ސޯލަރވިންޑްސް ސިސްޓަމްތައް ހެކް ކުރުމުގެ ފަހަތުގައިވާ ހެކަރުން މައިކްރޮސޮފްޓް ގެ ސިސްޓަމް ތަކަށްވަދެ ބަޔެއް ސޯސްކޯޑް ތަކަށް އެކްސެސް ކޮށްފިއެވެ. ބުުރާސްފަތި ދުވަހު މައިކްރޮސޮފްޓް އިން ނެރުނު ބަޔާނެއްގައި ވާގޮތުން އެކުންފުނީގެ ބައެއް އިންޓަރނަލް ޔޫސަރ ތަކުގެ އެކައުންޓް އިން ޝައްކު ކުރެވޭފަދަ ހަރަކާތްތަކެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިގެން އިތުރަށް ބެލި ބެލުމުން އެތަނުން އެއް އަކައުންޓް އިން މަކްރޮސޮފްޓް ގެ ސޯސްކޯޑް ރިޕޮސިޓަރީތަކަށް ވަދެ ހާވާފައިވާ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.
އެކުންފުނީގެ ބައެއް ސިސްޓަމް ތަކުން ސޯލާވިންޑްގެ މެލިޝަސް ސޮފްޓްވެއަރ ފެނިފައިވީނަމަވެސް މިހާރު ވަނީ އެކަން ހައްލުކޮށްފައި ކަމަށާއި މި ހެކް އާއި ގުޅިގެން އެކުންފުނީގެ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތަކަށް ނުރައްކަލެއް ކުރިމަތި ވެފައި ނުވާ ކަމުގެ ޔަގީންކަން މައިކްރޯސޮފްޓް އިން ދެއެވެ.
ސޯލަރވިންޑްސް އަކީ އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އަދި ނެޓްވޯރކް މޮނިޓަރިންއަށް ހާއްސަ ސޮލިއުޝަން ޕްރޮވައިޑަރ އެކެވެ. ހެކަރުންގެ ބަޔަކު ސޯލަރވިންޑް ގެ އޮރަޔަން ގެ ސޮފްޓްވެއަރ އަޕްޑޭޓް އަކަށް މެލިޝަސް ކޯޑް އިންސްޓޯލް ކޮށްފައި ވަނިކޮށް ޑިސެމްބަރު މަހުގެ ތެރޭގައި އެ އަޕްޑޭޓް 18،000 ވަރަކަށް ކަސްްޓަމަރުން އިންސްޓޯލް ކޮށްފައެވެ. މިފަދަ ހެކް ތަކަށް ކިޔަނީ "ސަޕްލައި ޗެއިން އެޓެކް" އެވެ. ރައްކާތެރި އަދި އިތުބާރު ކުރެވޭ ސޮފްޓްވެއަރ އެއް ތައްޔާރު ކުރުމުގެ މަރުހަލާގައި މެލިޝަސް ކޯޑް އެމްބެޑް ކުރެވުމުން ހެކަރުންގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެން ދެއެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނާއި، ފަޔަރ އައި ސެކިއުރިޓީ ކުންފުނީގެ ބަޔާނުގައި މިހަމަލާ އަކީ ވަރުގަދަ އަދި ނުރައްކާތެރި ހެކް އެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ސިއަރު ނެޓްވޯރކް ތަކާއި ބޮޑެތި ޓެކް ކުންފުނިތަކެއް ކޮމްޕްރޮމައިޒް ވެފައިވެއެވެ. އެމެރިކާގެ މާލީއިދާރާގެ އީމެއިލް ސިސްޓަމް އެއްވެސް މި ހެކްގެ ތެރެއިން ބްރީޗް ކޮށްފައިވާކަމަށް މައުލޫމާތު ލިިބިފައިވެއެވެ.
ސޯލަރވިންޑްސް ހެކްގެ ފަހަތުގައިވާ ހެކަރުންނަކީ ރަޝިޔާ ގެ ސްޓޭޓް ސޮޕޮންސަރޑް ހެކަރުންގެ ގޮތުގައި ތުހުމަތު ކުރެވެއެވެ. މައިކްރޮސޮފްޓް ގެ ބަޔާނުގައި ރަސިޔާގެ ނަން ބުނެފައި ނުވި ނަމަވެސް އެބަޔާނުގައި އެހަމަލާގެ ފަހަތުގައި ސޮފިސްޓީކޭޓެޑް ނަން-ސްޓޭޓް ހެކަރުންގެ ދައުރެއް ވާކަމަށް ބެލެވޭ ކަމަށް ލިޔެފައިވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.