ކްލީން ނެޓްވޯރކް އިނީޝިއޭޓިވްގެ މަޝްވަރާތައް ކޮށްފި

ހުސެއިން އާރިފް 04 ޖެނުއަރީ 2021

އެމެރިކާ ސަރުކާރުން އިސްނަގައިގެން ހިންގާ ކްލީން ނެޓްވޯރކް އިނީޝިއޭޓިވް އާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ހޯމަ ދުވަހު ހެނދުނު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް އާއި އެމެރިކާގެ އެމްބަސަޑަރު ބައްދަލުކޮށް މަޝްވަރާ ބައްދަލު ވުމެއް ބާއްވައިފި އެވެ.

ކްލީން ނެޓްވޯރކް އިނީޝިއޭޓިވް އަކީ އެމެރިކާގެ ރައީސް ޓްރަމްޕް ގެ ސަރުކާރުން ޤައުމުތަކުގެ ސަރުކާރުގެ އެސެޓް ތަކާއި، ރައްޔިތުންގެ ޕްރައިވެސީ އަދި ސަރުކާރާއި ކުންފުނި ތަކުގެ ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުމަށްޓަކައި ފަށާފައިވާ ޕްރޮގްރާމް އެކެވެ. މި ޕްރޮގްރާމް ގެ އަސްލު މަޤްސަދަކީ ޗައިނީސް ކޮމިއުނިސްޓް ޕާރޓީ ފަދަ ނުރައްކާތެރި ފަރާތްތަކުގެ ސަބަބުން ޑާޓާ ޕްރައިވެސީ، ޓެލެކޮމިއުނިކޭޝަންސް އަދި އަމިއްލަ ވަންތަ އުފެއްދުންތައް ރައްކާތެރި ކުރުން ކަމުގައި އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓް އިން ބުނެފައި ވެއެވެ.

ކްލީން ނެޓްވޯރކް އިނީޝިއޭޓިވް ގެ ދަށުން މިހާހިސާބަށް ހާސިލް ކުރެވިފައިވާ މޭލުދަނޑިތައް.

ކްލީން ނެޓްވޯރކް އިނީޝިއޭޓިވްގެ ދަށުން ތަފާތު 6 ދާއިރާ އެއް ނުރައްކާތެރި ފަރާތްތަކުގެ ވަކިތަކުން ސަލާމަތް ކުރުމަށް އަމާޒު ހިފާފައިވެއެވެ.

1. ކްލީން ކެރިއަރ - ޓެލެކޮމް ހިދުމަތް ދޭ ނެޓްވޯރކްތަކުގެ ކެރިއަރ ތަކުގެ ހިދުމަތް ރައްކާތެރި ކުރުން

2. ކްލީން ސްޓޯރ - އެޕްލިކޭޝަން ސްޓޯރ ތަކުން އަންޓްރަސްޓަޑް އެޕްލިކޭޝަންތައް ރިމޫވް ކުރުން.

3. ކްލީން އެޕްސް - އިތުބާރު ނުކުރެވޭ ކުންފުނި ތަކުން ސްމާޓް ފޯނު ތަކަށް ޕްރީ އިންސްޓޯލް ކޮށްފައިވާ އެޕްލިކޭޝަންތަކުން ރައްކާތެރި ކުރުން

4. ކްލީން ކްލައުޑް - ކްލައުޑް ގައި ރައްކާކޮށްފައިވާ ރައްޔިތުންގެ ޒާތީ މައުލޫމާތު ތަކާއި ކުންފުނި ތަކުގެ އިންޓަލެކްޗުއަލް ޕްރޮޕަރޓީސް ރައްކާތެރި ކުރުން

5. ކްލީން ކޭބަލް - ސަބްމެރިން އަދި އަންޑަގްރައުންޓް ނެޓްވޯރކް ކޭބަލް ތަކުން މައުލޫމާތު ވަގަށް ނެގުން ހުއްޓުވުން

6. ކްލީން ޕާތް - އެމެރިކާގެ ޑިޕްލޮމެޓިކް އިމާރާތްތަކުގެ ތެރޭގައި 5ޖީ މެދުވެރިކޮށް ރައްކާތެރި ކޮމިއުނިކޭޝަން ނިޒާމެއް ބޭނުން ކުރުން

ކްލީން ނެޓްވޯރކް އިނީޝިއޭޓިވްގެ ދަށުން އަދަބު ލިބުނު ކުންފުނި ތަކުގެ ތެރޭގައި ވާވޭ އަދި ޓިކްޓޮކް ހިމެނިފައިވެއެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން ދަނީ ސައިބަރ ސެކިއުރިޓީގެ ރޮނގުން ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.