އުދުހޭ ކާރެއް މިލްކުވުމުގެ ހުވަފެނަކީ ކިތަންމެ ދުރުގައިއޮތް ކަމެއްކަމަށް ހީވިކަމުގައިވީނަމަވެސް، އެއީ ވަރަށް އަވަހަށް ހަގީގަތަކަށް ބަދަލުވާން އޮތް ކަމެކެވެ. ޗައިނާގެ އޮޓޯމޮބައިލް އުފައްދާ ކުންފުންޏެއް ކަމަށްވާ އެކްސްޕެންގް މޮޓޯޒް އަންނަނީ މި ދާއިރާއިން ދުނިޔޭގައި އެންމެ ފުރަތަމަ ކޮމާޝަލް އުފެއްދުންތައް ފަށާ އެއް ކުންފުނީގެ ގޮތުގައި ތައްޔާރުވަމުންނެވެ.
އެކްސްޕެންގް މޮޓޯޒްގެ ޗެއާމަން ހީ ޒިއާއޮޕެންގް މާޗް މަހުގެ ފަހުކޮޅު ބެއިޖިންގައި އޮތް ޗައިނާ އީވީ100 ފޯރަމްގައި ވިދާޅުވީ، އެ ކުންފުނީގެ ހައިބްރިޑް އުދުހޭ ކާރުގެ ބޮޑު އުފެއްދުމެއް 2026 ވަނަ އަހަރު ފަށާނެ ކަމަށެވެ. މި މަސައްކަތް ކުރާނީ އެކްސްޕެންގް މޮޓޯޒްގެ ދަށުން ހިންގާ އެކްސްޕެންގް އެއިރޯއެޗްޓީންނެވެ.
އެކްސްޕެންގް އެއިރޯއެޗްޓީގެ މި އުދުހޭ ކާރަށް "ލޭންޑް އެއަރކްރާފްޓް ކެރިއަރ" ގެ ނަން ދީފައިވާއިރު، މިއީ ބިމުގައި ދުއްވާ އުޅަނދަކާއި އުދުހޭ މޮޑިއުލްއެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ހަ ޕްރޮޕެލަރާއެކު، އިލެކްޓްރިކްކޮށް އުދުހޭ މި މޮޑިއުލްއަށް ގާތްގަނޑަކަށް 30 ކިލޯމީޓަރާ ހަމައަށް ދަތުރުކުރެވެއެވެ. އަދި ފަސް މިނެޓު ތެރޭގައި ފަތްޖަހާލައި، ބިމުގައި ދުއްވާ އުޅަނދުގެ ޑިކީއަށް ލެވިދާނެއެވެ. މިއީ މިފަދަ ގޮތަކަށް ރައްކާކުރެވޭ ފުރަތަމަ މޮޑިއުލް ކަމަށް ހީ ވިދާޅުވިއެވެ.
މި އުޅަނދު އުފެއްދުމަށް ގުއާންޒޫގައި ފެކްޓްރީއެއް ބިނާކުރަމުން އަންނައިރު، އަހަރަކު 10،000 އުޅަނދު އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މި ފެކްޓްރީ ބިނާކުރުމަށް ޗައިނާގެ ފަސް ބޭންކަކުން 1.26 ބިލިއަން ޔުއާން (170 މިލިއަން ޑޮލަރު) ގެ ލޯނެއް އެޕްރީލް 1 ވަނަ ދުވަހު ކުންފުންޏަށް ވަނީ ލިބިފައެވެ. މި އުޅަނދުގެ އަގު 2 މިލިއަން ޔުއާންއަށްވުރެ ދަށްވާނެ ކަމަށާއި، އަންނަ އަހަރު (2025) ޑެލިވަރީ ފެށޭނެ ކަމަށްވެސް ހީ ވިދާޅުވިއެވެ.
މި އުފެއްދުމަކީ އަމިއްލަ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވާނެ އަދި ޓްރިލިއަން ޑޮލަރުގެ ބޮޑު މާކެޓަކަށް ވަނުމުގެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުރިއަށް އޮތް 10 އާއި 20 އަހަރާ ދެމެދު، ދުނިޔޭގެ އުދުހޭ ކާރުގެ ވިއްކުންތައް، އޮޓޯމޮބައިލް އިންޑަސްޓްރީގެ އަހަރީ އާމްދަނީގެ 20 އިންސައްތައަށް، ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ހީ އަންދާޒާ ކުރައްވައެވެ.
މި ބޮޑު މާކެޓްގެ ސަބަބުން އެކްސްޕެންގް އިން ދަނީ މި ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. ހަމައެކަނި މި އަހަރުވެސް އެކްސްޕެންގް އެއިރޯއެޗްޓީގެ ބަޖެޓަކީ 3 ބިލިއަން ޔުއާންއެވެ. ފާއިތުވި ދިހަ އަހަރު ތެރޭގައި، މި ކުންފުނިން ވަނީ އުދުހޭ ކާރުތަކަށް 10 ބިލިއަން ޔުއާންއަށްވުރެ ގިނައިން އިންވެސްޓްކޮށްފައެވެ. "ލޭންޑް އެއަރކްރާފްޓް ކެރިއަރ" އަށް މިހާރުވެސް ގާތްގަނޑަކަށް 5،000 އޯޑަރު ލިބިފައިވާ ކަމަށް ކުންފުނިން ބުނެއެވެ.
އެކްސްޕެންގް އެއިރޯއެޗްޓީގެ ރައީސް، ޒާއޯ ޑެލީ ވިދާޅުވި ގޮތުގައި، "މި އުދުހޭ ކާރަކީ މަންޒަރު ބެލުމަށާއި ސަލާމަތީ ކަންކަމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ." މީގެ އިތުރުން، މި ކުންފުނިން ދަނީ 500 ކިލޯމީޓަރާ ހަމައަށް ދިގު ދަތުރުތައް ކުރެވޭ، އެއްކޮށް އުފައްދާފައިވާ (ވަން-ޕީސް) އުދުހޭ ކާރެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. "ގުއާންޒޫ އިން ޗާންގްޝާއަށް ކާރުގައި ދާން ހަ ނުވަތަ ހަތް ގަޑިއިރު ނަގާނަމަ، އުދުހޭ ކާރުން އެ ދަތުރު ގާތްގަނޑަކަށް އެއް ގަޑިއިރު ތެރޭގައި ކޮށްލެވޭނެ،" ހީ ވިދާޅުވިއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.