ރޮބޮޓް ކުއްތާ ކޮބައިތަ؟

އަޙްމަދު ނިޔާޒް 30 ޑިސެމްބަރު 2020

މިއުޅެނީ ބޮސްޓަން ޑައިނަމިކްސްގެ ރޮބޮޓް ކުއްތާ ވީތަނެއް ނޭނގިގެންނެވެ. އެސޮރު ވީތަނެއް ތިއައިން ބޭފުޅަކަށް އެނގިލައްވާ ނަމަ އަންގާލަދެއްވުން އެދެމެވެ. ރޮބޮޓް ކުއްތާއާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ވެސް އެނގޭ މިންވަރު ދަންނަވާލާނަމެވެ.

ރޮބޮޓް ކުއްތާ އަކީ ލޯބިން ކިޔާނަމެކެވެ. އަސްލު ނަމަކީ "ސްޕޮޓް" އެވެ. އެއީ ބޮސްޓަން ޑައިނަމިކްސްގެ ބޭބީ އެވެ.

ރޮބޮޓް ކުއްތާ އެންމެ ފަހުން ފެނުނީ ސިންގަޕޫރު ޕާކެއްގައި ވަށާބުރު ޖަހަނިކޮށެވެ. ކޮވިޑާ ގުޅިގެން ނެރެފައި ހުރި އަމުރުތަކަށް އާންމުން ބޯލަނބާތޯ ބަލަނީ އެވެ. އެއްތަނެއްގައި މީހުން މާގިނަ ކަމަށް އެސޮރަށް ލަފާކުރެވިއްޖެ ނަމަ ކައިރިވެލާފައި އިރުޝާދުދެ އެވެ. "ޕްލީޒް ކީޕް ސޯޝަލް ޑިސްޓޭސިން" – ދުރުދުރުގައި ތިއްބަވާށެވެ. މަގުމަތީގައި ކުނިކޮޅެއް އޮތަސް، ސްޕޮޓަށް އެއީ ބޮޑު މައްސަލައެކެވެ. "ސިންގަޕޫރަކީ ސާފުތާހިރު ގައުމެއް" ކަމަށް ބުނެ އެވެ.

ބޮސްޓަން ޑައިނަމިކްސްއިން ރޮބޮޓް ކުއްތާ ގެންގޮސް ނިއުޒިލޭންޑްގެ ދަނޑުމިބަކަށް ލީ ވާހަކަ ވެސް އެހީމެވެ. އެއީ އެސޮރަށް ދަނޑުވެރިކަށް ދަސްކޮށްދޭކަށް ނޫނެވެ. ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ގެރިބަކަރި ފަދަ ނައަމްސޫފިތައް ބެލެހެއްޓުމަށެވެ. ރޮބޮޓް ކުއްތާ ކުރަންޖެހޭ ކަމަކީ ނައަމްސޫފިތައް ގޮވައިގެން ދަނޑަށް ގޮސް ވިނަކާންދިނުމެވެ.

ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓްގައި – ކްރިމިނަލް އިންވެސްޓިގޭޝަން ޓީމާއެކު ރޮބޮޓް ކުއްތާ މަސައްކަތްކުރާ ވާހަކަ ވެސް އެހީމެވެ. ރޮބޮޓް ކުއްޓާގެ ކުޅަދާނަކަމާ މެދު އަބަދުވެސް އަހަނީ، އިންސާނުންނަށް ކުރަން ދަތި މަސައްކަތްކުރާ ކަމަށެވެ.

އާންމުންގެ ތެރެއަށް ބަޑިޖަހާ މީހަކު ހުއްޓުވައި ހިފަހައްޓާނީ ކިހިނެއް ހެއްޔެވެ. މިތަނުގައި ޖަވާބެއް ދިނުމަށް ވުރެ ވަނީ ސުވާލެއްކޮށްލާ ހިތެވެ. އައިސްއަލަމާރިއަކަށް އެލެފަންޓެއް ލާނީ ކިހިނެއް ހެއްޔެވެ – ދޮރު ހުޅުވާފައި އެލެފަންޓް ލާފައި ދޮރު ލައްޕާނީ އެވެ. ބަޑިޖަހާ މީހާ ހުއްޓުވާނީ މިބުނި ގޮތަށެވެ.

ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓްގައި ރޮބޮޓް ކުއްތާ ތަމްރީންކުރަނީ ލައިވް ވަޒަނާ ކުރިމަތިލާށެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.