Download Logo
Copy Logo

މޫސުމާ ބެހޭ ގައުމީ އިދާރާގެ އާ ވެބްސައިޓާއި 'މޫސުން' އެޕް އިފްތިތާޙުކޮށްފި

އަޙްމަދު ދާއޫދު • 08 ނޮވެމްބަރު 2026

މޫސުމާ ބެހޭ ގައުމީ އިދާރާ (އެމްއެމްއެސް) އިން ފޯރުކޮށްދޭ މޫސުމީ މައުލޫމާތުތަކާއި ކުއްލި އިންޒާރުތައް އާންމުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ އިދާރާގެ އާ ބްރޭންޑެޑް ވެބްސައިޓާއި ތަރައްގީކޮށްފައިވާ 'މޫސުން' މޮބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްފިއެވެ.

މި ބަދަލުތަކަކީ ރާއްޖޭގެ ކޮންމެ ރަށަކަށް މޫސުމީ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދެވޭ މޫސުމީ އިންޒާރުތައް ފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.

އަލަށް އިފްތިތާޙުކުރެވުނު 'މޫސުން' އެޕްލިކޭޝަނަކީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުރި އެޕެކެވެ. މި އެޕް މެދުވެރިކޮށް ރާއްޖޭގައި ގާއިމުކޮށްފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކުން ވަގުތުން ވަގުތަށް މައުލޫމާތު ލިބޭނެއެވެ. އެގޮތުން ފިނިހޫނުމިނާއި، ވައިގެ ދުވެއްޔާއި މިސްރާބު، ވައިގެ ތެތްކަން، ވާރޭވެހޭ މިންވަރު އަދި އިހުސާސްކުރެވޭ ފިނިހޫނުމިން ބަލައިލެވޭނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް 12 ގަޑިއިރުގެ ގަޑިން ގަޑިއަށް ބެލޭ މޫސުމީ ލަފާކުރުންތަކާއި، ކުރިއަށް އޮތް 5 ދުވަހުގެ މޫސުމީ މައުލޫމާތާއި، ކަނޑުގެ ހާލަތާއި ރާޅުގެ އުސްމިން އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ. އަދި ވައިގެ ދުވެއްޔާއި، ފިނިހޫނުމިނާއި، ވާރޭވެހޭ މިންވަރު ދައްކުވައިދޭ އެނިމޭޓެޑް މެޕްތަކާއި، ދިޔަވަރުގެ މައުލޫމާތާއި، އިރުއޮއްސޭ އަދި އިރުއަރާ ގަޑިތަކުގެ އިތުރުން ދިވެހި އިލްމީ މޫސުމީ ކަލަންޑަރު ކަމަށްވާ ނަކަތްތަކުގެ މައުލޫމާތުވެސް މި އެޕްލިކޭޝަނުން ލިބެން ހުންނާނެއެވެ.

ނުރައްކާތެރި މޫސުމީ ހާލަތްތަކުގައި އެޕްލިކޭޝަން މެދުވެރިކޮށް ޕުޝް ނޯޓިފިކޭޝަން އަންނާނެ ގޮތް ހަދާފައިވާއިރު، ދުނިޔޭގެކަންކޮޅުތަކަށް އަންނަ ބިންހެލުންތަކުގެ ތެރެއިން ރެކްޓަރ ސްކޭލް 5.0 އަށްވުރެ މަތީގެ ބިންހެލުންތަކުގެ މައުލޫމާތާއި އެ ބިންހެލުމެއް ރާއްޖެއާ ހުރި ދުރުމިންވެސް އެޕުން ބަލާލެވޭނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ވެބްސައިޓަށް ގެނެވުނު ބަދަލުތަކާއެކު، ވެބްސައިޓުގެ ފަރުމާ އިތުރަށް ފުރިހަމަކޮށް، ސެޓެލައިޓް އަދި ރޭޑާ ތަސްވީރުތަކާއި މޫސުމީ ތަފްސީލީ މައުލޫމާތުތައް ފަސޭހައިން ހޯދޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

މިއީ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމަކަށްވުމާއެކު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށާއި، މަސްވެރިންނަށާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.