މެޓާއިން އިން-ހައުސް އޭއައި ޗިޕްއެއް ޓެސްޓް ކުރަން ފަށައިފި

އަޝްނާ ރަޝީދު 12 މާރިޗު 2025

މެޓާއިން ފުރަތަމަ ފަހަރަށް އިން-ހައުސް އޭއައި ޓްރެއިނިން ޗިޕްއެއް ޓެސްޓް ކުރަން ފަށާފިއެވެ. މިއީ އެކުންފުނި އެންވީޑިއާއަށް ބަރޯސާވާ މިންވަރު މަދުކޮށް، އެކުންފުނީގެ އޭއައި އިންފްރާސްޓްރަކްޗާ ބޮޑަށް ކޮންޓްރޯލް ކުރުމުގެ ގޮތުން މެޓާ އެޅި ފިޔަވަޅެކެވެ. މި ޗިޕް ފަރުމާކޮށްފައިވަނީ އޭއައިއާއި ގުޅުންހުރި މަސައްކަތްތަކަށް ޚާއްޞަކޮށެވެ. މިކަމުގެ ސަބަބުން ކޮމްޕިއުޓޭޝަންތައް ކުރުމައް ބޭނުންކުރާ ޖީޕީޔޫތަކަށްވުރެ މި ޗިޕް މާ ވަރުގަދަ ވާނެކަމަށް ބުނެވެއެވެ. މި ޗިޕްގެ ސަބަބުން ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގެ ރެކޮމެންޑޭޝަން ސިސްޓަމްތައް ރަނގަޅުވާނެކަމަށާއި މުސްތަޤުބަލުގައި މެޓާގެ ޗެޓްބޮޓް އަދި މެޓާ އޭއައި ފަދަ ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތަކަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.

މި ކަސްޓަމް ޗިޕް ހެދުމުން މެޓާގެ އޭއައި އިންފްރާސްޓްރަކްޗާގެ ހަރަދުތައް މެނޭޖް ކުރުމަށް އިތުރު ލުއިކަމެއް އަންނާނެކަމަށް ބެލެވެއެވެ. 2025 ވަނަ އަހަރު އޭއައިއާ ގުޅުން ހުރި ކެޕިޓަލް ހަރަދުތަކަށް 65 $ ބިލިއަންއާ ހަމައަށް ބޭނުންކުރުމަށް މޭޓާއިން ރާވާފައިވާއިރު، އިން-ހައުސް ހާޑްވެއާ ތަރައްގީ ކުރުމުން އަގުބޮޑު އެންވީޑިއާ ޖީޕީޔޫ ބޭނުންކުރަންޖެހޭ މިންވަރު ކުޑަވެ، ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް އެހީތެރި ކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މި ކަމުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރަމަށް އެހެން ކުންފުނި ތަކާއި މެޓާ ވާދަކުރަމުންދާ މި ދަނޑި ވަޅުގައި މެޓާއަށް ލިބޭ ވަރަށް ބޮޑޫ ފަސޭހަކަމަކަށް ވެގެންދާނެއެވެ.

