Download Logo
Copy Logo

ވަގަށް އަޑު ރެކޯޑުކުރި އޯޕަންއޭއައިގެ މުވައްޒަފަކު ހައްޔަރުކޮށްފި

ހިންދު ޢަލީ • 14 އޮކްޓޯބަރު 2026

އޯޕަންއޭއައިގެ ސެން ފްރާންސިސްކޯ އޮފީހުގެ އެގްޒެކެޓިވް މީޓިންގ ރޫމެއްގެ ތެރޭގައި ވަގަށް އަޑު ރެކޯޑު ކުރާ ޑިވައިސްއެއް ހަރުކުރިކަމުގެ ތުހުމަތުގައި އެކުންފުނީގައި މަސައްކަތް ކުރާ އިންޖިނިއަރަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ހާމަކުރާ ގޮތުގައި ހައްޔަރުކުރީ 35 އަހަރުގެ އަބްދުއްރަހްމާން އަލްފޯޒާން ކިޔާމީހެކެވެ. މީނާއަކީ ސައުދީ އެރެބިޔާއަށް ނިސްބަތްވާ މީހެކެވެ.

މި އަޑު ރެކޯޑް ކުރާ ޑިވައިސް ފެނުނީ ސެޕްޓެމްބަރު 30 ވަހަ ދުވަހު، އެމީޓިންގ ރޫމްގެ ތެރޭގައި ހުރި ޓީވީއެއްގެ ފަހަތުގައި އިން ޔޫއެސްބީ ޕޯޓަކަށް ޖަހާފައި ހުއްޓާއެވެ. ފޮރުވުމަށްޓަކައި އެޑިވައިސްގައި ހުރީ ޓޮއިލެޓް ޕޭޕަރު އޮޅާފައި ކަމަށްވެސް ވެއެވެ.

މިކަމާއި ބެހޭގޮތުން ރިޕޯޓްކޮށްފައިވާ ހަބަރުތަކުގައި ބުނާ ގޮތުން ޑިވައިސް ފެނުނު މީޓިންގ ރޫމަކީ އޯޕަންއޭއައިގެ ދިރާސާތަކާއި ޕްރޮޑަކްޓް ޕްލޭންތަކާއި ވިޔަފާރީގެ ސްޓްރެޓެޖީއާއި ބެހޭ ސިއްރު މަޝްވަރާތައް ކުރަން ބޭނުންކުރެވޭ ތަނެކެވެ.

އޯޕަންއޭއައި އިން ބުނާ ގޮތުގައި މިޑިވައިސް ހަރުކުރި މުވައްޒަފު ދެނެގަތީ އެކުންފުނީގެ އޭއައި މޮޑެލްގެ އެހީތެރިކަމާއެކުގައެވެ. މިކަން ކުރި މީހާ ދެނެގަނެވުމުން ކުންފުނިން ވަނީ އެމައްސަލަ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ރިޕޯޓްކޮށްފައެވެ. އަދި އެމުވައްޒަފު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެފްބީއައިގެ ޑިރެކްޓަރ ކޭޝް ޕަޓޭލް ބުނި ގޮތުގައި އޭނާގެ މައްޗަށް ކުރެވެނީ އެކުންފުނީގެ ސުޕަރ އިންޓެލިޖެންސް ޓެކްނޮލޮޖީއާއި ބެހޭ ސިއްރު މައުލޫމާތާއި އެކަމާއި ގުޅޭގޮތުން ކުރެވޭ ކުންފުނީގެ އެތެރޭގެ މުވާސަލާތުތައް ސިއްރުން ވަގަށްނަގަން މަސައްކަތްކުރުމުގެ ދައުވާއެވެ.

މީގެ އިތުރުން އޯޕަންއޭއައި އިން ބުނާ ގޮތުގައި މިހާދިސާގެ އިތުރުންވެސް އޭނާ އެހެން ރެކޯޑިންގ ޑިވައިސްތައް ބަހައްޓަން ގަސްދުކޮށް އެމަސައްކަތްކުރި ކަމުގެ ހެކި ލިބިފައިވެއެވެ. އޭނާ 5 އޮކްޓޯބަރ ވީ ދުވަހު، އެކުންފުނީގެ އެހެން މީޓިން ރޫމެއްގައި ދަބަހެއް ބަހައްޓާފައި ކަމަށާއި، އެދަބަހުގެ ތެރެއިން މިފަދަ ރިކޯޑިންގ ޑިވައިސްއެއް ކުންފުނީގެ ސެކިޔުރިޓީއަށް ފެނިފައިވާކަމަށް ވެއެވެ.

މިހާދިސާގައި އޯޕަންއޭއައިގެ އެއްވެސް އޭއައި މޮޑެލެއްގެ ސޯސް ކޯޑެއް އަދި އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތެއް ނަގާފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތްކަމަށް އެކުންފުނިން ހާމަކުރެއެވެ.

އަބްދުއްރަހްމާން އަލްފޯޒާން ހައްޔަރުކުރީ 9 އޮކްޓޯބަރ ވީ ހުކުރު ދުވަހުއެވެ. އަދި މިމައްސަލައިގައި އޭނާ ފެޑެރަލް ކޯޓަށް ފުރަތަމަ ހާޒިރުކުރީ 13 އޮކްޓޯބަރ، އަންގާރަ ދުވަހުއެވެ. އަދި އޭނާ ބަންދުގެ ކުރުުމުގެ ޝަރުތުތައް ކަނޑައަޅުމަށް 19 އޮކްޓޯބަރުގައި އަނެއްކާ ކޯޓަށް ހާޒިރުކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

9 އޮކްޓޯބަރ ވީ ހުކުރު ދުވަހު، އެކުންފުނީގެ ސިއްރު މައުލޫމާތު ބެލެހެއްޓުމާއި ގުޅޭ ސިޔާސަތުތަކާއި ހިލާފުވެފައިވާ ކަމުގެ ތުހުމަތުގައި އެކުންފުނީގެ އިތުރު 3 މުވައްޒަފަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިކަމުގެ އިތުރު މައުލޫމާތެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.