ކޮވިޑް-19 އާއި ޓެކްނޮލޮޖީ

ހިންދު ޢަލީ 17 ޑިސެމްބަރު 2020

2020 ވަނަ އަހަރު ފެށުނު އިރު، މިއަދު ދުނިޔެ މިގޮތަށް އޮންނާނޭ ކަމަށް އަހަރުމެންގެ ހިތަކަށްވެސް ނާރައެވެ. ހީނުކުރާ އެތަށް ކަންތައްތަކެއް ބަދަލުވެ އަހަރުމެން ވިޔަފާރި ކުރާ ގޮތާއި، މަސައްކަތްކުރާ ގޮތާއި، ކިޔަވާ ގޮތާއި، މިގޮތަށްގޮސް ހަމަ ދިރި އުޅުމުގެ ހުރިހާ ކަމަކަށްހެން މިވަނީ ބަދަލު އައިސް އެފުށް މިފުށަށް ޖަހާލާފައެވެ. ރަނގަޅު ބަދަލުތަކާއި ނުރަނގަޅު ބަދަލުތަކެވެ. ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ މިއަދު ދިމާވެފައި މިވާ ޕެންޑެމިކަށް ފަހު ކުރިން އޮތްގޮތަށް އަހަރުމެން އަނބުރާ ނުދެވޭނެކަމެވެ.

ކުރެވޭ މުހިއްމު އެއް ސުވާލަކީ ކޮވިޑް 19 ގެ ސަބަބުން ޓެކްނޮލޮޖީ އޭރިއާއަށް އައީ ކޮން ބަދަލުތަކެއް ހެއްޔެވެ؟ އަދި މުސްތަގްބަލުގައި އޭގެން ކުރާނީ ކޮން އަސަރުތަކެއް ހެއްޔެވެ؟

ކޮވިޑް 19 އާއިގުޅިގެން ދިމާވި އެކި އެކި ހުރަސްތަކާއި ދަތިތަކަށް ޓެކްނޮލޮޖީއިން ވަރަށް ބޮޑަށް އެހީތެރި ވެއްޖެއެވެ. މިގޮތުން ބޭނުންތެރި ގޮތުގައި ފާހަގަ ކުރެވުނު ބައެއް ޓެކްނޮލޮޖީތަކަށް ބަލާލާނަމެވެ. އާންމު ސިއްހަތުގެ ދާއިރާގައި ވަރަށް ގިނަ ކުރިއެރުން ތަކެއް އައިސްފައިވެއެވެ. އެއީ ދުނިޔެއާއި ރާއްޖެވެސް ހިމެނޭ ގޮތުގައެވެ.

ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަން

ވައިރަސް ފެތުރެން ފެށިތާ އެންމެ ކުރީކޮޅު އެންމެ މުހިއްމުވީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށެވެ. ވާނެއޭ ހީނުކުރާކަހަލަ ކޮލަބޮރޭޝަންއާއި އެކު ދުނިޔޭގެ އެންމެ ވާދަވެރި 2 ޓެކް ކުންފުނިކަމަށްވާ އެޕަލް އަދި ގޫގުލް ގުޅިގެން މެއި 2020 ގައި ކޮންޓެކްޓް ޓްރޭސިންގ ސިސްޓަމެއް ތައްޔާރުކުރިއެވެ. މިސިސްޓަމުން ކޮވިޑް ޕޮސިޓިވް ވާ މީހަކަށް އެކްސްޕޯސް ވި މީހުންނަށް އެފަދައިން އިގޭނެ ކަހަލަ ނޮޓިފިކޭޝަން ފޮނުވައެވެ. މި މަޢުލޫމާތު ވީ ވައިރަސްއަށް އެކްސްޕޯސްވާ މީހުން ދެނެގަނެ ވައިރަސް ކޮންޓްރޯލް ކުރަން އެހީތެރިވި ވަރަށް މުހިއްމު މަޢުލޫމާތަކަށެވެ. އޭގެ ފަހުން ވެސް 22 ގައުމަކުން އެގައުމަކަށް ހާއްސަކޮށްގެން އަމިއްލަ ޓްރޭސިންގ އެޕްތައް ތައްޔާރުކުރިއެވެ. ރާއްޖޭގައިވެސް މިކަމަށް "ޓްރޭސް އެކީ" އެޕް އުފައްދާ ބޭނުންކުރަމުން އެބަދެއެވެ.

ވޯކް ފްރޮމް ހޯމް

ކުއްލިއަކަށް ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލު ވާން ޖެހި، ބިޒްނަސްތަކާއި ސަރުކާރުގެ މަސައްކަތް މަޑު ޖެހުނު ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުނީ، ޑިވެލޮޕް ކުރެވުނު ކޮލެބޮރޭޓިވް ޓެކްނޮލޮޖީގެ އެހީގައެވެ. މިސާލަކަށް އޮންލައިންކޮށް ކްލާސްތައް ނަގަން އެހީތެރިވި އެންމެ މުހިއްމު އެއް ޓޫލް އެއްކަމަށް "ޒޫމް" ވެގެން ދިޔައެވެ. އެޕަލް ސްޓޯގައި މިއަހަރުގެ 'އެޕް އޮފް ދަ އިޔަރ' ޒޫމްއަށް ލިބުނީވެސް މިކަމާގުޅިގެންނެވެ. މީގެ އިތުރުން ގޫގުލް މީޓްވެސް ވަރަށް ހަލުވިކަމާއެކު އިތުރު ފީޗަރސްތަކާއެކު ރިލީސްކުރެވުނެވެ. އަދި މައިކްރޮސޮފްޓް އޮފީސް 365 ގެ ޕްރޮޑަކްޓިވިޓީ ޓޫލްސް ވީ ސަރުކާރާއި ބިޒްނަސްތައް ހިންގުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

