އަންހެން ކުދިންނަށް ކޯޑިންގ ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގާ 'ގަރލްސް ޓު ކޯޑް' ސީރީސްގެ 2 ވަނަ ޕްރޮގްރާމް މިއަންނަ ޖެނުއަރީ މަހު ބޭއްވުަމަށް ނިންމައިފިއެވެ. މިފަހަރު މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައެވެ.
ޕްރޮގްރާމް އަމާޒުކުރެވެނީ 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށެވެ. ޖެނުއަރީ 10 ގައި ފެއްޓުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރުވަނީ ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރޭޝަން ސުންގަޑިއަކީ 25 ޑިސެމްބަރ 2020 އެވެ.
މި ޕްރޮގްރާމްގެ މުއްދަތަކީ 2 މަސް ދުވަހެވެ. ޕްރޮގްރާމްގައި ބައިވެރިން ހޮވުމުގައި އިސްކަންދޭނީ އެއްވެސް ވަރަކަށް ކޯޑިންގެ ތަޖުރިބާ ނެތް މިކަމަށް ޝައުގުވެރިވާ ކުދިންނަށެވެ. ޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މިފަހަރު ކްލާސްތައް ނަގާ ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮންނެވެ.
https://www.facebook.com/dhiraagufans/videos/234646338021396
އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ޑިވެލޮޕްކުރަން މިޕްރޮގްރާމްގައި ދަސްކޮށްދޭނެއެވެ. މިޕްރޮގްރާމްގައި ދަސްކުރެވޭ މަޢުލޫމާތު ބޭނުންކޮށްގެން، ޕްރޮގްރާމްގެ ބައެއްގެ ގޮތުން ބައިވެރިން އަމަލީގޮތުން ވެބްސައިޓެއް ފަރުމާކުރާނެއެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ހިންގާ މިޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އަންހެން ކުދިންނަށް ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމާއި، އަދި މިދާއިރާއަށް ޝައުގުވެރިކުރުވުމާއި، ދާއިރާއިގައި ދެމި ތިބެވޭނެ ގޮތްތަކެއް ފަހިކޮށް ދިނުމެވެ. ވިމެން އިން ޓެކް އިން ބުނި ގޮތުގައި އަންހެން ކުދިންނަށް މިފަދަ ހުނަރު ދަސްކޮށްދިނުމާއި އެކުދިންނަށް މިފަދަ މަސައްކަތްތައް ކުރެވިދާނެކަމާއި އޭގެ ފުރުސަތު ހުރިކަން ހާމަކޮށްދިނުން ވަރަށް މުހިއްމެވެ.
2019ގައި 'ގަރލްސް ޓު ކޯޑް'ގެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އެޕްރޮގްރާމްގައިވެސް 20 އަންހެން ކުދިން ބައިވެރިވެ ކާމިޔާބުކަމާއެކު ފުރިހަމަކުރިއެވެ. މިޕްރޮގްރާމްގެ ނަތީޖާއަށް ބަލާ އިތުރު ރަށްރަށުގައި މީގެ އެހެން ޕްރޮގްރާމްތައް ހިންގަން ރޭވިފައިވާކަމަށް މި ޕްރޮގްރާމް އިންތިޒާމު ކުރާ ވިމެން އިން ޓެކް އިން ބުނެފައިވެއެވެ.
އައިސީޓީ ދާއިރާގައި އެކި ރޯލްތަކުގައި 15 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސޮފްޓްވެއަރ އެނަލިސްޓެއް. މައިގަނޑުކޮށް ކުރާ މަސައްކަތަކީ އީގަވަރމަންޓް ޚިދުމަތްތަކުގެ ޕްރޮޑަކްޓް މެނޭޖްމަންޓް މަސައްކަތް. މިދާއިރާއަށް އަންހެނުން އިތުރުކުރުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކުރަން.