އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ކުންފުނި، އޯޕަންއޭއައި އަށް، އެމެރިކާގެ ދިފާއީ ވުޒާރާ (ޑިފެންސް ޑިޕާޓްމަންޓް) އިން 200 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ކޮންޓްރެކްޓެއް ދީފިއެވެ. މި ކޮންޓްރެކްޓްގެ ދަށުން އެ ކުންފުނިން އެމެރިކާގެ ދިފާއީ ދާއިރާއަށް އޭއައި ޓޫލްތައް ފޯރުކޮށްދޭނެއެވެ.
އެއް އަހަރުގެ މުއްދަތަށް ދީފައިވާ މި ކޮންޓްރެކްޓާ ބެހޭގޮތުން ދިފާއީ ވުޒާރާއިން ހޯމަ ދުވަހު ބުނީ، މި އެއްބަސްވުމުގެ މަޤްސަދަކީ "ޤައުމީ ސަލާމަތަށް ދިމާވެފައިވާ ނާޒުކު ގޮންޖެހުންތަކަށް" އޭއައިގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލު ހޯދުން ކަމަށެވެ. މިއީ އެމެރިކާގެ ދިފާއީ ވުޒާރާގެ ވެބްސައިޓުގައި އޯޕަންއޭއައި އާއެކު ހެދިކަމަށް އާންމުކޮށްފައިވާ ފުރަތަމަ ކޮންޓްރެކްޓެވެ.
އޯޕަންއޭއައި އިން ބުނީ މި ކޮންޓްރެކްޓަކީ އެ ކުންފުނިން އަލަށް ފަށާފައިވާ "އޯޕަންއޭއައި ފޯ ގަވަރމަންޓް" އިނިޝިއޭޓިވްގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މި އިނިޝިއޭޓިވްގެ ދަށުން އެމެރިކާގެ ސަރުކާރުގެ އިދާރާތަކަށް ޤައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމަށް ޚާއްސަކޮށްފައިވާ އޭއައި މޮޑެލްތައް ފޯރުކޮށްދެވޭނެއެވެ.
އޯޕަންއޭއައިގެ ބްލޮގްޕޯސްޓެއްގައި އެކުންފުނިން އިތުރަށް ބުނީ، "މި ކޮންޓްރެކްޓްގެ ސަބަބުން، އަސްކަރިއްޔާގެ މީހުންނާއި އެމީހުންގެ އާއިލާތަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާ ކުރުމާއި، ޕްރޮގްރާމްތަކާއި އެކުއިޒިޝަން ޑޭޓާ ދިރާސާކުރުން އަވަސްކުރުމާއި، އަދި ސައިބަރ ދިފާޢު ވަރުގަދަ ކުރުން ފަދަ އިދާރީ ކަންކަން ބަދަލުކޮށްލުމަށް އެހީތެރިވެދޭނެ" ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ވާހަކަ ދައްކަވަމުން އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ވިދާޅުވީ، "ޤައުމީ ސަލާމަތާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރުމަކީ އެކުންފުނި ފަޚުރުވެރިވާ، އަދި ވަރަށް ބޮޑަށް ބޭނުންވާ ކަމެއް" ކަމަށެވެ.
މި ދާއިރާގައި ވާދަވެރިކަންވެސް ދަނީ އިތުރުވަމުންނެވެ. އޯޕަންއޭއައިގެ ވާދަވެރިޔާ، އެންތްރޮޕިކް އިން ވަނީ ޕެލެންޓިއާ އަދި އެމޭޒަންއާ ގުޅިގެން އެމެރިކާގެ ދިފާއީ އަދި އިންޓެލިޖެންސްގެ އިދާރާތަކަށް އޭއައި މޮޑެލްތައް ފޯރުކޮށްދޭނެކަން އިއުލާންކޮށްފައެވެ.
މި 200 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓަކީ އޯޕަންއޭއައިގެ ބޮޑު އާމްދަނީއާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. އެ ކުންފުނީގެ އަހަރީ އާމްދަނީ މިހާރު 10 ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވާއިރު، އެ ކުންފުނީގެ ޖުމްލަ އަގު (ވެލުއޭޝަން) ވަނީ 300 ބިލިއަން ޑޮލަރަށް އަރާފައެވެ.
އޯޕަންއޭއައި އަށް ކްލައުޑްގެ ޚިދުމަތްދޭ މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ "އެޒުއަރ އޯޕަންއޭއައި" ޚިދުމަތް، އެމެރިކާގެ ދިފާއީ ދާއިރާގެ ސިއްރު މައުލޫމާތާއެކު ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.