އަވަރ އޮފް ކޯޑް - މިއަހަރު މުޅި ރާއްޖެއަށް ހާއްސަކޮށްގެން

ހިންދު ޢަލީ 21 ޑިސެމްބަރު 2020

އަވަރ އޮފް ކޯޑަކީ ކޮންމެ އަހަރަކު ވެސް ކޮމްޕިޔުޓަރ ސައިންސް އެޑިޔުކޭޝަން ހަފްތާގެ ބައެއްގެ ގޮތުގައި ބާއްވާ ބައިނަލްއަގްވާމީ އިވެންޓެކެވެ. ކޮމްޕިޔުޓަރ ސައިންސް އެޑިޔުކޭޝަން ހަފްތާއަކީ 2009 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އެސޯސިއޭޝަން ފޯރ ކޮމްޕިޔުޓަރ މެޝީނަރީ (އޭސީއެމް) އިން ކޮމްޕިޔުޓަރ ސައިންސް ތަޢުލީމް ކުރިއެރުވުމަށްޓަކައި ފާހަގަކުރާ ހަފްތާއެކެވެ. ކޮންމެ ޑިސެމްބަރު މަހެއްގެ 2 ވަނަ ހަފްތާއަށް މި ޕްރޮގްރާމް ހާއްސަކުރެވިފައިވަނީ އެމެރިކާގެ މަޝްހޫރު މެތަމެޓީޝަން އަދި ކޮމްޕިޔުޓަރ ސައިންސް ދާއިރާގެ މުހިއްމު ފަރާތެއް ކަމަށްވާ ގްރޭސް ހޮޕަރގެ އުފަންދުވަސް (9 ޑިސެމްބަރ 1906) ހިމެނޭ ހަފްތާއަށް ވާތީއެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮމްޕިޔުޓަރ ސައިންސް އެޑިޔުކޭޝަން ހަފްތާ ފާހަގަ ކުރެވުނު ނަމަވެސް އަވަރ އޮފް ކޯޑް މި ޕްރޮގްރާމްތެރޭގައި ހިމެނުނީ 2013 ވަނަ އަހަރުއެވެ. އެއީ އީރާނަށް އުފަން އެއްމާބަނޑު ދެބެން ކަމަށްވާ ހަދީ އަދި އަލީ ޕަރްޓޯވީ އުފެއްދި ކޯޑް.އޯގް އިން އެ އަހަރުގެ ކޮމްޕިޔުޓަރ ސައިންސް އެޑިޔުކޭޝަން ހަފްތާގައި ތަޢާރަފްކުރި 'އަވަރ އޮފް ކޯޑް ޗެލެންޖު'ންނެވެ. މިޗެލެންޖުގައި ފުރަތަމަ ފަހަރަށް ކޮމްޕިޔުޓަރ ސައިންސާއި ކޯޑިންގެ ކޮންސެޕްޓްތައް ދަސްކޮށްދިނުމުގެ ގޮތުން ފުރިހަމަކުރެވޭނޭ ކޯޑިން ޓިޔުޓޯރިއަލްސްތަކެއް ތައާރަފް ކުރިއެވެ. މީގެ މަގުސަދަކީ ކުޑަކުދިންނަށާއި އަދި ބޮޑެތި މީހުންނަށްވެސް ކޮމްޕިޔުޓަރ ޕްރޮގްރާމިންގ ފަސޭހައިން ދަސް ކުރެވޭނެ ގޮތެއް އުފެއްދުމެވެ.

2013 ވަނަ އަހަރު އެކަނި ވެސް 20 މިލިއަނަށް ވުރެ ގިނަ މީހުން މި ޕްރޮގްރާމްގައި ބައިވެރިވިއެވެ. މިއަދާ ހަމައަށް، 45 ބަހަކުން ކުރިއަށް ގެންދެވިފައިވާކަމާއި، 180 އަށް ވުރެ ގިނަ ގައުމަކުން، 1 ބިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން code.org ގައި ބުނެފައިވެއެވެ.

މިއަހަރު އަވަރ އޮފް ކޯޑް އިވެންޓް ރާއްޖޭގައި ވެސް ބޭއްވުނެވެ. އިވެންޓް ބޭއްވުނީ އެހެން އަހަރުތަކާއި ހިލާފަށް ވަރަށް ބޮޑުކޮށް، މުޅި ރާއްޖެ ހިއްސާވާ ގޮތަށެވެ. 12 ޑިސެމްބަރ 2020 ގައި އޮތް މި ޕްރޮގްރާމް މިއަހަރު ހިންގީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ސްޓެމް ސްޕޭސް ގުޅިގެންނެވެ. ޕްރޮގްރާމްގައި ރާއްޖޭގެ 82 ރަށަކުން 1340 އަށް ވުރެ ގިނަ ކުދިން ރަޖިސްޓަރ ކުރިއެވެ.

