި ޖިނާސް ހާމަކޮށްފައިވާ ގޮތުން މިޕްލެޓްފޯމް އަދި ބޭނުންކުރެވެމުން މިދަނީ ބީޓާ ވަރޝަންގައެވެ. އެހެން ކަމުން ދިމާވާ މައްސަލަތައް ރަނގަޅު ކުރުމުގެ އަދި ޕްލެޓްފޯމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ސިނެޓެކްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކޮށްފައިވާގޮތުން ދާދި އަވަހަށް ޕްލެޓްފޯމްގެ އިތުރު އަޕްޑޭޓްތަކެއް ރިލީޒްކުރެވޭނެއެވެ. މީގެ ތެރޭގައި ޕްލެޓްފޯމް މެދުވެރިވެ އުފައްދާ ވާހަކަތައް ކުޑަކުދިންނަށް އެކަށޭނެ ގޮތަށް މޮޑަރޭޓްކުރުމުގެ ފީޗަރއާއި އެކި އުމުރުފުރާގެ ކުދިންނަށް ހާއްސަ ވާހަކަ ޖެނެރޭޓްކުރުމުގެ ފީޗަރއާއި ވާހަކައާއި އެކު އުފައްދާ ތަސްވީރުތައް އުފެއްދުމުގެ ގާބިލްކަން އިތުރަށް ރަނގަޅުކުރުން ހިމެނެއެވެ. މީގެ އިތުރުން ވާހަކަ ރޭޓް ކުރުމުގެ ފީޗަރއާއި އަދި ވަކިން ހާއްސަ ގޮތެއްގައި ޕްލެޓްފޯމުގައި ޕަބްލިޝްކޮށްފައިވާ ވާހަކަތައް ފްލޭގް ކުރުމުގެ ފީޗަރއެއްވެސް މިހާރު ތަރައްގީ ކުރެވެމުން ދާކަމަށް މައުލޫމާތު ލިބެއެވެ. އެއީ ކުޑަކުދިންނާއި ނުގުޅޭ ވާހަކަތައް މޮޑަރޭޓްކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޕްލެޓްފޯމް ބޭނުންކުރާނެ ގޮތް

ދިވެހި ޓޭލްސް މެދުވެރިވެ އަމިއްލަ އަށް ވާހަކަ ޖެނެރޭޓް ކުރުމަށް އެންމެ ފުރަތަމަ ޖެހެނީ އެޕްލެޓްފޯމުގައި ރަޖިސްޓަރ ކުރާށެވެ. ރަޖިސްޓަރ ކުރުމަށްޓަކައި ޕްލެޓްފޯމުގައި ހިމެނޭ 'ގެޓް ސްޓާރޓެޑް' ފަންކްޝަން ބޭނުންކޮށްގެން ކުރިއަށް ދެވޭނެއެވެ. އެކްޓިވް އީމެއިލް އެޑްރެހެއް ބޭނުންކޮށްގެން މިބައި ފުރިހަމަ ކުރެވޭނެއެވެ. އީމެއިލް އެޑްރެހާއި އެކު ޕާސްވޯޑެއް ޖަހައި ވަރަށް ފަސޭހައިން ޕްލެޓްފޯމުގައި ރަޖިސްޓަރ ކޮށްލެވެއެވެ. ޑައިރެކްޓްކޮށް ގޫގުލް އެކައުންޓް ބޭނުންކޮށްގެން ވެސް ރެޖިސްޓަރ ކުރެވިދާނެއެވެ.

ރަޖިސްޓަރކޮށް ލޮގިން ކުރުމުން ޕްލެޓްފޯމްގެ ހޯމް ޕޭޖުގައި ހިމެނިފައިވަނީ އަމިއްލަ ވާހަކަތައް އުފެއްދުމަށް ބޭނުންކުރާނެ ބަޔަކާއި ޕްލެޓްފޯމް ބޭނުންކުރާ އެހެން ފަރާތްތަކުން އުފައްދާ ޕަބްލިޝްކޮށްފައިވާ ވާހަކަތައް ބަލާލެވޭނެ ބަޔެކެވެ. މީގެ އިތުރުން ކުރިން އަމިއްލައަށް ޖެނެރޭޓްކޮށްފައިވާ ވާހަކަތައް އެއްކޮށް ފެންނާނެ ވަކި ބައެއްވެސް ހިމަނާފައިވެއެވެ.

ދިވެހި ޓޭލްސް ޕްލެޓްފޯމްގައި ވާހަކައެއް އުފެއްދުމަށްޓަކައި އަހަރުމެންގެ ވާހަކައާއި ބެހޭ ބައެއް މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. 'ޖެނެރޭޓް ސްޓޯރީސް' ބައި އިހްތިޔާރުކޮށް ކުރިއަށް ދިޔުމުން ވާހަކަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު ލިޔަންޖެހޭ ބައި ފެނެއެވެ.

