ޓިކްޓޮކަށް ގެންނަ ރައްކާތެރިކަމުގެ ބަދަލުތަކެއް

ހިންދު ޢަލީ 28 ޖެނުއަރީ 2021

ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 18 އަހަރުން ދަށުގެ ފަރާތްތަކުގެ ޕްރައިވަސީ ސެޓިންގްސްއަށް 13 ޖެނުއަރީ 2021 ގައި ބަދަލުތަކެއް ގެނެސްފިއެވެ. ޓިކްޓޮކުން ނެރިފައިވާ ބަޔާނުގައި ބުނާގޮތުންނަމަ، އެކުންފުނިން މިބަދަލުތައް ގެންނަނީ ޒުވާނުން މި ޕްލެޓްފޯމް ބޭނުންކުރާއިރު، އުމުރާ އެކަށީގެންވާ ޕްރައިވަސީ ކޮންޓްރޯލްތައް ހުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި އެކުންފުނިން ދެކޭތީއެވެ. މިގޮތަށް ބަދަލުކުރުމުގެ ބޭނުމަކީ އެއުމުރުގެ ކުދިންނަށްވެސް ޕްރައިވަސީގެ މުހިއްމުކަން ދަސްކޮށްދީ، އަމިއްލަ ޕްރައިވަސީ ލެވެލް އަމިއްލައަށް އިޚްތިޔާރުކުރުމުގެ މުހިއްމުކަން ދަސްކޮށްދިނުން ކަމުގައި އެކުންފުނިން ނެރިފައިވާ ޚަބަރުގައި ވެއެވެ.

މިގޮތުން ގެނައި ބަދަލުތަކަކީ،

* އުމުރުން 13 އަހަރާއި 15 އަހަރުގެ ފަރާތްތަކުގެ އެކައުންޓް ޑިފޯލްޓްކޮށް ޕްރައިވެޓް އެކައުންޓްތަކަށް ބަދަލުކުރުން. ޕްރައިވެޓް އެކައުންޓަކުން އުފައްދާ ވީޑިއޯ ބެލޭނީ ހަމައެކަނި އެ ފަރާތުން ހުއްދަދޭ ފަރާތްތަކަށެވެ.

* 13 އަހަރާއި 15 އަހަރާއި ދެމެދުގެ ފަރާތްތަކުން އުފައްދާ ވީޑިއޯތަކަށް "everyone"އަށް ކޮމެންޓް ނުކުރެވޭ ގޮތަށް ނުވަތަ ހަމައެކަނި ފްރެންޑުންނަށް ކޮމެންޓް ކުރެވޭ ގޮތަށް ބަދަލުކުރުން

* ޑުއެޓް ނުވަތަ ސްޓިޗް އޮޕްޝަން ހަމައެކަނި 16 އަހަރުން މަތީގެ ފަރާތްތަކަށް އެކަނި ލިބޭގޮތް ހެދުން. އަދި 16-17 އަހަރުގެ ފަރާތްތަކުން އުފައްދާ ޑުއެޓް އަދި ސްޓިޗް ވެސް ޑިޕޯލްޓްކޮށް ފްރެންޑުންނަށް އެކަނި ފެންނަ ގޮތް ހެދުން

* ވީޑިއޯ ޑައުންލޯޑް އޮޕްޝަން 16 އަހަރުން މަތީގެ ފަރާތްތަކުން އުފައްދާ ވީޑިއޯތަކަށް އެކަނި ދިނުން. 16-17 އަހަރުގެ ފަރާތްތަކަށް ވެސް މި އޮޕްޝަން އިންނާނީ ޑިފޯލްޓްކޮށް އޯފް ވެފައި. އެހެންނަމަވެސް ބޭނުންނަމަ ބަދަލުކުރެވޭ ގޮތަށް.

* 13 އަހަރާއި 15 އަހަރުގެ ފަރާތްތަކުގެ އެކައުންޓް، ނޭގެ ފަރާތްތަކަށް ހިއްސާ ނުކުރެވޭގޮތް ހެދުން.

* ޑައިރެކްޓްކޮށް މެސެޖުކުރުމާއި ލައިވްކޮށް ސްޓްރީމްކުރުމުގެ ހުއްދަ މިހާރު ލިބޭނީ ހަމައެކަނި 16 އަހަރުން މަތީގެ ފަރާތްތަކަށް.

* ވަރޗުއަލް ހަދިޔާ ގަތުމާއި، ފޮނުވުމާއި ބަލައިގަތުމުގެ ހުއްދަ ލިބެނީ ހަމައެކަނި 18 އަހަރުން މަތީގެ ފަރާތްތަކަށް

* ފުރާވަރުގެ ކުދިން ޓިކްޓޮކްގައި އުފައްދާ ތަކެތި ބެލެނިވެރިން ނުވަތަ ބަލަދުވެރިންނަށް މޮނިޓަރ ކުރެވޭ "ފެމިލީ ޕެއަރިންގ" ފީޗަރ

މިބަދަލުތަކަކީ ޓިކްޓޮކް ބޭނުންކުރާ ފުރާވަރުގެ އުމުރުގެ ކުދިން ރައްކާތެރިކުރުމުގެ ގޮތުން ގެނެވިފައިވާ ބަދަލުތަކެވެ. ޓިކްޓޮކްއިން ބުނާގޮތުގައި ޒުވާން ފަރާތްތައް ޓިކްޓޮކް ބޭނުންކުރުމުގެ ތަޖުރިބާ ރަނގަޅުކުރުމަށާއި އެފަރާތްތަކުގެ ރައްކަތެރިކަމަށް ކުރާ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން މިބަދަލުތައް ގެންނަނީ ކޮމަން ސެންސް ނެޓްވޯރކްސް އާއި ޕާރޓްނަޝިޕެއްގެ ދަށުންނެވެ. ކޮމަން ސެންސް ނެޓްވޯކްއަކީ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ޓާގެޓްކޮށް ކުދިންގެ އުމުރާގުޅޭ ރައްކާތެރި އޮންލައިން މީޑިއާ އުފައްދާ އަދި އެހެން ފަރާތްތަކުން އުފައްދާ އެފަދަ ތަކެތި މިފަދަ ސްޓޭންޑަރޑްތަކަށް ފިޓްކުރަން މަސައްކަތް ކުރާ ކުންފުންޏެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.