ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުންދާ ސޭފަރ އިންޓަނެޓް ދުވަހާއި ގުޅިގެން ފުލުހުންނާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހާއްސަ ކެމްޕޭނެއް ހިންގުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. #ސައިބަރރައްކާގެ ނަމުގައި މިއަދު ފެއްޓުނު ކެމްޕޭނަކީ ސައިބަރ ސޭފްޓީ އެވެއަރނަސް އިތުރުކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.
މިކަން ފެއްޓުމުގެ ގޮތުން މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އިންޓަރނެޓް ރައްކާތެރިގޮތުގައި ބޭނުންކުރުމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް އެއްބަސްވެ ފަހުމްނާމާއެއްގައި ވަނީ ސޮއި ކޮށްފައެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރައީސާ ނިއުމާ ފާއިޒްއެވެ.
މިއަދު ސޮއިކުރި މި ފަހުމުނާމާއަކީ ފުލުހުންނާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ސައިބަރ ސޭފްޓީ އެވަރނަސް ހަރަކާތްތައް ރާވާ އިންތިޒާމްކޮށް، ހިންގުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސޮއިކުރި ފަހުމުނާމާއެކެވެ. މި ފަހުމުނާމާގެ ތެރެއިން ސައިބަރ ސޭފްޓީ ނުވަތަ ސައިބަރ ސެކިއުރިޓީއަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެކި ހަރަކާތްތައް ދެފަރާތް ގުޅިގެން ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން "ސައިބަރރައްކާ ކުއިޒް" ނަމުގައި ކުއިޒެއް ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިއަދުން ފެށިގެން ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް މިކުއިޒް ކުރިއަށްދާނެއެވެ.
ސައިބަރ ސޭފްޓީ އާގުޅޭ ސުވާލުތައް ހިމަނައިގެން ކުރިއަށް ގެންދާ މި ކުއިޒް ފުރިހަމަކުރުމުން އޮންލައިންކޮށް ސެޓްފިކެޓެއް ލިބިގެންދާނެއެވެ. ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެއްވާ އަދި ސެޓްފިކެޓް މީސްމީޑިއާގައި CyberRakkaa# ހޭސްޓެގް ބޭނުންކުރުމަށްފަހު ޝެއަރކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 15 ފަރާތެއް ހޮވާ އަގުހުރި އިނާމު ތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް