ފޮޓޯ: ޗަނާ އެމްބަސީ
ޗައިނާގެ ކޫލްފްލައި ކުންފުނީގެ އިލެކްޓްރިކް ވަރޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިންގ (އީވީޓޯލް) ޑްރޯންގެ އުދުހުންތައް ހުޅުމާލޭގެ ކުރެދިމާ ހިނގުން ސަރަހައްދުގައި ކާމިޔާބުކަމާއެކު ވަނީ ދައްކާލާފައެވެ. މިއީ އިންސާނުން އުފުލާ އިލެކްޓްރިކް ޑްރޯނެއްގެ ދަތުރުތައް ދައްކާލުމުގެ ހަރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.
ޑްރޯން އުފެއްދި ޗައިނާގެ "ކޫލްފްލައި (ޖެޖިއަންގް) އެއަރކްރާފްޓް ޓެކްނޯލޮޖީ" އަކީ 2022 ވަނަ އަހަރު ޗައިނާގެ ހަންގްޖޫގައި އުފެދުނު، އަމިއްލަ އިލެކްޓްރިކް އުޅަނދުފަހަރު އުފެއްދުމަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނީގެ ސީއީއޯ ވޭން ލީގެ އަމާޒަކީ ބައިސިކަލު ފަދައިން ކޮންމެ މީހަކަށްވެސް އަތްފޯރާ ފަށުގައި އަމިއްލައަށް ދުއްވާލެވޭނެ އީވީޓޯލް އުޅަނދުފަހަރު އާންމުކުރުމެވެ. އެ ކުންފުނިން ވަނީ "ކޫލްފްލައި އަރބަން" އަދި "ޑްރީމް" ސީރީޒްގެ އެކި މޮޑެލްތައް ފަރުމާކޮށްފައެވެ.
ހުޅުމާލޭގައި ދައްކާލި ޒަމާނީ މޮޑެލްތަކުގެ ތެރޭގައި ހިމެނޭ "ކޫލްފްލައި އަރބަން" އަކީ ކޮޅަށް ހުރެގެން ދުއްވޭ ގޮތަށް ދުނިޔޭގައި ފުރަތަމަ އުފެއްދި އަމިއްލަ އީވީޓޯލް އުޅަނދެވެ. ހަތަރު ބުރަފަތި (ކުއަޑް-އާމް) މަލްޓި-ރޯޓާ ސިސްޓަމެއް ހިމެނޭ މި އުޅަނދަކީ ގަޑިއަކު 36 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހުމުގެ ގާބިލުކަން ލިބިފައިވާ، އަދި އެއްފަހަރާ 11 މިނެޓު ވަންދެން ވައިގެ ތެރޭގައި ދަތުރުކުރެވޭ އުޅަނދެކެވެ. މިއީ އާންމު ހެލިކޮޕްޓަރެކޭ އެއްފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
މި އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ޓެކްނޯލޮޖީތަކެއް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން އިންސާނާގެ ހަށިގަނޑުގެ ހަރަކާތްތަކުން އުޅަނދު ކޮންޓްރޯލްކުރެވޭ "ގްރެވިޓީ-ސެންސިންގ" ސިސްޓަމާއި، ދެއިންޖީނުގެ ފްލައިޓް ކޮންޓްރޯލަރ، އޮބްސްޓެކަލް އެވޮއިޑެންސް ރާޑަރު، އަދި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އެއާބޭގް ޕެރަޝޫޓް ސިސްޓަމް ހިމެނެއެވެ. މި އުޅަނދަކީ ބައިނަލްއަގުވާމީ ސީއީ (CE) އަދި އެފްސީސީ (FCC) ސެޓިފިކެޓް ލިބިފައިވާ އުޅަނދެކެވެ.
މިފަދަ ތިމާވެއްޓާ ރައްޓެހި ޓެކްނޯލޮޖީތަކަކީ ޖައްވަށް ވިހަގޭސް ބޭރުކުރުން ސުމަކަށް ތިރިކޮށްދޭ، އަދި ރާއްޖޭގެ ގްރީން އިކޮނޮމީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ވަސީލަތްތަކެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި، ރިސޯޓުތަކުގެ މުނިފޫހިފިލުވުމަށާއި، އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް މި ޑްރޯންތައް ބޭނުންކުރުމުގެ ފުރުސަތު ބޮޑެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.