ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ޓެކް ކުންފުނިތަކަށް އެނގެނީ ކިހާ ވަރަކަށް ތަ؟

އާރު 13 ސެޕްޓެމްބަރު 2020

ބިގް ޑާޓާ ކުންފުނިތަކުގެ ވާހަކަ އެންމެނަށް ވެސް އެނގެ އެވެ. އިންޓަނެޓް ސާޗްކޮށްލުމަށް ފަހު ގިނަ އިރުތަކެއް ނުވަނީސް، އޭރު ސާޗް ކުރި އެއްޗަކާ ގުޅުން ހުރި އިސްތިހާރުތައް، މީޑީއާގެ އެހެން ވަސީލަތަކުން ފެންނަނީ މަދަކުން ނޫނެވެ. އަހަރެމެންނާ ގުޅުން ހުރި އެތައް ކަމެއް، ޓެކް ކުންފުނި ތަކަށް އެނގެ އެވެ. ބިގް ޑާޓާގެ ގޮތުގަ އެވެ.

އަހަރެމެންނާ ގުޅުން ހުރި ޑާޓާތަކުން މާލީ ތަނަވަސްކަން ހޯދުމަށްޓަކައި ބިގް ޑާޓާ ކުންފުނިތަކުން ވިޔަފާރިކުރެވެ އެވެ. މި ގޮތަށް ވިޔަފާރިކުރުމަށް "ޑާޓާތައް ވިއްކުމަށް" އިޚުތިޔާރުކުރަނީ ތާޑް ޕާޓީ ކުންފުނި ތަކެވެ. މި ފަދަ ވިޔަފާރިތަކަށް މަގު ތަނަވަސްކުރުމަށްޓަކައި، އެޕްލިކޭޝަންތަކާއި ސާވިސްތައް އުފައްދައި ހިލޭސާބަހަށް އަދި އާންމުކޮށް ލިބޭނެ ގޮތް ހަދަ އެވެ.

މި ޖީލުގެ ކުޑަކުދިނާ ގުޅުން ހުރި އެތައް މައުލޫމާތެއް ބޮޑެތި ޓެކް ކުންފުނިތަކުން އެއްކުރެ އެވެ. ބިގް ޑާޓާގެ ބަސްމަގުން ބުނަނީ ނަމަ ކުޑަ ކުއްޖަކު ފުރާވަރަށް އަޅަން ވާ އިރަށް ތަފާތު 70،000 ޑާޓާ ޕޮއިންޓް އެއްކޮށްފައި ހުރެ އެވެ. އެއީ އެކުއްޖެއްގެ ޒާތީ ތަފާތު މައުލޫމަތުތަކުގެ އިތުރުން އެކުއްޖެއްގެ މިޒާޖާއި، އެކުއްޖަކު ގަޔާވާ ކަންކަމާއި ތަފާތު ތައުލީމީ ވަނަވަރުތަކާއި ސިއްހީ ކަންކަމާއި ގުޅުން ހުރި ޑާޓާތަކެވެ.

މި މައުލޫމާތުތައް އެއްކުރަން ފަށަނީ އެކުއްޖަކު އުފަންވުމުގެ ވެސް ކުރިންނެވެ. ދެމަފިރިން ދަރިޔަކު ހޯދަން ބޭނުންވާާ ހިނދުން ފެށިގެން ދަރިމައިވުމަށް އެހީވެދޭ ކަންކަމާ ގުޅުން ހުރި ސާޗްތައް ކުރަން ފަށައެވެ. ބަނޑުބޮޑު ވުމާއި އެކު އެންމެ ރަނގަޅު ގައިނީ ނުވަތަ ސްކޭން ޑޮކްޓަރަކީ ކޮބައިތޯ ހޯދައެވެ. އެންމެ ފުރަތަމަ ސްކޭން ގެ ފޮޓޯ ގާތްތިމާގެ މީހުންނަށް ހިއްސާ ކުރުމަށް މީސް މީޑީއާގެ ވަސީލަތްތަކާއި ޗެޓް ގްރޫޕް ތަކުގައި ހިއްސާ ކުރެއެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ތަފާތު އުންދަގޫ ތަކަށް ލުއި ހޯދުމަށް ކުރެވިދާނެ ކަންކަން ސާރޗް ކުރެއެވެ. ކާއެއްޗެއް ކެއުމުގެ ކުރިން އެއީ މާބަންޑު ދުވަސްވަރު ބެނުން ކުރުން އެންމެ ރަނގަޅު އެއްޗެއް ތޯ ބަލައެވެ. "ޑޮކްޓަރު ގޫގުލް" އަށް ބަރޯސާވާ މިންވަރު އިންތިހާ އަށް ބޮޑެވެ. އެކި އެޕްތައް މެދުވެރިކޮށް ބަނޑުގައިވާ ދަރިފުޅުގެ އެކި ކަންކަން ހޯދައެވެ. ކޮންމެ ފަހަރަކު މި އިން ކޮންމެ ކަމަކުން ވެސް ޑާޓާ ޕޮއިންޓް ތައް އުފައްދައެވެ.

