އޮންލައިން ލަރނިންގ އިން ދަސްވީ ކޮން ފިލާވަޅުތަކެއް؟

ހިންދު ޢަލީ 05 ޖެނުއަރީ 2021

ކޮވިޑްގެ ހާލަތާއި ގުޅިގެން މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓުނެވެ. މިއާއެކު ގްލޯބަލްކޮށް 1.2 ބިލިއަން ކުދިންގެ ކިޔެވުން ހުއްޓުނީއެވެ. ގިނަ ގައުމުތަކުން ރިމޯޓްކޮށް ކިޔަވާ ދެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް އަވަސްވެގަތެވެ. އެކި އެކި ޑިޖިޓަލް ގޮތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ތަޢުލީމު ނުގެއްލޭނެ އިންތިޒާމް ހަަމަޖެއްސިއެވެ. ރާއްޖޭގައި ސަރުކާރުގެ ގިނަ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޓެލިކިލާސް ނަމުގައި ފިލާވަޅުތަކަށް ވީޑިއޯ ތައްޔާރުކޮށް ޓީވީ މެދުވެރިކޮށް ފޯރުކޮށްދޭންފެށިއެވެ. ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް މިގޮތަށް ކްލާސްތައް ދަރިވަރުންނަށް ނަގާދިނެވެ.

ކިޔަވާދިނުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގައި ހިންގާ ސަރުކާރު އަދި އަމިއްލަ ސްކޫލްތަކުން ވެސް ޒޫމްއާއި ގޫގުލް މީޓްގައި ރިމޯޓްކޮށް ކްލާސްތައް ނަގާދިނެވެ. މިފަދަ ކްލާސްތައް ނަގާ ދިނުމުގައި އެކި ޓީޗަރުންގެ ހުނަރާއި ޓެކްނޮލޮޖީތަކަށް އަހުލުވެރި މިންވަރަކުން ކުރިއަށް ގެންދިޔައެވެ. މިހާލަތުގައި ކުރިން މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްފައިނުވާ ޓީޗަރުންވެސް މިކަމަށް ފަރިތަވެ އޮންލައިންކޮށް ކްލާސް ނަގާދިނުމަށް އަވަހަށް ހޭނުނެވެ.


އޮންލައިންކޮށް ކިޔަވައިދިނުމުން ވަކި ފައިދާ ބޮޑުތަ؟

ޓްރެޑިޝަނަލް ކްލާސްރޫމް-އުނގެނުމާއި އަޅާ ބަލާއިރު އޮންލައިންކޮށް އުނގެނުމުގައި، ކިޔަވާދޭ އެއްޗެއް ސިކުނޑީގައި ގިނަ އިރު ހިފަހައްޓާކަމަށާއި، އޮންލައިންކޮށް ކިޔަވާ ދިނުން، އެނޫން ގޮތްގޮތަށް ވުރެ ރަނގަޅުކަމަށް އެމެރިކާގެ މިޝިގަން ސްޓޭޓް ޔުނިވަރސިޓީއިން ހަދާފައިވާ ދިރާސާއަކުން ދައްކައެވެ. އެއީ ކުދިންގެ ޕަރފޯމަންސްއަށް ބަލާ ނެރުނު ނަތީޖާއެކެވެ. އެހެން ނަމަވެސް އެއީ އޮންލައިން ލަރނިންގ "އެންމެ ރަނގަޅަށް" ކުރިއަށް ގެންދެވުމުން ކަމަށްވެސް އެރިސާރޗްގައި ބުނެއެވެ.

މީގެ އިތުރުން ބައެއް ޓީޗަރުންގެ ބުނިގޮތުގައި ކްލާސްރޫމްއިން ބޭރަށް ކުދިން ދިޔުމުން، ކުދިންނާއި ޓީޗަރާއި ދެމެދު އޮންނަ ލިންކް އެވަގުތަށް ކެނޑުނީއެވެ. ނަމަވެސް އޮންލައިން ޓޫލްސް ބޭނުންކޮށްގެން ކުދިންނާއި ޓީޗަރުން އަބަދުވެސް ތިބެނީ ގުޅިފައެވެ. ކުދިންގެ ސުވާލުތަކާއި ޚިޔާލުތައް ކޮންމެ ވަގުތެއްގައިވެސް ހިއްސާ ކުރެވުމުން ފުރުސަތު އޮވެއެވެ.

ކޮވިޑްގެ ހާލަތަށް ވުރެ ކުރިންވެސް އުނގެނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ އާ ކަމެއް ނޫނެވެ. އަދި އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް އިންވެސްޓް ކުރާ ވަރު އަހަރަކަށް ވުރެ އަހަރަކުން ގިނަވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. މީގެ ތެރޭގައި ރިމޯޓް ލަރނިންގ ސޮފްޓްވެއަރ، ވީޑިއޯ ކޮންފަރެންސިންގ ސަރވިސް، ވަރޗުއަލް ޓިއުޓަރިންގއަށް ބޭނުންކުރާ އެޕްލިކޭޝަންތައް ހިމެނެއެވެ. ކޮވިޑް ހާލަތުން މިފަދަ ޓެކްނޮލޮޖީ އުފެއްދުމާ ބޭނުންކުރުން ކުއްލިއަކަށް ކުރުމުއްދަތެއްގެ ތެރޭގައި ހީނުކުރާވަރަކަށް އިތުރުވިއެވެ.

