ގެލަކްސީ ފޯނުތަކާއެކު ޗާޖަރު ނުހިމަނާނެ ކަމަށް ބުނެފި

ޔޫސުފް ރަޝީދު 26 ޑިސެމްބަރު 2020

މާކެޓަށް ނެރޭ ކޮންމެ އައިފޯނަކާއެކު ޗާޖަރެއް ނުލިބޭނެ ކަމަށް އެޕަލްއިން ބުނުމުން ސެމްސަންގް ދިޔައީ ހިނިފަޅައިގެންނެވެ. އައިފޯން 12 އާއެކު ފޮށިތެރޭގައި ޗާޖަރެއް ނެތުމުން ސެމްސަންގަށް ދެން ކެތެއް ނުކުރެވުނުނެވެ. ޖޯކެއްޖަހާލައި، ސަޕޯޓަރުން ހެއްވާލަން ބޭނުންވި އެވެ.

ފުރުސަތުގެ ބޭނުންހިފައި ސެމްސަންގް ޗާޖަރަކުން ފޮޓޯނަގައި ތިރީގައި ލިޔެލި އެވެ. "ގެލަކްސީ ފޯނުތަކާއެކު ލިބޭނެ" އެވެ. އެ ފޮޓޯގަނޑުވީ ސޯޝަލް މީޑިއާގައި ވައިކަފާަފައި ދަތުރުކޮށް ދިއަ ބާރުގަދަ އިސްތިހާރަކަށެވެ.

މިއީ އެއްކަލަ ގުރޫޕެވެ. އައިފޯނުން 3.5އެމްއެމް ހެޑްފޯންޖެކް ނައްތާލުން ވެސް އެވަރަށް ޖޯކުޖެހި އެވެ. ބުންޏެވެ. އަހަރެމެންނީ ދީފިއެއްޗެއް އަތުލާބަޔަކީމެއް ނޫނެވެ. އެކަމަކު ގެލަކްސީ ނޯޓް 10 މުޅިން ފައްކާވެ އަތުޖެހޭ ފަށަށް އައިއިރު 3.5އެމްއެމް ޖެކްޖަހާނެ ތަނެއް ނެތެވެ. ޗާޖިން ޕޯޓާއި ހެޑްފޯން ޕޯޓް އެކުވެ ޓައިޕްސީއަށް ބަދަލުވެ ނިމިއްޖެ އެވެ.

ފޮށިތެރޭގައި ޗާޖަރު ނުހިމެނުން ރަނގަޅު ކަމަށް ސެމްސަންގް ބުނެފި

ސެމްސަންގުން ބާރުގަދަ ފޯނުތަކެއް އަންނަ އަހަރު ވެސް ނެރޭނެ އެވެ. އޭގެ ތެރޭގައި އެސް 21 ހިމެނޭނެ ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން އެސް 21 އާއެކު ޗާޖަރުނުލިބޭނެ ކަމަށް ވެސް އެބަ ބުނެ އެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ސެމްސަންގުން މިހާރު ކުރާކަމަކީ އެޕަލްއަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ތަތްކުރި ފޮޓޯތައް ނެއްޓުމެވެ. މީހުން ދިނާ ރަށުތެރެ ހިމޭންވުމުން ސެމްސަންގް ސަޕޯޓަރުން އެކަންކުރާތީ ވަނީ ފެނިފަ އެވެ. ހެޑްފޯން ޕޯޓަށް ޖޯކްޖަހައި ހެދި އިސްތިހާރުތައް ވެސް ފަހުން ޑިލީޓްކުރި އެވެ.

ސެމްސަންގްއިން ބުނަނީ އެޕަލްއިން ޗާޖަރު ނުދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމުން ވާނީ ފައިދާ ކަމަށެވެ. އެހެން ނަމަވެސް، ޗާޖަރަށް މަލާމާތްކޮށް އަދި ލިބޭނެ ކަމަށް ބުނެ، ގެލަކްސީ ފޯނުތަކާއެކު ޗާޖަރު ނުހިމެނުމަކީ ލަދުގަންނަންޖެހިދާނެ ކަމެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.