ޓެކް ދާއިރާގެ 'ޓެކް' ނޫން މަސައްކަތް

ހިންދު ޢަލީ 24 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެކް ދާއިރާގައި އުޅޭ ހުރިހާ އެންމެންނަކީ 'ޓެކް' މީހުންކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮވެދާނެއެެވެ. އައިޓީ ޑިޕާޓްމަންޓްގައި އުޅޭ ކޮންމެ މީހަކަށް ކޯޑް ލިޔަން އިނގެންޖެހޭނެކަމަށް ދެކޭ ބައެއް މީހުން ތިބެދާނެއެވެ. އައިޓީ ދާއިރާއިން ކިޔަވައިގެން ތިބި އެންމެނަށް ކޮމްޕިޔުޓަރ ހާޑްވެއަރ، ޕްރިންޓަރ، ޕްރޮޖެކްޓަރ އަދި ނުވިތާކަށް ޕޭޕަރ ޝްރެޑަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލައެއް ހައްލު ކުރަން އެގެންޖެހޭނެ ކަމަށް ދެކޭ މީހުންނާއި ދިމާވެފައި އެބަހުއްޓެވެ. ބައެއް ޓެކް ވަޒީފާތަކަށް މީހުން ހޯދަން ޖަހާފައި ހުންނަ އިޢުލާނުތަކުންވެސް މިފަދައިން ދޭހަވާ ފަހަރު ދިމާވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި މިފަދައިން ދެކޭ މީހުންނާއި ދިމާވެސް ވެއެވެ.

އައިޓީ ދާއިރާގައި 'ޓެކްނިކަލް' މީހަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އެއީ ކޯޑް ލިޔަން އެނގޭ މީހެއްކަމަށް ނުވަތަ ސަރވަރއެއް ސެޓަޕްކޮށް ހާޑްވެއަރ މަރާމާތުކުރަން އެނގޭ މީހެއްކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ޓެކްނިކަލް މަގާމުތަކަކީ ހަމައެކަނި ސޮފްޓްވެއަރ ޑިވެލޮޕަރު ނުވަތަ ޑޭޓާ ސައިންޓިސްޓް ނުވަތަ ކޮމްޕިޔުޓަރ ހާޑްވެއަރ އިންޖިނިއަރ ކަމަށް ގިނަ ފަރާތްތަކަށް ހީވެއެވެ.

މިސާލަކަށް ސޮފްޓްވެއަރ އުފެއްދުމަށް ބަލާލަމާތޯއެވެ. ސޮފްޓްވެއަރ އުފެއްދުމުގެ މާނައަކީ ހަމައެކަނި ކޯޑުކުރުމެއް ނޫނެވެ. ސޮފްޓްވެއަރއެއް ބޭނުންކުރެވޭ ފެންވަރަށް އުފައްދާ ލޯންޗްކުރުމާއި ހަމައަށް ދާއިރު، ކޯޑު ލިޔުމުގެ ކުރިންނާއި ފަހުން ހިނގާ އެތައް މަސައްކަތްތަކެއް ހުރެއެވެ. ޔަގީނުންވެސް ކޯޑު ލިޔުމަކީ މި ޕްރޮސެސްގެ ވަރަށް މުހިއްމު ބައެކެވެ. އެއާއެކު މިޕްރޮސެސްގައި ދެން ކުރިއަށްދާ މަސައްކަތްތަކަކީ ހަމަ ކޯޑު ކުރުން ފަދަ މުހިއްމު ބައިތަކެވެ.

އެޕްލިކޭޝަނަކުން ނުވަތަ ސޮފްޓްވެއަރއަކުން މީހުން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން ދެނެގަނެ، ކޯޑު ލިޔާ ފަރާތްތަކަށް ގެނެސްދެނީ ސޮފްޓްވެއަރ އެނަލިސްޓެވެ. އޭގެ ޑިޒައިން އިންނާނެ ގޮތް އުފައްދަނީ ޑިޒައިނަރުންނެވެ. އަދި އެޕްލިކޭޝަނެއް މީހުންނަށް ބޭނުންކުރެވޭ އެންމެ ފަސޭހަ ގޮތް ބަލާ، އެކި ޑިވައިސްތަކަށް ފިޓްވާނެގޮތަށް ވިސްނާ، އެގޮތަށް އެޕްލިކޭޝަންތައް ހެދުމަށް ޑިވެލޮޕަރުންނަށް އެހީތެރިވެދެނީ ޔޫސަރ އެކްސްޕީރިއެންސް ޑިޒައިނަރުންނެވެ. އެޕްލިކޭޝަނެއްގެ ޑޭޓާބޭސް އުފެއްދުމުގައި ޑިވެލޮޕަރުނަށް އެހީތެރިވެދެނީ ޑޭޓާބޭސް އިންޖިނިއަރުންނެވެ. އެޕްލިކޭޝަނެއް އުފައްދާ ބޭނުންކުރަން ފެށުމުގެ ކުރިން ޓެސްކޮށްދެނީ ޓެސްޓަރުންނާއި ކޮލިޓީ އެޝުއަރަންސް އެނަލިސްޓުންނެވެ. އެޕްލިކޭޝަން ލައިވް ވުމުން އޭގެ އޮޕަރޭޝަނަލް ކަންތައްތަކުގައި ހަރަކާތްތެރިވަނީ ހެލްޕްޑެސްކް އަދި ސަޕޯޓް އޮފިސަރުންނެވެ. ސޮފްޓްވެއަރގެ ސެކިޔުރިޓީ ކަށަވަރުކޮށްދޭ ސެކިޔުރިޓީ ސްޕެޝަލިސްޓުންނާއި، ސޮފްޓްވެއަރ ހޯސްޓްކުރުމާއި، އެ ބޭނުންކުރާ ފަރާތްތަކަށް އެސަރވިސް މެދުކެނޑުމެއްނެތި، އެންމެ އޮޕްޓިމަލް ގޮތުގައި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ހާޑްވެއަރ އިންޖިނިއަރސް، ނެޓްވޯރކް އިންޖިނިއަރުންނާއި އަދި ސަރވަރ އެޑްމިނިސްޓްރޭޓަރސް ވެސް ހިމެނެއެވެ. ސޮފްޓްވެއަރއަށް ގެންނަ ބަދަލުތައް އަވަހަށް ޑިޕްލޯއިކުރުމަށް ބޭނުންވާ އޮޓޮމޭޝަން ގެނެސްދިނުމަށާއި ޑިވެލޮޕަރުންނާއި އިންފްރާސްޓްރަކްޗަރ ޓީމް ގުޅުވައިދޭ ޑެވްއޮޕްސް އިންޖިނިއަރުންނެވެ. އެޕްލިކޭޝަނެއް ބޭނުންކުރާ ފަރާތްތަކުގެ ޑެމޮގްރަފީއާއި ބޭނުންކުރާގޮތަށް ބަލާ އެއްކުރެވޭ ޑޭޓާގެ އެހީގައި އިތުރަށް އޭތި ތަރައްގީކުރުމަށް ބޭނުންވާ ޕްލޭންތައް ހަދާދެނީ ޑޭޓާ އެނަލިސްޓުންނެވެ. މީގެ އިތުރުންވެސް ޓެކްނިކަލް ރައިޓަރުންނާއި، ޕްރޮޖެކްޓް މެނޭޖަރުންނާއި ޕްރޮޑަކްޓް މެނޭޖަރުންނާއި ސޮފްޓްވެއަރ ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ހަމަ ޓެކް ދާއިރާގެ މުހިއްމު މަގާމުތަކެވެ. މުޅި ޕްރޮސެސްގައި އެކި މިންވަރަށް ޓެކްނިކަލް އަދި މުޅިން ޓެކް ނޫން މަސައްކަތްތައް ހިމެނެއެވެ.