އެހެން ނަމަވެސް މީގައި ގޮންޖެހުން ތަކެއް ވެސް ހިމެނެއެވެ. މިކަން އެންމެ އެފެޓިވްކޮށް ކުރަން، އެކަމަށް އެކަށީގެންވާ ޓޫލްސް ޓީޗަރުންނަށް ބޭނުންވެއެވެ. އަދި ސްކޫލްގެ މެނޭޖްމަންޓްއާއި ޕޮލިސީ ހަދާ ފަރާތްތަކުގެ އެހީ ބޭނުންވެއެވެ. މިހާލަތުގައި ފެނިގެން ދިޔައީ ޓީޗަރުން ކުރިން ކުރަންނުޖެހޭ އެތައްކަމެއް ދަސްކޮށް ކުރަންޖެހުނު ތަނެވެ. އަދި ހަމަ އެކަނި ކުދިންނަށް ނަގާދޭ ފިލާވަޅުގެ ޕްރެޒެންޓޭޝަނެއް ނޫނީ ވީޑިއޯއެއް އަޕްލޯޑް ކޮށްލުމަކުން އެންމެ ރަނގަޅަށް މިކަންތައް ކުރެވުނީއެއް ނޫނެވެ. މީގައި މުހިއްމު ވަނީ ޓީޗަރުން ތައްޔާރުކުރާ ކޮންޓެންޓް، ހުށަހެޅުމާއި ބަލައިގަތުމުގައި ކުދިން ބައިވެރިކުރުވުމުވެ.

މީގެ އިތުރުން ބޭނުންކުރާ ޓޫލްސްތަކުގެ ސެކިޔުރިޓީއަކީ ވެސް ޗެލެންޖެކެވެ. އޮންލައިން ކްލާސްރޫމް ހައިޖެކް ކުރާ ކަމުގެ ހަބަރުތައް މި ޕެންޑެމިކް ތެރޭގައި އާންމުވިއެވެ.

ދެން ދިމާވެދާނެ ކަމަކީ، ކުދިންގެ މެދުގައި ދަރަޖައިގެ ތަފާތު ބޮޑުވުމެވެ. މީގެ މާނައަކީ އޮންލައިން އުނގެނުމަށް ބޭނުންވާ ޑިވައިސްތަކާއި އެޕްލިކޭޝަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ބައެއް ކުދިންނަށް ލިބޭ ގެއްލުމެވެ. ގިނަ ކުދިން ތިބޭ އާއިލާތަކުން ޑިވައިސް ޝެއަރކުރަން ޖެހުމާއި، އިންޓަރނެޓް ނުލިބުމާއި ކިޔެވުމަށް ހާއްސަ ޖާގަ ގޭގައި ނެތުން ފަދަ އާދައިގެ ކަންތައްތަކުންވެސް މި ތަފާތު ފެނިދާނެއެވެ. މިއީވެސް ދިމާވެދާނެ ޗެލެންޖެކެވެ.


ކުރިއަށް އޮތީ ކޮންގޮތްތަކެއް؟

ސްކޫލް ޗުއްޓީއަށް ފަހު 10 ޖެނުއަރީ 2021 ގައި މިއަހަރުގެ ދިރާސީ އަހަރު ފެށޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން މިހާރު ވަނީ އިޢުލާނު ކޮށްފައެވެ. އަނެއްކާވެސް ކުރިން ކިޔެވުން ގެންދިޔަ ފަދަ ގޮތަކަށެވެ. އެހެންނަމަވެސް ބައެއް ބަދަލުތަކަކާއި އެކީގައެވެ. ބައެއް ސްކޫލްތަކުގައި ދަންފަޅި އިތުރުކޮށް ކްލާހުގެ ވަގުތުތަކަށް ބަދަލު ގެނެއެވެ. ކްލާހުގެ ކުދިން ދެ ބަޔަށް ބަހާލައިގެން ދެ ދަންފަޅިއަށް ނެރޭނެކަމަށްވެސް ބައެއް ސްކޫލަތުން ހަބަރު ލިބެއެވެ. ބައެއް ސްކޫލްތަކުގައި ފިޒިކަލް އަދި އޮންލައިންގެ ހައިބްރިޑް މެތަޑްތައް ބޭނުންކުރަން ޕްލޭންކުރެއެވެ.

ގަބޫލު ކުރަންޖެހޭ އެއްކަމަކީ މިހާލަތަށް ހޭނެން ލިބުނު މުއްދަތު ކުރުވުމާއި، އިންޓަރނެޓްގެ ބޭންޑްވިތް ލިމިޓޭޝަންތަކާއި ގުޅިގެން އޮންލައިންކޮށް ކިޔެވުން ދިޔައީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫނެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މުޅިން ކްލާސްރޫމް-ލަރނިންގ އަށް ވެސް ބަދަލު ނުވެ އަދި އެކީ އޮންލައިން މެތަޑަށް ވެސް ބަދަލުނުވެ ދެބައި އެއްކޮށް ހައިބްރިޑް މެތަޑަކަށް ގެންދިއުމެވެ. ޓެކްނޮލޮޖީގެ ފައިދާ ބޮޑަށް ފެންނާނީ މިފަދަ ގޮތަކަށް ގެންދިޔުމުންނެވެ.

ތަޢުލީމު ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ މިހާރުވެސް ކުރާ ކަމެކެވެ. އަދި މުސްތަގްބަލުގައި މިފަދަ ޓެކްނޮލޮޖީ އިތުރުވާނެކަން އެއީ ދެބަސް ވުމެއް ނެތް ހަގީގަތެކެވެ. އެހެން ކަމުން ދިވެހި ކިޔަވާ ކުދިންވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ކުދިންނާއި އެއްހަމައެއްގައި ކުރިއަށް ދެވެން އަންނަނީ މިފަދަ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެގެންނެވެ. އަހަރުމެންގެ ދަރިންގެ މުސްތަގްބަލަށްޓަކައި މިއީ ވަރަށް މުހިއްމު ކަމެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.