ސޫރުދާ ނިޒާމްގެ ބޭރުގައިވާ އެކްސޯގުރަހައަކުން ރޭޑިއޯ ސިގްނަލްއެއް ފުރަތަމަ ފަހަރަށް ދުނިޔެއަށް ލިބިއްޖެއެވެ. ދެކުނު އެފްރިކާގައި ހުންނަ މީރްކެޓް ރޭޑިއޯ ޓެލެސްކޯޕްގެ 64 އެންޓަނާތަކަށް ވަނީ ބީޓާ ޕިކްޓޯރިސް ބީ ކިޔާ އެކްސޯގުރަހައިން އައިސްފައިވާ ރޭޑިއޯ ސިގްނަލްތަކެއް ލިބިފައެވެ. މި ގޮތުން ތަކުރާރުކޮށް އަވަސްއަވަހަށް ކުރު، 0.85 އާއި 3.5 GHzގެ ދެމެދުގެ ފްރީކުއެންސީގެ ރޭޑިއޯ ސިގްންލްތައް މި ޓެލެސްކޯޕުން އެއްކޮށްފައިވެއެވެ.
މި ސިގްނަލް އައީ ސީދާ ކޮންތަނަކުން ކަން ދެނެގަތުމަށްޓަކައި ފަލަކީ އިލްމުވެރިން ވަނީ މިއާއި ގުޅޭ ކުއަސަރުތައް ހުންނަތަން ރެފަރަންސް ޕޮއިންޓަކަށް ބޭނުންކޮށްފައި ތަރިތަކާއި ގުރަހަ ހުންނަތަން އަޅާކިޔާފައިވެއެވެ. މިކަމުގެ ތެރެއިން ބީޓާ ޕިކްޓޯރިސް ބީ އިން މި ސިގަންލް ލިބިފައިވާކަން ފާހަގަކުރެވުނެވެ. މިއީ ފަލަކީ އިލްމުވެރިންނަށް ރެކޯޑުކުރެވޭ ރޭޑިޔޯ ސިގްނަލްތައް އެކްސޯގުރަހައަކުން އަންނަކަމަށް ކަށަވަރުކުރެވުނު ފުރަތަމަ ފަހަރަކަށެވެ. މީގެ ކުރިން 2023ގައި YZ ސެޓީ ސިސްޓަމުން ރޭޑިއޯ ވޭވްތައް ފެނިފައިވީ އިރު، މި ސިގްނަލްތައް އުފެދުމަށް މެދުވެރިވި ސަބަބު ކަށަވަރުވެފައި ނުވެއެވެ.
ފަލަކީއިލްމުވެރިން ގަބޫލުކުރާ ގޮތުގައި މި ރޭޑިއޯ ސިގްނަލްތައް އުފެދިފައިވަނީ މި ގުރަހައިގައި އުފެދޭ އޮރޯރާތަކުންނެވެ. އޮރޯރާއަކީ ގުރަހައިގެ މެގްނެޓިކް ފީލްޑާއި ޗާޖުކޮށްފައިވާ ޕާރޓިކަލްތައް އިންޓަރެކްޓްކުރުމުން އުފެދޭ ފެނޯމިނާއެކެވެ. މިޔަކީ ދުނިޔޭގައި ފެންނަ އޮރޯރާއާއި އެެއްފަދަ އެއްޗެކެވެ. 2025 އާއި 2026ގައި ހަތަރު ފަހަރު މަތިން ދިރާސާވެރިން ބީޓާ ޕިކްޓޯރިސް ސިސްޓަމް ބަލާފައިވެއެވެ. މިކަމުގެ ތެރެއިން ފެނިފައިވާ ކުދި، ތަކުރާރުވަމުންދާ ރޭޑިއޯ ސިގްނަލްތައް އޮރޯރަލް ރޭޑިއޯ އެމިޝަންއާއި އެއްވައްތަރުކަން ފާހަގަކޮށްފައިވެއެވެ.
މި ރޭޑިއޯ ސިގަނަލްތަކުގެ އަލީގައި ސިގްނަލް އައިސްފައިވާ ހިސާބުގައި މި ގުރަހައިގެ މެގްނެޓިކް ފީލްޑްގެ ބާރުމިން 1,250G ކަމަށް ދިރާސާވެރިން އަންދާޒާކޮށްފައިވެއެވެ. މިއީ ދުނިޔެއާއި ޖުޕިޓަރުގެ މެގްނެޓިކް ފީލްޑްއާއި އެތައްގުނަ ބޮޑުއަދަދެކެވެ. މި ގުރަހަ ވަރަށް ބާރަށް، ގާތްގަނޑަކަށް 8-9 ގަޑީރުތެރޭގައި ދައުރުވެއެވެ. މި ބާރު ދައުރުވުމުގެ ސަބަބުން މި މެގްނެޓިކް ފީލްޑުތެރޭގައި އޮރޯރަލް އެމިޝަންތައް އަުފެދިގެންދާކަމަށް ދިރާސާވެރިން ލަފާކޮށްފައިވެެއެވެ. މީގެ ކުރިން 1,000G ގެ މެގްނެޓިކް ފީލަޑް ހުންނަ ބްރައުން ޑްވާފްތަކުގައި އަރޯރާފެނިފައިވާއިރު، މިފަދަ އަރޯރާ ހުންނަކަމަށް ބެލެވޭ މާގުރަހައެއްގައި މިހާ ބޮޑު މެގްނެޓިކް ފީލަޑްއެއް ހުރުމަކީ އަޖައިބުވަނިވި ކަމެއްނޫނެވެ.
މި ހޯދުން އަދި ޖާނަލެއްގައި ޝާއިރުކޮށްފައި ނުވިކަމުގައި ވިޔަސް މިއާއި ބެހޭ މައުލޫމާތު arXivގައި ނެރެފައިވާ ޕޭޕަރެއްގައި އާއްމުކޮށްފައި ވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.