އެންމެ ފުރަތަމަ ޖެހެނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކައަށް ސުރުހީއެއް ދޭށެވެ. ދެންޖެހެނީ ވާހަކައިގެ ސްޓައިލް ނުވަަތަ ގިންތި ކަނޑައަޅާށެވެ. ގިންތި ކަނޑައެޅުމަށް ބައެއް އޮޕްޝަންތައް ޕްލެޓްފޯމުގައި ހިމަނާފައިވެއެވެ. މީގެ ތެރޭގައި އެޑްވެންޗަރ ވާހަކަ، މިސްޓްރީ ވާހަކަ، ހިޔާލީ ވާހަކަ، ބިރުވެރި ވާހަކަ، ފަދަ ގިނަ އޮޕްޝަންތައް ހިމެނިފައިވެއެވެ. އެންމެ ފަހު ކަމަކަށް، އަހަރުމެން އުފައްދަން ބޭނުންވާ ވާހަކައަކީ ކޮން ވާހަކައެއްކަން ޚުލާޞާކޮށް ބަޔާންކޮށްދޭންޖެހެއެވެ. މިބައިގައި ވާހަކައިގެ މައިގަނޑު ޕްލޮޓް ނުވަތަ ކުޑަ އޯވަރވިއުއެއް ލިޔެވިދާނެއެވެ. މިބައި މާދިގުކޮށް ލިޔާކަށް ނުޖެހެއެވެ. މިދެންނެވުނު ބައިތައް ފުރިހަމަކޮށް ވާހަކަ ޖެނެރޭޓް ކުރުމަށް ބޭނުންވާ ބަޓަންއަށް ފިތާލަންވީއެވެ.

މި ޕްލެޓްފޯމްގައި އަމިއްލައަށް ޖެނެރޭޓް ކުރާ ވާހަކަތައް އެއްތަނަކުން ބަލާލެވެން ހުރެއެވެ. ވާހަކަ ޖެނެރޭޓް ކުރަން ބޭނުންވާ މައުލޫމާތު ދިނުމަށް ފަހު ވާހަކަ ޖެނެރޭޓް ކުރުމަށް ކުޑަ ވަގުތުކޮޅެއް ހޭދަވެއެވެ. ވާހަކަ ޖެނެރޭޓްކޮށް ނިމުމުން 'މައި ލައިބްރަރީ' މިބައިގައި ވާހަކައިގެ ސްޓޭޓަސް 'ޖެނެރޭޓެޑް' ގޮތަށް ފެނުމުން ވާހަކަ ތައްޔާރުވީއެވެ.

ދެން ވާހަކައިގެ ނަމަށް ކްލިކް ކޮށްލުމުން ޖެނެރޭޓްވި ވާހަކަ ކިޔާލެވޭނެއެވެ. ވާހަކާއި ހިމެނޭ ޓެކްސްޓްއާއި ގުޅޭ ތަސްވީރު ވެސް ވާހަކައާއި އެކު ޖެނެރޭޓްވެއެވެ. ވާހަކަ ޖެނެރޭޓް ވެފައި ހުންނަނީ ޗެޕްޓަރުތަކަކަށެވެ. ކޮންމެ ބަޔަކަށް ވަކި ތަސްވީރެއް ޖެނެރޭޓްވެފައި ހުރެއެވެ. ވާހަކައާއި އެކުގައި ޖެނެރޭޓް ވެފައިވާ ތަސްވީރުތައް ފެންނަނީ ވަރަށް ކުޑަކުދިން ޝައުގުވެރިވާ ކަހަލަ ރީތި ތަސްވީރުތަކެވެ.

ދިވެހި ޓޭލްސް ބޭނުންކުރާނޭ ގޮތުގެ ޑެމޯ ވީޑިއޯއެއް

އަމިއްލައަށް ވާހަކަ ޖެނެރޭޓް ކުރުމުގެ އިތުރުން މިޕްލެޓްފޯމް ބޭނުންކުރާ އެހެން ފަރާތްތަކުން ޖެނެރޭޓްކޮށްފައިވާ ވާހަކަތައް ބަލާލެވޭނެ ބައެއްވެސް މީގައި ހިމެނެއެވެ. 'އެކްސްޕްލޯރ ސްޓޯރީސް' ބައިގައި މިފަދައިން އެތައް ގިނަ ވާހަކަތަކެއް މިހާރުވެސް ހިމެނިފައި އެބަހުއްޓެވެ.

ޕްލެޓްފޯމްގައި ރަނގަޅު ކުރެވިދާނެ ކަންތައްތައް

ދިވެހި ޓޭލްސް ޕްލެޓްފޯމަކީ ދިވެހި ބަހުގެ އުފެއްދުންތައް ތަރައްގީކުރުމަށް ކުރިއަށް އެޅުވުނު ފިޔަޅެކެވެ. ޕްލެޓްފޯމް ބޭނުންކުރުމަށް ފަހު ކުރެވުނު ތަޖުރިބާގައި ޕްލެޓްފޯމް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

