ބޭޒޮސް އެމެޒަންގެ ސީއީއޯކަމުން ވަކިވަނީ

ހިންދު ޢަލީ 03 ފެބްރުއަރީ 2021

އެމެޒަންގެ ސީއީއޯ ޖެފް ބޭޒޯސް އެމަގާމުން ވަކިވާނެކަމަށް އެކުންފުނިން މިއަދު އިޢުލާނުކޮށްފިއެވެ. ބޭޒޯސް ސީއީއޯ ކަމުން ވަކިވާނެކަމަށް ބުނެފައިވަނީ މިއަހަރުގެ ޖުލައި ހިސާބުންނެވެ.

ބޭޒޯސް މިކަން އިއުލާންކުރީ އެމެޒަންގެ މުވައްޒަފުންނަށް އަމާޒުކޮށް އިއްޔެ ފޮނުވާފައިވާ އީމެއިލްއަކުންނެވެ.

އޭނާ ސީއީއޯކަމުން ވަކިވި ނަމަވެސް އެކްޒެކެޓިވް ޗެއަރގެ ގޮތުގައި އަދިވެސް ހަރަކާތްތެރިވާނެކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

ދެން ސީއީއޯގެ މަގާމުގައި ހުންނާނީ އެންޑްރޫ ޖޭސީއެވެ. ޖޭސީއަކީ މިހާރު އެމެޒަން ވެބް ސަރވިސަސް (AWS)ގެ ސީއީއޯއެވެ.

އެމެޒަންއަކީ 1994 ގައި ފޮތް ވިއްކުމަށް ހާއްސަކޮށް އުފެއްދި އޮންލައިން މާކެޓްޕްލޭސްއެކެވެ. މީގެ 27 އަހަރު ކުރިން އުފެއްދި މިކުންފުންޏަކީ މިހާރު ދުނިޔޭގެ އައިޓީ އިންޑަސްޓްރީގެ އެންމެ ބޮޑު 5 ކުންފުނި ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އީކޮމާސް، ކްލައުޑް ކޮމްޕިޔުޓިންގ، ޑިޖިޓަލް ސްޓްރީމިންގ އަދި އާރޓިފިޝަލް އިންޓެލިޖެންސް މިއީ މިހާރު އެކުންފުނިން ހާއްސަކޮށް ކުރާ މަސައްކަތްތަކެވެ.

ސީއީއޯ މަގާމުން ދުރުވި ނަމަވެސް ރިޓަޔަރ ކުރީ ނޫންކަމުގައި އޭނާ ބުންޏެވެ. އެކްޒެކެޓިވް ޗެއަރގެ ހައިސިއްޔަތުން އޭނާ އެމެޒަންއިން އުފައްދާ އައު ޕްރޮޑަކްޓްސްތަކަށާއި ކުރާ އެހެން މަސައްކަތްތަކަށް ފޯކަސްކުރާނެކަމަށް ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ޑޭ 1 ފަންޑް (ސެޕްޓެމްބަރ 2018 އިން ފެށިގެން ހިންގާ ހޯމްލެސް މީހުންނަށް އެހީތެރިވެދޭ ޗެރިޓީއެއް)

- ދި ބޭޒޮސް އާރތް ފަންޑް (ތިމާވެށި ރައްކާތެރިކުރުމުގެ އެކި އެކި މަސައްކަތްތަކަށް ޚަރަދުކުރާ ޗެރިޓީއެއް)

- ބްލޫ އޮރިޖިން (ބޭޒޯސްގެ ސްޕޭސް ކުންފުނި)

- ދަ ވޮޝިންގޓަން ޕޯސްޓް (2013 އިން ފެށިގެން ބޭޒޯސް ގަނެ، އޮންލައިން މީޑިއާއެއްގޮތަށް ތަރައްގީކުރާ އެމެރިކަން މީޑިއާ ކުންފުނި)



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.