މި ޕްރޮގްރާމް 2 ގޮތަކަށް މިފަހަރު ބޭއްވިގެން ދިޔައެވެ. ބައެއް ރަށްރަށުގައި އިވެންޓް ހިންގީ ސްކޫލްތަކުގެ ކުދިންނަށް ހާއްސަ ކޮށްގެން ފިޒިކަލް ސެޝަންގެ ގޮތުގައި ސްކޫލްތަކުގައެވެ. މިގޮތުން 4 ސްކޫލަކުން 45 ކުދިންނަށް ފިޒިކަލް ސެޝަންތައް ކުރިއަށް ގެންދިޔައެވެ. ސްކޫލްތަކުގައި ކުރިއަށް ދިޔަ ސެޝަންތައް ނަންގަވާދެއްވީ އެކަމަށް ތަމްރީން ކުރެވުނު ޓީޗަރުންނެވެ.

ރާއްޖޭގައި ހިންގުނު އަވަރއޮފްކޯޑް ގެ ފިޒިކަލް ސެޝަން އެއްގެ ތެރެއިން - ފޮޓޯ ސޯޝަލް މީޑީއާ

އޭގެ އިތުރުން ޕްރޮގްރާމްގެ ބޮޑު ބައި ހިންގީ ވަރޗުއަލް ކޮންނެވެ. ރަޖިސްޓަރ ކުރި ކުދިންގެ ތެރެއިން %90 ކުދިން ބައިވެރިވީ އޮންލައިންކޮށެވެ. ގޫގުލް މީޓް އަދި މައިކްރޮސޮފްޓް ޓީމްސްގައި 45 ކްލާހަކަށް ބަހާލައިގެން ބޭއްވުނު މި ޕްރޮގްރާމްގައި ޓެކްގެ އެކި އެކި ދާއިރާގައި މަސައްކަތްކުރާ ވިމެން އިން ޓެކް މޯލްޑިވްސްގެ މެންބަރުންނާއި ސްޓެމް ސްޕޭސްގެ ޓީޗަރުން މެންޓަރސްގެ ގޮތަށް ހަރަކާތްތެރިވިއެވެ. މެންޓަރސް ގެ ރޯލަކަށްވީ އެކި އުމުރުފުރައިގެ ކުދިންނަށް ހާއްސަކޮށްފައި ހުރި އެކްޓިވިޓީތައް ތައާރަފްކުރުމާއި ކުދިންނަށް އެކްޓިވިޓީ ތަކުގައި ހިމެނޭ ކޮމްޕިޔުޓަރ ޕްރޮގްރާމިންގގެ ކޮންސެޕްޓްތައް ބުނެދިނުމެވެ.

ޕްރޮގްރާމް ހިންގި ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މިއަހަރު އަވަރ އޮފް ކޯޑް ޕްރޮގްރާމްގައި 4 އަހަރާއި 60 އަހަރާއި ދެމެދުގެ ބައިވެރިން ހިމެނުނެވެ. މާލޭ ސަރަހައްދުން 600 އަދި އަތޮޅުތަކުން 700 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. އަދި ރާއްޖޭން ބޭރުގައި ތިބި 6 ފަރާތެއްވެސް ބައިވެރިވިއެވެ. އަތޮޅުތަކުން ބައިވެރިވި ފަރާތްތަކުން އެންމެ ގިނައިން ބައިވެރިވީ އެންމެ އުތުރުން ހއ އަތޮޅާއި އެންމެ ދެކުނުން އައްޑު އަތޮޅުންނެވެ. އެންމެ ގިނަ ކުދިން ބައިވެރިވީ މިޑްލް ސްކޫލް އުމުރު ފުރައިންނެވެ. ބައިވެރިންގެ ތެރެއިން %45 އަކީ އަންހެން ކުދިންނެވެ.

މިޕްރޮގްރާމްގެ މަގުސަދަކީ 21 ވަނަ ގަރުނުގެ ހުނަރުތަކަށް ކުޑަކުދިން ހޭލުންތެރިކުރުވުމުވެ. ދިރާސާތަކުން ދައްކާގޮތުން ޅަ އުމުރުގައި، މައްސަލަތަކަށް ހައްލު ހޯދުމުގެ ހުނަރާއި ލޮޖިކަލްކޮށް ކަންތައްތަކާއި ވިސްނުމާއި، އުފެއްދުންތެރިކަން ދަސްކޮށްދިނުމަކީ ކުދިން ބޮޑުވަމުން އަންނަވަރަކަށް ވިސްނުންތޫނުވެ އިނޮވޭޓިވްވުމަށް އެޅޭ ބިންގަލެކެވެ. ކޮމްޕިޔުޓަރ ސައިންސް އާއި ޕްރޮގްރާމިންގ އޭރިޔާއަކީ މިފަދަ ހުނަރުތައް ދަސްކޮށްދޭ އޭރިއާއެކެވެ. އަވަރ އޮފް ކޯޑަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުނަށް ކޯޑިންގ ތަޢާރަފްކޮށް ކޮމްޕިއުޓަރ ސައިންސަށް ޝައުގުވެރިކުރުވުމަށް ލިބޭނޭ ވަރަށް ރަގަޅު ފުރުސަތެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.