މެޓާގެ ކަސްޓަމް އޭއައި ޗިޕަކީ މެޓާ ޓްރޭނިން އެންޑް އިންފެރެންސް އެކްސެލެރޭޓަރ (އެމްޓީއައިއޭ) ސީރީޒްގެ ބައެކެވެ. މި ޗިޕްތަކުގެ ތެރޭގައި އޭއައި އިންފެރެންސް ޓާސްކްތަކަށް ބޭނުންވާ ޗިޕްތައް ވެސް ހިމެނެއެވެ. މިގޮތުން މި އައު ޗިޕު ފާހަގަކުރެވެނީ އާންމު ބޭނުންތަކަށް ބޭނުންކުރާ ޖީޕީޔޫތަކަށް ވުރެ ބޮޑަށް ބޮޑެތި މޮޑެލްތައް ތަމްރީނުކުރުން ފަދަ އޭއައި ވޯކްލޯޑްތައް ޕްރޮސެސް ކުރުމަށް އޮޕްޓިމައިޒްކޮށްފައިވާ އެކްސެލެރޭޓަރެއްގެ ގޮތައް ފަރުމާކޮށްފައިވާކަމަށެވެ. މި ޗިޕް މި ކަން ހާސިލްކުރުމަށް ކާމިޔާބު ވެއްޖެނަމަ، މީގެން މެޓާގެ އޭއައި މޮޑެލްތަކުގެ ޕަވަރ އެފިޝަންސީ ބޮޑުވެ، ހެޔޮވަރު އަގަކަށް ޕްރޮސެސިން ފޯރުކޮށްދީ، H100 އަދި H200 ފަދަ ހައި އެންޑް އެންވީޑިއާ ޖީޕީޔޫތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެއެވެ.

މި ޗިޕް އުފެއްދުމަށްޓަކައި މެޓާ އިން ދަނީ ސެމީކޮންޑަކްޓަރ ފޭބްރިކޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) އާއި އެކު މަސައްކަތް ކުރަމުންނެވެ. ޓީއެސްއެމްސީން މިހާރު ވަނީ މި ޗިޕްގެ ޕްރޮޓޯޓައިޕްތައް ކާމިޔާބު 'ޓޭޕް އައުޓް'އަކަށްފަހ އުފައްދާފައި ކުދިކުދި ޓެސްޓްތަކެއް ކުރަން ފަށާފައެވެ. އާދައިގެމަތިން ޓޭޕް އައުޓަކަށް 10$ މިލިއަން ޚަރަދުކޮށް، ގާތްގަނޑަކަށް 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތެއް ޓެސްޓް ކުރުމަށް ނަގައެވެ. ޓޭޕް އައުޓްކީ ކާމިޔާބު ވުން ޔަޤީންނުވާ ދަނޑވަޅަކަށް ވީ ހިނދު، މެޓާއާއި ޓީއެސްއެމްސީ މި މަރުހަލާ ފުރިހަމަކޮށް، މި ޗިޕް އުފެއްދުމުގެ މަސައްކަތް ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ. މިހާރު މެޓާއިން ދަނީ ފުޅާ ދާއިރާއެއްގައި މި ޗިޕް ބޭނުންކުރުމުގެ ކުރިން މި ޗިޕްގެ ޕާފޯމަންސް ފެންވަރަށް ފެތޭތޯބަލައި ޓެސްޓުކުރަމުންނެވެ.

އޭައި ކުރިއެރުމަށްޓަކައި އަމިއްލަ އޭއައި ޗިޕް އުފެއްދުމަކީ އާކަމެއް ނޫނެވެ. ގޫގަލް، މައިކްރޮސޮފްޓް އަދި އެމޭޒަނުން އަމިއްލަ އޭއައި ޗިޕް ބޭނުންކުރަމުން ދާއިރު، މީގެކުރިން މެޓާއިންވެސް ކަސްޓަމް އޭއައި ޗިޕް އުފެއދުމުގެ މަސައްކަތް ފަށާފައިވެއެވެ. ނަމަވެސް ކުރިން މިކަން ވަނީ އެކި މައްސަލަތަކުގެ ސަބަބުން 2022 އަހަރު ހުއްޓާފައިވެއެވެ. މި ޕްރުޖެކްޓް ކާމިޔާބު ވެއްޖެނަމަ މެޓާއިން އެމީހުންގެ އޭއައި ހާޑްވެއާއިން ކުރެވޭޏެ ބޭނުންތައް ބޮޑަށް ކޮންޓްރޯލް ކުރެވި، އޭއައި އިންފްރާސްޓްރަކްޗަރަށް ކުރެވޭ ހަރަދު ކުޑަކުރެވިދާނެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.