އެޕަލްއިން ކާރުއުފައްދަނީ – އަހަންނަށް ކޮންކަމެއް!

އަޙްމަދު ނިޔާޒް 27 ޑިސެމްބަރު 2020
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލްއިން ކާރެއް އުފައްދަން އުޅޭ ކަމަށް ބުނެވޭތާ ޒަމާންތަކެއް ވެއްޖެ އެވެ. އެބުނާ ކާރެއް އަދި ވެސް ލޮލަކަށް ނުފެނެ އެވެ. ފޮޓޯއެއް ކުރެހުމެއް ވެސް ނެތެވެ. އެޕަލް އަކީ ކުރާހާ ކަމެއް އިޝްތިހާރުކުރާ ބަޔަކަށް ނުވާތީ ނުފެންނަނީ ކަމަށް ވެސް ވެދާނެ އެވެ. މި ވާހަކަތަކުގެ އަޑު ދޭތެރެ ދޭތެރެއިން ގަދަވެފައި މުޅިން ހިނދިގެން ވެސް ދެ އެވެ. ދުވަސްތަކެއް ފަހުން އަލުން ފެށި އަނެއްކާވެސް މިއޮތީ ބަހުސަށް ހުޅުވިފަ އެވެ.

އެޕަލްއިން ކާރެއް އުފެއްދުމަކީ އަހަންނާ ބެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް، މި ވާހަކަތަކަށް ޝައުގުވެރިވެވެނީ ސްމާޓް ކާރު ސިނާއަތުގައި، "ބޮސް ލެވެލް" ގައި ބަޔަކު އުޅެނިކޮށް، ސްމާޓްފޯން އުފައްދާ ކުންފުންޏަކުން ކުރަންއުޅޭ ޖެހިލުންކުޑަ މަސައްކަތަކަށް ވާތީ އެވެ. އަނެއްކޮޅުން މި ދައްކަނީ އެޕަލް ކުންފުނީގެ ވާހަކަ އެވެ. އެއީ އެއްޗެއް އަލަށް އުފައްދާ ކުންފުންޏެއް ނޫނެވެ. އަލުން އުފައްދާ ކުންފުންޏެކެވެ.

އެޕަލް ކާރަށް ކިޔާ ނަމެއް އަދި ނޭނގެ އެވެ. އެކަމަކު ބެލެވެނީ މުޅިން އާ ޒާތުގެ ނަމަކަށް ނުވާނެ ކަމަށެވެ. އެޕަލްގެ އުފެއްދުންތަކާ ގާތް ގުޅުމެއް ނަމުގައި ވެސް ހުންނާނެ ކަމަށެވެ. މި ތަރުތީބަށް ބަލައި އެޕަލްއިން އުފައްދަނީ "އައިކާރެއް" ކަމަށް ބުނަނީ އެވެ.

އެޕަލް އައިކާރަކީ މުޅިން އޮޓަމެޓިކް – ފުލް އޮޓަމެޓިކް މެޝިނެކެވެ. ރަނގަޅެވެ. އިލެކްޓްރިކް ކާރެކެވެ. ޑްރައިވަރަކަށް ބޭނުމެއް ނުވެ އެވެ. އަމިއްލަ އަށް ތަންދޮރު ބަަލައި – ހަމަ ބުއްދީގައި މަގުހޯދަމުން ދުވާ ކާރެކެވެ.

އެޕަލްއިން ކާރު އުފައްދަން ފަށައިފި ނަމަ އެންމެ ބިރުގަންނާނެ ބަޔަކީ ޓެސްލާ އެވެ. އެއީ މި ސިނާއަތުގެ ސެލެބްރީޓީ އެވެ. ޑްރައިވަރަކާ ނުލައި ދުވާ ކާރު ޓެސްލާއިން ވެސް އުފައްދަ އެވެ. ޓެސްލާ ކާރުތަކަށް މަގުދެއްކުމަށްޓަކައި ބޭނުންކުރެވެނީ "ރޭޑާ" ޓެކްނޮލޮޖީ އެވެ. އެޕަލް ކާރުތަކުގައި ބޭނުންކުރާނެ ކަމަށް ބުނެވެނީ "ލައިޑާ" ޓެކްނޮލޮޖީ އެވެ.