ދަރިފުޅު ބޮޑުވަމުން ދާއިރު ތަފާތު ގިނަ ނާސަރީ ރައިމް ތަކާއި، ވާހަކަ ތަކާއި، ކާޓޫންތައް ޔޫޓިއުބް ފަދަ އެޕް ތަކުން ބަލަން ފަށައެވެ. މިހާރު އިންޓަނެޓް ކަނެކްޓަޑް ކޫޅޭ އެއްޗެތި ވެސް އެބަ ހުއްޓެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު އިތުރު ޑާޓާ ޕޮއިންޓުތައްވެސް އުފައްދަނެވެ. ނާސަރީ އިން ފެށިގެން ގޮސް ތައުލީމީ މަރުހަލާގެ ކޮންމެ ހިސާބެއްގައިވެސް ޓެކްނޮލޮޖީ އަށް ބަރޯސާވާ މިންވަރު މިވަނީ އިންތިހާ އަށް އިތުރުވެފައެވެ.

އަހަރުމެންގެ ހަޔާތާ ޓެކްނޮލޮޖީ ގުޅިފައިމިވާ މިންވަރަކީ މިބުނި ފަދަ ޑާޓާ ޕޮއިންޓް ތަކުން ރެކެވޭނެ ގޮތެއް ނެތް ދަރަޖައެކެވެ. ނުރައްކާވާ ހިސާބަކީ މިކުންފުނިތަކުން އެއްކުރާ މައުލުމާތުތަކަކީ ކޮބާއި ކަން ނޭންގުމެވެ. ޓާރމްސް އޮފް ކޮންޑިޝަން އަދި ޕްރައިވެސީ ޕޮލިސީ ތަކުގައި މައުލޫމާތު އެއްކުރާ ކަމާއި އެމައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ވީ ނަމަވެސް، ޚިދުމަތް ބޭނުންކުރުން މަޖުބޫރުވެފައި ވާ މިންވަރުން އެކަން ކަމަށް އަޅާލެވޭ މިންވަރު ކުޑަ އެވެ.

ފުރާވަރަށް އަރާ ކުދިންގެ ލައްކަ އެއްހާ ޑާޓާ ޕޮއިޓްތައް މިގޮތަށް ހުރުމުން ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟ އޭގެ ކުރިން ވިސްނާލަންވީ މި ބިގް ޑާޓާ ބޭނުން ހިފަނީ ކޮންބަޔެއް ތޯ އެވެ. މިގޮތަށް އެއްކުރެވޭ ޑާޓާތަކުގެ ބޭނުން ހިފާ އެކި ޒާތް ޒާތުގެ ވިޔަފާރިތަކާއި މުއައްސަސާތައް ހިމެނެއެވެ. މިގޮތުންވެސް އެންމެ ކަންބޮޑުވަނީ އެކި ފަރާތްތަކުން ވަޒީފާގެ ފުރުސަތުތައް ހަމަޖެއްސުމުގެ ކުރިން މިފަދަ ޑާޓާ ތަކަށް ރިއާޔަތް ކުރާ ކަމެވެ. އެކުދިން ބޮޑުވެގެން ވަޒީފާއަކަށް ދިއުމުގެ ކުރިން ފައިތިލަ ސާބިތުކުރަނީ ރަނގަޅު ކޮލެޖް ތަކާއި ޔުނިވަރސިޓީ ތަކުގައެވެ. ދުނިޔޭގެ ނަންމަޝްހޫރު ތަފާތު ގިނަ ތައުލީމީ އިދާރާތަކުން ވެސް ހަމަ މިފަދަ ޑާޓާ އަށް ބަރޯސާވަމުންދާ މިންވަރު މާބޮޑެވެ.

މިކަންކަމުގެ ސަބަބުން އަހަރުމެންގެ ތުއްތު ތުއްތު ނާޒުކު ދަރިންގެ މުސްތަޤްބަލަށް އަސަރު ކުރެއެވެ. އެކުދިން އެނާޒުކު ކަންމަތީ ތިބެ އޮންލައިން މައުހައުލުގައި ހޭދަކުރާ ވަގުތުތަކަކާއި ހުރެއެވެ. ނުވަތަ މައިންބަފައިން "ރެލެވަންޓް" ވުމަށްޓަކައި ސޯޝަލް މިޑީއާގައި ހިއްސާކުރާ ތަފާތު ގިނަ މައުލޫމަތު ތަކެއްގެ ސަބަބުން ނެވެ. ބިގް ޑާޓާ ގެ ސަބަބުން އެކުދިންގެ މުސްތަޤްބަލަށް ކުރާ އަސަރު ތައް ކުޑަކުރުމަށް އިންޓަނެޓް އަށް ފިލައިގެންވެސް އުޅެވޭކަށެނެތެވެ. މުހިންމު ވަނީ ހަރުދަނާ އުސޫލްތަކާއި ރެގިއުލޭޓް ކުރެވެނޭގޮތް ތަކެކެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.