ބަހުގެ ސައްހަކަން އިތުރަށް ރަނގަޅުކުރުން

ދިވެހި ޓޭލްސް ޕްލެޓްފޯމަކީ ދިވެހި ވާހަކަތައް އުފެއްދުމަށް ބޭނުންކުރެވޭނެ އައު ވަސީލަތަކަށް ވާއިރު، މިހާރު މިޕްލެޓްފޯމްގައި ދިވެހި ޓެކްސްޓް ޖެނެރޭޓްވުމުގެ ބައި އިތުރަށް ރަނގަޅުކުރެވިދާނެ ޖާގަ އަދި އެބައޮތެވެ. ވާހަކަ ޖެނެރޭޓް ވެފައި ހުންނައިރު ބަހުގެ ހަމަތައް ގޯސްވުމާއި ބަސްތަކުގައި ހުންނަންޖެހޭ ސައްހަކަން ބައެއް ބައިތަކުގައި ނުހުންނަކަން ފާހަގަކުރެވުނެވެ. ޖެނެރޭޓްވެފައި ހުންނަ ވާހަކަތަކުގެ ފްލޯ ވަރަށް ރަނގަޅެވެ. އަދި ވާހަކަތަކަކީ ކުޑަކުދިން ކިޔާހިތްވާ ކަހަލަ ޝައުގުވެރި ވާހަކަތަކެއްކަމަށް ގަބޫލުކުރަމެވެ. އެހެން ނަމަވެސް ބަހުގެ ހަމަތަކާއި ސައްހަކަން ހިފެހެއްޓުން އިތުރަށް ރަނގަޅުކުރެވިދާނެއެވެ. މިޕްލެޓްފޯމްގައި ޖެނެރޭޓްކުރާ ވާހަކަތަކުން ކިޔުންތެރިންނާއި ލިޔުންތެރިންނަށް ދިވެހިބަސް ދަސްކުރުމަށްޓަކައި އޭއައިގެ ބަހުގެ މޮޑެލް އިތުރަށް ތަރައްގީ ކުރެވިދާނެއެވެ.

ޖެނެރޭޓް ކުރެވިފައިވާ ތަސްވީރުތަކުގައި އެއްގޮތްކަން ހިފެހެއްޓުން

މި ޕްލެޓްފޯމްގައި ހިމެނޭ ރީތި ޝައުގުވެރި ތަސްވީރުތައް އުފެއްދުމުގެ ގާބިލްކަމަކީ ތައުރީފު ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ވާހަކައިގައި އުޅޭ ކެރެކްޓަރތައް ރަމްޒުކޮށްދޭ އެކި ތަސްވީރުގައި ކެރެކްޓަރގެ އެއްގޮތްކަން ހިފެހެއްޓޭނެ ގޮތަށް ތަސްވީރު ޖެނެރޭޓްކުރާ ބައި އަދި ރަނގަޅު ކުރެވިދާނެއެވެ. ވާހަކަ ކިޔާފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިއީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ވާހަކަ ޕަބްލިޝް ކުރުމުގެ އޮޕްޝަން ހިމެނުން

މިވަގުތު ދިވެހި ޓޭލްސް ޕްލެޓްފޯމްގައި އުފައްދާ ވާހަކަތައް އޮޓޮމެޓިކުން ޝާއިއު ކުރެވެއެވެ. މި ފީޗަރގެ ސަބަބުން ޖެނެރޭޓް ކުރާ ހުރިހާ ވާހަކަތައް ވަގުތުން އެހެން ޔޫސަރުންނާއި ހިއްސާ ކުރެވެއެވެ. ވާހަކަ ޖެނެރޭޓް ކުރާ ފަރާތްތައް ބޭނުންވާ ހާލަތުގައި އެކަނި ޕަބްލިޝްކުރެވޭ ފަދަ އޮޕްޝަނެއް ޕްލެޓްފޯމްގައި ހިމެނުމަކީ ފައިދާހުރި ކަމެއް ކަމަށްދެކެމެވެ. މިގޮތަށް ޔޫޒަރުންނަށް އެމީހުންގެ ވާހަކަތައް ޕަބްލިޝްކުރުމުގެ ކުރިން ޑްރާފްޓްގެ ގޮތުގައި ސޭވްކޮށް، ބަދަލުކުރުމުގެ އިހްތިޔާރު ހިމެނިއްޖެކަމަށް ވާނަމަ ކޮލިޓީ ރަނގަޅު ވާހަކަތަކެއް ކިޔާ ފަރާތްތަކަށް ހިއްސާކުރުމުގެ ޗާންސް ބޮޑެވެ.


ކުރިން ފާހަގަކުރެވުނު ފަދައިން ދިވެހި ޓޭލްސް ޕްލެޓްފޯމް ތަރައްގީ ކުރުމުގެ އިތުރު މަސައްކަތްތައް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. އެހެންކަމުން ކުރިއަށް ފެންނާނޭ ރަނގަޅު ބަދަލުތަކަށް އިންތިޒާރު ކުރަމެވެ. މިފަދަ ދިވެހި އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ވީހާ ވެސް ގިނަ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެކަން ޔަގީނެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ޕްލެޓްފޯމްގެ އަޖުމަ ބަލާލާ، ޕްލެޓްފޯމް އުފައްދާ ފަރާތްތަކަށް ފީޑްބެކް އަދި ބިނާކުރަނިވި ފާޑުކިޔުން ފޯރުކޮށްދެއްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.