ރޭޑާ – ލައިޑާ: ތިޔައީ ނުދަންނަ އެއްޗެއް

ރޭޑާ – "ރޭޑިއޯ ޑިޓެކްޝަން އެންޑް ރޭންޖިން" އެވެ. ރޭޑާ ޓެކްނޮލޮޖީ އަކީ ހަމަ އެއާޕޯޓްތަކުގައި ބޭނުންކުރާ ރޭޑާ ޓެކްނޮލޮޖީ އެެވެ. މެދުވެރި އަކީ ރޭޑިއޯ ވޭވެސް އެވެ. އެއާޕޯޓްތަކުގައި ރޭޑާ ބޭނުންކުރަނީ މަތިންދާބޯޓް އޮންނަ ދުރުމިން، އުސްމިން އަދި ދުވެލި ދެނެގަތުމަށެވެ. މިއަށް ވުރެ ގިނަ ބޭނުންތައް ވެސް ހުރެ އެވެ.

ލައިޑާ – "ލައިޓް ޑިޓެކްޝަން އެންޑް ރޭންޖިން" އެވެ. މެދުވެރި އަކީ "އަލި" އެވެ. މި ހިސާބުން ހަނދާނުގައި ބަހައްޓަން ޖެހެނީ ލައިޑާ ޓެކްނޮލޮޖީގެ އަސާސަކީ އަލިކަމެވެ. ހަމަލޮލަށް ފެންނަ އަލިކަމެވެ. ދަނޑުބިންތަކާއި ޖަންގަލި ފަދަ ތަންތަން ސާވޭކުރަން ބޭނުންކުރާ ބައެއް ލައިޑާ ސިސްޓަމްތަކުގައި، ލޮލަށް ފެންނަ ފެހި ލޭޒާ ބޭނުންކުރެވެ އެވެ. އެހެން ނަމަވެސް، މަގު ހޯދައިގެން ދުވާ ކާރުތަކަށް މި ޓެކްނޮލޮޖީ ގެންނައިރު، ލޮލަށް ފެނި ޓްރެފިކް ލައިޓަށް ހުރަސްއެޅިގެން ނުވާނެ އެވެ. މި ހިސާބުން މެދުވެރިއެއްގެ ބައި އަދާކުރާނީ "އިންފްރާރެޑް" އެވެ.

އެޕަލްއިން ރޭޑާ ޓެކްނޮލޮޖީ ދޫކޮށް ލައިޑާއަށް ދަނީ ކީއްވެތޯ ހިތަށް އަރާފާނެ އެވެ. މި ދެ ޓެކޮނޮލޮޖީ އަޅާކިޔައި ބުނެވެނީ، ބައެއް ބޭނުންތަކަށް ރޭޑާ އަށް ވުރެ ލައިޑާ ކުޅަދާނަ ކަމަށެވެ.

ޓެސްލާ ކާރުތަކުގައި ރޭޑާގެ އިތުރުން ކެމެރާ އާއި އަލްޓްރާސޮނިކް ސެންސަރުތައް ވެސް ބޭނުންކުރެ އެވެ. އެއީ ކާރަށް މަގުހޯދުން ފުރިހަމަކުރުމަށެވެ.

އެޕަލް ކާރުގައި ބޭނުންކުރާ ލައިޑާ ސެންސަރުތަކުގެ ތަފުސީލް އަދި ނޭނގެ އެވެ. އެހެންކަމުން، ބިރުގަންނަން ޖެހެނީ މި ބުނި ސެންސަރުތަކަށް ލިއްބައިދީފާނެ ބާރުވެރިކަމާ މެދު އެވެ. ލައިޑާ ސެންސަރުތައް ދުނިޔޭގައި ހުއްޓައި އެޕަލްއިން އަލުން ލައިޑާ ސެންސަރުތައް އުފައްދައިފިނަމަ ޓެސްލާ ބަނގުރޫޓުވާނެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.