އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން – އައިއެސްއެސްގައި އިންސާނުން ގާއިމުވެ ތިބޭތާ 20 އަހަރު – ނޮވެމްބަރު 2 ގައި ފުރޭނެ އެވެ. މިއީ ނާސާ އަށް ވަރަށް މުހިންމު ދުވަހަކަށް ވާނެ އެވެ. ޖައްވީ ދަތުރުތަކުގައި – އެކުގައި ގުޅިގެން މަސައްކަތްކުރާ ހުރިހާ ގައުމަކުން ވެސް މި ތާރީޚް ޖަހާނެ އެވެ.
ނާސާއިން މި މުނާސަބަތު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، ސަޕޯޓްރުންނާއި ދަރިވަރުންގެ ކިބައިން އެދޭ ކަމެއް އެބަ އޮތެވެ. ބޫޓުގެ ނާޑުވާ ބާރުކޮށް ގޮށްޖަހައި ދުއްވައިގަތުމެވެ. ޓްރެޑްމިލް ވެސް ރަނގަޅުވާނެ އެވެ. ނާސާއިން އެދެނީ 91 މިނެޓާއި 12 ސިކުންތު ވަންދެން ދުވުމަށެވެ. ކަސްރަތަކަށް ފުދޭ ހަރަކާތްތަކެއް ވެސް ކަމުދާނެ އެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދުނިޔެ ވަށައި ބުރެއް އެޅުމަށް ނަގާ ވަގުތަކީ 91 މިނެޓާއި 12 ސިކުންތެވެ.
****
އަހަރެމެން މިހާރު މި ތިބީ މި ތަނުގަ އެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ދުނިޔެ ވަށައި ބުރެއް އަޅާފައި އައިހެވެ. ހަޔާތުގެ ސަފުހާއެއްގައި މި ތާރީޚް ރެކޯޑްކޮށްލަން ވާނެ އެވެ.
ޖައްވީ ދަތުރުތަކުގައި އިންސާނުންނަށް މި އަދާ ހަމަ އަށް އާދެވިފައި ތިބިއިރު، މި މަސައްކަތްކުގައި އޮތް ވާދަވެރިކަން ވެސް އެހައި ބޮޑެވެ. ދުނިޔޭގައި ނަގާކިޔާ ދެ ގައުމު – އެމެރިކާ އަދި ރަޝިޔާގެ ފިކުރަނީ ޖައްވީ ހޯދުންތަކުގައި އެހެން ބަޔަކަށް ދޫނުދިނުމެވެ.
އެމެރިކާ އާއި ރަޝިޔާއިން ވެސް ޖައްވަށް ދަތުރުކުރެ އެވެ. މި ދެ ގައުމަށް ނިސްބަތްވާ އެސްޓްރޮނޯޓުންނާއި ކޮސްމޮނޯޓުން، އައިއެސްއެސްގައި އެބަ ތިއްބެވެ. ބިމުން ފުރައިގެން އައިއެސްއެސް އަށް މިހާތަނަށް ކުރި ދަތުރުތަކުގައި ރަޝިޔާގެ އެހީތެރިކަން ވަރަށް ބޮޑެވެ. އެމެރިކާގެ ޖައްވީ އުޅަނދުތައް ހަލާކުވުމާ ގުޅިގެން، އެމެރިކާ އަށް ފަޅުވެރިން އުފުލައިދެނީ ރަޝިޔާއިން – ސޮޔުޒް ރޮކެޓްގަ އެވެ.
އެމެރިކާގެ އެސްޓްރޮނޯޓުން ސޮޔުޒް ރޮކެޓްގައި ޖައްވީ ސްޓޭޝަނަކަށް ދެން ނުފޮނުވާނެ އެވެ. އެ ފަދަ ހާލަތެއް ދެން މެދުވެރިވެދާނެ ކަމަށް ނާސާއިން ނުދެކެ އެވެ. ނާސާއިން އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނަށް ދެން ފޮނުވާނީ ސްޕޭސްއެކްސްގެ "ކްރޫ ޑްރޭގަން ކެޕްސޫލް – ކްރޫ-1" ގަ އެވެ. ޖައްވުގައި އިންސާނުން ގާއިމުވެ ތިބޭތާ 20 އަހަރު ފުރެން އަންނައިރު – ނޮވެމްބަރު މެދާ ހިސާބުގައި ކްރޫ-1 ކުރަން ހަމަޖައްސާފައި ވާ ދަތުރަކީ – ނާސާ އަށް ވަރަށް މުހިންމު ދަތުރަކަށް ވެސް ވާނެ އެވެ.