އެމެރިކާގެ 46 ވަނަ ރައީސް، ޖޯ ބައިޑަން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ނެގި އެއްފިޔަވަޅު ކަމުގައި ހެދީ ޕެރިސްގެ މޫސުމާއިބެހޭ އެއްބަސްވުމާއި އަދި WHO (ވޯލްޑް ހެލްތް އޯގަނައިޒޭޝަން) އާއި އަލުން ގުޅުމެވެ.
އެމެރިކާގެ ކުރީގެ ސަރުކާރުން ނެގި ބައެއް ކަހަލަ ނޭދެވޭ އަސަރުކުރި ސައިންސްއާއި ގުޅޭ ސިޔާސަތުގެ ނިންމުންތަކުގެ ތެރޭގައި ހިމެނުނީ އެމެރިކާއިން WHO އާއި އޮންނަ ގުޅުން ކަނޑާލައި އަދި ޕެރިސްގެ މޫސުމާއިބެހޭ އެއްބަސްވުމާއި ދުރުވުމެވެ.
ޕެރިސް ކުލައިމެޓް އެގްރީމަންޓްއަކީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ މައިގަނޑު އެއް މަގްސަދަކީ މުޅި ދުނިޔޭގެ މަތިވަމުންދާ ފިނިހޫނުމިން ވަކިވަރަކަށް ވުރެން މައްޗައް ދިޔަނުދޭން ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ ގައުމުތަކުން ތިމާވެށި ޙިމާޔަތްކުރުމަށް އައު ގޮތްތައް ހޯދައި، އެކަންކަންކުރާގޮތްތައް މަސްރޫއުކޮށް ޢަމަލީގޮތުން ފިޔަވަޅުތައް އަޅަންޖެހެއެވެ. މިކަން މިހެން ކުރަނީ ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކޮށް ދުނިޔޭގެ ފިނިހޫނުމިނަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް މަދުކުރުމަށެވެ.
ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގެ އިތުރުން ކޮވިޑް-19 އާއި ގުޅޭގޮތުންވެސް ކުރުމަށް މުހިންމު 3 ކަމެއް ހަމަޖެހިފައިވެއެވެ. ފުރަތަމަ ކަމަކީ އެމެރިކާއިން WHO އާއި ގުޅުމެވެ.
ދެވަނައަށް އެމަނިކުފާނުގެ ސަރުކާރުން މުހިންމު އަހަންމިއްޔަތެއް ދެނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގޮތުގައި 100 ދުވަހުގެ މާސްކް އެޅުމުގެ ޗެލެންޖްއެކެވެ. އެމެރިކާއިން ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައި އުފެއްދި މަޤާމެއްކަމުގައިވާ، ޑައިރެކްޓޮރޭޓް ފޮރ ގްލޯބަލް ހެލްތް ސެކިއުރިޓީ އެންޑް ބައޯޑިފެންސްވެސް އަނބުރާ ގެންނަންވަނީ ނިންމާފައެވެ.
ޕެރިސްގެ ކްލައިމެޓް އެގްރީމަންޓްގައި ދިވެހިރާއްޖެވެސް ވަނީ 22 އޭޕްރީލް 2016 ގައި ބައިވެރިވެ ސޮއިކޮށްފައެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.