ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މާސް އަށް ވުރެ ފިނީގައި

އަޙްމަދު ނިޔާޒް 18 ނޮވެމްބަރު 2020

ކޮރޯނާވައިރަހާ ހެދި ދުނިޔެ ގަތް ބިރަށް ވުރެ ބޮޑު ކަމެއް ބޯމަތިވަމުން އެބަ އާދެ އެވެ؛ މި ބައްޔަށް ފަރުވާކުރަން ފައިޒާ އިން އުފައްދާ ވެކްސިން ބައްރުތަކަށް އުފުލަން ޖެހޭ ގޮތާ މެދު އޮތް ކަންބޮޑުވުމެވެ.

ފައިޒާ އިން އުފައްދާ ކޮރޯނާވައިރަސް ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނާ މެދު ބުނެވެނީ، "މައިނަސް 70 ޑިގްރީ ސެލްސިއަސް" ކަމަށެވެ. މިއީ އިންސާނުން އާބާދުވުމަށް ރަނގަޅު ބިމެއް ކަމަށް ބުނާ މާސް އަށް ވުރެ ވެސް ފިނި މިންވަރެކެވެ. މާސްގެ އެވްރެޖް ފިނިހޫނުމިނަކީ، "މައިނަސް 62 ޑިގްރީ ސެލްސިއަސް" އެވެ.

ފައިޒާގެ ވެކްސިން ގައުމުތަކަށް އުފުލުމަށްޓަކައި ޚާއްސަ ފޮށިތަކެއް ތައްޔާކުރަން ޖެހެ އެވެ. އެތައް ހާސް ވެކްސިނެއް އުފުލޭ ގޮތަށް ފަރުމާކުރާ ފޮށީގައި "ޖީޕީއެސް" ވެސް ހަރުކުރަން ޖެހެ އެވެ. އެއީ ކޮރޯނާވައިރަހަށް ވެކްސިނެއް މުޅި ދުނިޔެ ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި – ވަގުންގެ ކިބައިން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. "ޖީޕީއެސް ސިސްޓަމް" މެދުވެރިކޮށް ފޮށިތަކުގެ ފިނިހޫނުމިން ފައިޒާއިން ދެނެގަންނާނެ ކަމަށް ވެސް ވެ އެވެ.

ކޮރޯނާވައިރަހަށް ވެކްސިނެއް އުފައްދަން ގައުމުތަކުން ކުރާ މަސައްކަތަށް ކުރާ ހޭދަ ވަރަށް ބޮޑެވެ. ފައިޒާ އިން އެކަނި ވެސް މި މަސައްކަތްތަކަށް 2.7 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެ އެވެ. ވާދައިގެ ރޭހުގައި – ކާމިޔާބީ އާ ހަމަ އަށް ދިއުމަށް މެދު ރޮނގު ހުރަސްކޮށްފައި ވާ އަނެއް ކުންފުންނަކީ މޮޑާނާ އެވެ.

ފައިޒާ އިން ވެކްސިން ގަތުމަށް ކިޔުގައި ތިބި ގައުމުތަކަށް ބަލާއިރު، އޮސްޓްރޭލިޔާއިން 10 މިލިއަން ޑޯޒަށް ފައިސާ ދައްކާފައި ވާ ކަމަށް ވެ އެވެ. ޔޫރަޕިއަން ޔޫނިއަނުން 200 މިލިއަން، އެމެރިކާ އަށް 100 މިލިއަން އަދި އިނގިރޭސިވިލާތަށް 40 މިލިއަނެވެ.

ވެކްސިނާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް މި ހިސާބަށް އައިސްފައި ވާއިރު، އިންސާނުންނަށް – އަޖުމަބެލުމަށްޓަކައި ވަނީ ދީފަ އެވެ. ފެންނަނީ އެދެވޭ އަދި އުންމީދީ ނަތީޖާ ކަމަށް ބުނި ނަމަވެސް، ދިގު މުއްދަތުގައި ކަމެއް މެދުވެރިވުން އެއީ "ބަޔޯއިންޖިނޭރުން" ނަށް މިހާރު އޮތް އެންމެ ބޮޑު ބިރެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.