Download Logo
Copy Logo

ދިވެހިރާއްޖޭގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ތައްޔާރުވަނީ

ހިންދު ޢަލީ 01 ޖޫން 2026

ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް، ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ގަސްދުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާއި ބައްދަލުކުރުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސޯޝަލް މީޑިއާ މަނާ ކުރުމުގެ މިމަސައްކަތުގައި ނަމޫނާ މިންގަޑެއްގެ ގޮތުގައި ބަލާނީ އޮސްޓްރޭލިޔާއިން އަމަލުކޮށްފައިވާ ގޮތްތަކަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިކަމުގައި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ކަމުގައި ވިޔަސް އަދި ސޯޝަލް މީޑިއާ އެޕްތައް އުފައްދާ ކުންފުނިތަކާއި މުއާމަލާތްކުރުން ފަދަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ގަސްދުކުރާކަން ހާމަކުރެއްވިއެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކަނޑައެޅޭ ވަކި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކަށް ވަނުން މަނާކޮށް، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، އެކަން ތަންފީޒުކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ސަރުކާރުގެ މި ނިންމުމަކީ، ޑިޖިޓަލައިޒްވުމާއި ދުރަށް ދިއުމަށް އެޅޭ ފިޔަވަޅެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިއީ އޮންލައިކޮށް ކުޑަކުދިންނަށް ކުރިމަތިވާ، ގްރޫމިންގ، ސައިބަރ ބުލީންގ އަދި އުމުރާއި ނުގުޅޭ ކޮންޓެންޓްތަކަށް ހުށަހެޅުން ފަދަ ނުރައްކާތަކުން އެކުދިން ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށެވެ.

ރައްޔިތުންގެ މަޖުލީހުގެ އީ-ޕެޓިޝަން ޕޯޓަލް ތައާރަފް ކުރުމާއި އެކު އެޕޯޓަލްއަށް ހުށަހެޅުނު އެންމެ ފުރަތަމަ ޕެޓިޝަންތަކުގެ ތެރޭގައި ވެސް، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާއި ގުޅޭ ޕެޓިޝަނެއް ހިމެނެއެވެ. މިޕެޓިޝަން އާންމުންގެ ސޮއި ހޯދުމަށް ހުޅުވާލެވުނު ނަމަވެސް 31 މާރޗަށް މުއްދަތު ހަމަވިއިރު މަޖުލީހަށް ހުށަހެޅުމަށް ބޭނުންވާ މިންވަރަށް ސޮއި ވަނީ ހަމަނުވެފައެވެ.

މިކަމުގައި ބައިނަލްއަގްވާމީ ލެވެލްގައި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ސޯޝަލް މީޑިޔާގެ ނޭދެވޭ އަސަރު އެކި ގޮތްގޮތަށް ކުޑަކުދިންނަށް ކުރިމަތިވެއެވެ. މީގެ ތެރޭގައި ގްރޫމިންގއާއި، އޮންލައިން ހެރެސްމަންޓާއި، ގަނާކުރުމާއި، އުމުރާ ނުގުޅޭ ކޮންޓެންޓަށް އެކްސްޕޯސްވުން ފަދަ ކަންތައް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި ނަފްސާ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ކުދިން ހުށަހެޅުން އާންމުވެއެވެ.

ސޯޝަލް މީޑިއާ މަނާ ކުރުމުގެ ފިޔަވަޅުތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާރު އެކި މިންވަރަށް ދަނީ އަޅަމުންނެވެ. ގިނަ ގައުމުތަކުން ފާހަގަ ކުރާ ގޮތުގައި ސޯޝަލް މީޑިއާ އެޕްތައް އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޕްރޮފިޓަށް މަސައްކަތް ކުރާ ބަޔަކަށް ވާތީ، ހާއްސަކޮށް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާއި އެކަން މަނާކުރުމުގެ ޒިންމާ ހަމައެކަނި ބެލެނިވެރިންގެ އަތްމައްޗަށް އެކަނި ދޫކޮށްލައިގެން ތިބުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. އެހެންކަމުން އުމުރުފުރައަށް ބަލާ އެޕްތައް މަނާ ކުރަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށެވެ.

މިފަހަކަށް އައިސް ދުނިޔޭގެ އެހެން ގައުމުތަކުން ވަނީ މިކަމާއި ގުޅޭގޮތުން ފިޔަވަޅުތައް އަޅާފައެވެ.

އޮސްޓްރޭލިޔާ: ސޯޝަލް މީޑިއާ މަނާކުރުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމަކީ އޮސްޓްރޭލިއާއެވެ. އޮސްޓްރޭލިޔާއިން ވަނީ މުޅި ގައުމު ހިމެނޭހެން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. އެގޮތުން އޮންލައިން ސޭފްޓީ އެމެންޑްމަންޓް (ސޯޝަލް މީޑިއާ މިނިމަމް އޭޖް) 2024 ގާނޫނަކީ ސޯޝަލް މީޑީއާ މަނާކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އެންމެ ހަރުދަނާ އެއް ގާނޫނީ އޮނިގަނޑެވެ. މިގާނޫނަށް އަމަލުކުރަންފެށީ 2025 ގައެވެ. މިގާނޫނު ތަންފީޒުކުރަނީ އޮސްޓްރޭލިޔާގެ އީ-ސޭފްޓީ ކޮމިޝަނުންނެވެ. މިގާނޫނުގެ ދަށުން އުމުރު ހަމަނުވާ ކުދިންގެ ނަމުގައި އެކައުންޓް ހެދުމާއި މެނޭޖުކުރުން ހުއްޓުވުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ ސޯޝަލް މީޑިއާ ބަލަހައްޓާ ޓެކް ކުންފުނިތަކުންނެވެ. މިކަމާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް މިގާނޫނުގައި ހިމެނެއެވެ.