3ޑީ ޕްރިންޓިންގ

ދެން ވެސް ސިއްހީ ދާއިރާއަށް މުހިއްމު ކަމެއް ފާހަކަ ކޮށްލާނަމެވެ. ވައިރަސް ފެތުރެން ފެށި ހަލުވިމިނާ ގުޅިގެން ގިނަ ގައުމުތަކުގައި ހޮސްޕިޓަލުތަކާއި ސިއްހީ ޚިދުމަތްތެރިން ދިޔައީ "ނޭވާހޮޅި"އަށް އެޅިގެންނެވެ. ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އާއި ވެންޓިލޭޓަރު މަދުވެ އެތަކެތި ޑިމާންޑާއި އެއްވަރަށް ބޭނުން ހަލުވި މިނުގައި އުފެއްދުމަށް ދަތިވިއެވެ. ސަޕްލައި ޗެއިންއަށް އައި ހުއްޓުމުގެ ސަބަބުން ބޭނުންވާ ސްޕީޑްގައި އެތަކެތި އުފެއްދުމާއި ޓްރާންސްޕޯޓްކުރުމަށް ޓްރެޑިޝަނަލް ގޮތްތައް ބޭނުމެއް ނުކުރެވުނެވެ. މިއީ އިނޮވޭޝަން ބޭނުންކުރެވުނު މުހިއްމު ވަގުތެކެވެ. މިގޮތުން 3ޑީ ޕްރިންޓަރވީ ލައިފްސޭވަރއަކަށެވެ. މާސްކާއި ޕީޕީއީގެ އެކި ސާމާނާއި ވެންޓިލޭޓަރުގެ ބައިތަކާއި، ވައިރަސްއަށް ޓެސްޓްކުރާ ޑިވައިސްތައް ޕްރިންޓްކުރެވިގެން ދިޔައެވެ. އިމަޖެންސީ ހާލަތުގައި ބޭނުންކުރެވޭނެ އައިސޮލޭޝަން ބޫތުވެސް ޗައިނާ ފަދަ ގައުމުތަކުގައި ޕްރިންޓް ކުރިއެވެ. ރާއްޖޭގައި ވެސް ފޭސް ޝީލްޑްއާއި ޕީޕީއީ ގެ ބައެއް ސާމާނާއި، ވެންޓިލޭޓަރު ތައް އުފެއްދުނު ތަން ފެނިގެން ދިޔައެވެ.

ޑިސްއިންފެކްޓިންގ ރޮބޮޓްސް

ދެން މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވުނީ ވައިރަސް ނައްތާލުމަށް ސާފުކުރެވޭނެ ގޮތްތަކެވެ. އާންމުކޮށް މަސައްކަތު މީހުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކަށް މީހުން ނުކުތުން ވީ ނުރައްކާތެރި ކަމަކަށެވެ. އެހެން ކަމުން އަވަހަށް އަދި އެފެކްޓިވްކޮށް ސާފުކުރެވޭނެ ގޮތްތަކެއްވެސް އުފެއްދިގެންއައެވެ. މިގޮތުން ހާއްސަކޮށް ހޮސްޕިޓަލްތަކާއި އެއަރޕޯޓްތައް ޑީޕް ކްލީން ކުރުމަށް ރޮބޮޓްތައް ބޭނުންކުރެވެން ފެށުނެވެ. މިއީ ކޮވިޑް 19 ގައި އިންތިހާއަށް އެހީތެރިވެދިން ޓެކްނޮލޮޖީއެވެ.


މި ހުރިހާ ކަމަކުންވެސް އެންމެ މުހިއްމުކޮށް ފާހަގަ ކޮށްލެވޭ ކަމަކީ މިކަންކަމަށް ބޭނުން ޖެހުނު ހިނދު އެ ޓެކްނޮލޮޖީތައް ޑިވެލޮޕްކޮށް ބޭނުންކުރެވޭނެ ގޮތަށް ގެނެވުނު ހަލުވި މިނެވެ. ކުރިން ވަރަށް މަޑުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތައް އަވަސް މުއްދަތެއްގެ ތެރޭގައި ލޯންޗްކުރެވުނެވެ. އަދި ދިމާވި މައްސަލަތައް އަވަހަށް ހައްލުވެސް ކުރެވިގެން ދިޔައެވެ. މި ހާލަތު، އަހަރުމެނަށް ދަސްކޮށް ދިނީ ޓެކްނޮލޮޖީއިން ގެނެސްދިން ފަސޭހަތަކެވެ. އޭގެ މުހިއްމު ކަމެވެ. އަދި މިއީ ކުރެވިދާނެ ކަންތައްތައް ކަމެވެ. މިކަމުން ފައިދާ ނަގައިގެން ކުރިއަށް އޮތްތާނގައި ދުނިޔޭގައިވެސް އަދި ހާއްސަކޮށް ރާއްޖޭގައި މިކަހަލަ ފައިދާ ހުރި ޓެކްނޮލޮޖީ ތަރައްގީކުރުން ވަރަށް މުހިއްމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.