އެލްޖީ ރޯލަބަލް : ފަތްޖަހާ ފޯންތަކަށް މުޅިން އާއު ބަދަލެއް

ހުސެއިން އާރިފް 12 ޖެނުއަރީ 2021

އެލްޖީ ގެ ސްލައިޑް ފޯން ނުވަތަ ރަސްމީ ނަމުން ނަމަ ރޯލަބަލް ގެ ތަފާތު ރޫމާރސް އަޑު އިވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިއަހަރުގެ ސީ.އީ.އެސް 2021 ގައި އެލްޖީ އިން މިވަނީ ރޯލަބަލްގެ ޓީޒަރ އެއް ދައްކާލާފައެވެ.

ވީޑިއޯގައި ފެނިގެންދަނީ އާއްމުކޮށް މިފެންނަ ވައްތަރުގެ ސްމާޓްފޯން އެއް އަރިމަތިން އެކްސްޓެންޑް ކޮށްލާފައި ކުޑަ ޓެބްލެޓް އެއްގެ ސައިޒް އަށް ބަދަލުކޮށްލާ މަންޒަރެވެ. އަދި މިކަން ހިނގަނީވެސް އެ ޑިވައިސް ގައި ވީޑިއޯ އެއްދައްކަމުން ދާވަގުތު އެ ވީޑީއޯ އަށް އެއްވެސް ހުރަސް އެޅުމެއް ނެތިއެވެ.

ފަތްޖަހާ ފޯނު (ފޯލްޑަބަލް ފޯން) ތަކުގެ ޓްރެންޑް އަނެއްކާވެސް އާއްމުވެފައިވާ މިދަނޑިވަޅުގައި އެލްޖީ އިން މި ދައްލާ މުޅިން އާ ގޮތަކަށް އެހެން ނަމަވެސް ގާތްގަންޑަކަށް އެއް ނަތީޖާ އެއް ނެރެވޭފަދަ އައު ޕްރޮޑަކްޓް އެކެވެ. ބޮޑު ސްކްރީން އެއް ބޭނުންވާ ހިނދު ބޮޑު ކޮށް އަދި އާންމު ބޭނުން ތަކަށް ކުޑަކޮށް ގެންގުޅެވޭ ގޮތަށެވެ.

ރޯލަބަލް ފޯނުގެ ފީޗަރ ތަކާއި ސްޕެސިފިކޭޝަން ތަކުގެ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައި ނުވެއެވެ. އަދި މި ފޯން ބާޒާރަށް ނުކުންނާނެ ދުވަހެއްވެސް އަދި އާއްމުކޮށްފައި ނުވެއެވެ. ބޮޑަށް ބެލެވެނީ މިއަހަރުގެ ތެރޭގައި މި ފޯން ބާޒާރުގައި ފެނިގެން ދާނެ ކަމެވެ. އެކަމަކު ލީކް ވެފައިވާ މައުލޫމާތު ތަކަށް ބަލާނަމަ ފޯނުގެ އަގު ވަރަށް މަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެލްޖީ ގެ އިތުރުން އޮޕޯ އިން 2021× ނަމުގައި ރޯލަބަލް ފޯނެއް ނެރުމަށް މަސައްކަތް ކުރަމުންދާއިރު ޓީ.ސީ.އެލް އިން ވެސް މިފަދަ ފޯނެއްގެ ކޮންސެޕްޓް އެއް އާއްމުކޮށްފައިވެއެވެ. މިފޯނުތައް ހަޤީގަތަކަށް ވާނެ ދުވަސް ނޭންގުނު ނަމަވެސް ޔަޤީންވާ އެއް ކަމަކީ ދުރުނޫން މުސްތަޤްބަލެއްގައި މިފަދަ ރޯލަބަލް ފޯނުތައް ބާޒާރުގެ ހަރުތަކުގައި ހުންނާނެ އެވެ. އޭގެން ބައެއް ފޯނު ތައް އަތްފޯރާ އަގެއްގައި ހުންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.