މެލޭޝިޔާ: ޖޫން 1 އިން ފެށިގެން މެލޭޝިޔާގައި ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ހެދުން މަނާ އުސޫލުތައް ތަންފީޒު ކުރަން ރަސްމީކޮށް ފަށާފައެވެ. މެލޭޝިޔާގައި މިކަން ކުރުމަށް 2025 ގައި އޮންލައިން ސޭފްޓީ ގާނޫނު އެކުލަވާލާއި އެއާއި ގުޅޭ ޗައިލްޑް ޕްރޮޓެކްޝަން ގަވާއިދެއް އަދި ރިސްކް މިޓިގޭޝަން ގަވާއިދެއް ވަނީ އެކުލަވާލާފައެވެ. މިގަވާއިދުތަކުގެ ދަށުން ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އުމުރު ޔަގީންކުރުމުގެ ނިޒާމުތައް ތަންފީޒުކޮށް، 16 އަހަރު ނުވާ ޔޫސަރުން ބްލޮކް ކުރަން ޖެހެއެވެ. އެގޮތަށް އަމަލު ނުކުރާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިފިޔަވަޅަކީ ސައިބަރ ބުލީންގ އާއި ގެއްލުން ހުރި ކޮންޓެންޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމެނޭ އެޑިކްޓިވް ފީޗަރތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް އެޅުނު ފިޔަވަޅެކެވެ.

މިކަމުގައި މިދެންނެވުނު ގައުމުތައް ފިޔަވާ، ޔޫކޭ، އިންޑޮނީޝިޔާ އަދި އިތުރު އެހެން ގައުމުތަކުގައި ވެސް އެކި މިންވަރަށް، ތަފާތު ގިނަ އުސޫލުތަކެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. ނުވަތަ ދަނީ ތަންފީޒުކުރުމަށް ވިސްނަމުންނެވެ. ބައެއް ގައުމުތަކުގައި ފުރިހަމަ، މުޅި ގައުމަށް ހިނގާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ރައްކާތެރިކަމުގެ ގައިޑްލައިންތައް ފަދަ އެހެނިހެން ފިޔަވަޅުތައް ހިމެނެއެވެ.

މިއީ ރާއްޖޭގައިވެސް ވަރަށް ގިނަ ބެލެނިވެރިން މެދުގައި ވަރަށް މަޤްބޫލު ވެދާނެ އަދި ގިނަ ބަޔަކު ގެންނަން ބޭނުންވާނެ ސިޔާސަތަކަށް ވިނަމަވެސް، މިއީ އަމަލީ ގޮތުން ތަންފީޒު ކުރުމަށް ފަސޭހަކަމެއް ނޫނެވެ. އޮސްޓްރޭލިޔާގައި ވެސް ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުން ކުރިމަތިވާކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. މިގޮތަށް އެއްކޮށް މަނާކުރުމުގެ ސަބަބުން އުމުރު އޮޅުވާލައިގެން ރަޖިސްޓަރ ވާނެ ގޮތްތައް ހޯދުމާއި ވީޕީއެން ފަދަ ޓެކްނޮލޮޖީގެ އެހީގައި ރަޖިސްޓަރވުމުގެ މައްސަލަތައް ފެންމަތިވަމުންދާކަމަށް ހަބަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސަރުކާރުން ޕްލޭންކުރާގޮތަށް 1 އަހަރުގެ މުއްދަތުގެ ތެރޭގައި މިކަން ކާމިޔާބުކަމާއެކު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅަންޖެހޭނެއެވެ. ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ޓެކް ކުންފުނިތަކާއި މުއާމަލާތްކޮށް މަޝްވަރާކުރުމަށް އެކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުމާއި، މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާނެއެވެ.

މީގެ އިތުރުން މިކަމުގައި އުފެދޭ އިތުރު ބަހުސަކީ ހަމައެކަނި އެކްސެސް ހަނިކުރުމުން ނުފުދޭނެ ކަމެވެ. އެއާއެކު އޮންލައިން ޕްލެޓްފޯމްތަކުގައި އުޅޭ ކުދިންނަށް ރަނގަޅަށް ސަޕޯޓް ހޯދާނެ ގޮތްތަކެއްވެސް ހޯދުން މުހިއްމުކަމެވެ. މިކަން މަނާ ކުރާ ގާނޫނު ގަވާއިދާ ހަދާ، ޕްލެޓްފޯމްތައް އެކައުންޓަބަލް ކުރެވޭ މިންވަރާއި އެއްހަމައަކަށް އާންމުންގެ މެދުގައި ޑިޖިޓަލް ލިޓްރަސީ އިތުރުކުރުމާއި، ބެލެނިވެރިން އަހުލުވެރިކުރުވުން، އަދި ސްކޫލް ލެވެލްގައި ހޭލުންތެރިކުރުވުމަކީ ރަނގަޅު ނަތީޖާ ނެރުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.