ޓެކް ކުންފުނިތަކުން މީހުން ހޯދަނީ ހަމައެކަނި ޓެކް މަގާމުތަކަކަށް ނޫނެވެ. ޓެކް ދާއިރާގެ ޓެކް ނޫން މަގާމުތަކަށްވެސް މީހުން ހޯދައެވެ. މިސާލަކަށް މާކެޓިންގ، ޕްރޮޑަކްޓް ނުވަތަ ޑިޒައިން މަގާމުތަކަށެވެ. ޓެކް ކުންފުނިތަކަށް އެކި ހުނަރު ހުންނަ ފަރާތްތައް ހޯދައެވެ. 2018 ގައި ގްލާސްޑޯ.ކޮމް އިން ހަދާފައިވާ ދިރާސާއެއްގައި ބުނާގޮތުންނަމަ ޓެކް އިންޑަސްޓްރީގެ ކުންފުނިތަކުން ހުޅުވާލާ ވަޒީފާތަކުގެ ތެރެއިން %43 އަކީ ޓެކް ނޫން ވަޒީފާތަކެވެ.

ޓެކް އިންޑަސްޓްރީއަކީ އެންމެ ހަލުވިކަމާއެކު ކުރިއަރާ ދާއިރާކަމުން މުސްތަގްބަލުގައި މިދާއިރާގައި ވަޒީފާ އިތުރު ވާނެކަމީވެސް ޔަގީންކަމެކެވެ. 2027 ވަނަ އަހަރާއި ހަމައަށް ޓެކް ދާއިރާއަށް 5 މިލިއަން ވަޒީފާ އިތުރުވާނެ ކަމަށް މިދިރާސާގައި ލަފާކުރެއެވެ.

ޓެކް ދާއިރާއަކީ ޑިމާންޑް ވަރަށް ބޮޑު އަދި ބައިނަލްއަގްވާމީ ލެވެލްގައިވެސް ރަނގަޅަށް މުސާރަލިބޭ މަގާމުތަކެއް ހިމެނޭ ދާއިރާއެކެވެ. ޓެކް ދާއިރާގެ މަގާމުތަކުގެ މުސާރަ އެހެން ދާއިރާތަކާއި އަޅާ ބަލާއިރު ބޮޑެވެ. އެހެން ދާއިރާތަކާއި އަޅާ ބަލާއިރު ޓެކް ވަޒީފާތަކުގެ މުސާރަ އެވްރެޖްކޮށް 20،000 ޕައުންޑް އިތުރުކަމަށް ގްލާސްޑޯގެ ދިރާސާގައިވެއެވެ. ރާއްޖޭގައި ޓެކް ދާއިރާގެ މުސާރަތަކުގައި މިފަދަ ފަރަގު ނެތް ނަމަވެސް، މިއީ ދުނިޔޭގައި އޮތް ޓްރެންޑެވެ.

މިހާރު މިއީ ޓެކް ދާއިރާގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ދުވަސްވަރެވެ. އެއީ އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު ދަނީ އެހެން ހުރިހާ ދާއިރާއެއް ބަދަލުކުރަން ފަށާފައެވެ. މިސާލަކަށް ތަޢުލީމީ ދާއިރާ، ސިއްހީ ދާއިރާ، ކޮންސްޓަކްޝަން ދާއިރާ ފަދަ ކޮންމެ ދާއިރާއަކަށް ޓެކްނޮލޮޖީގެ އެހީގައި މިދުވަސްވަރު ދަނީ ކުރިއެރުންތައް އަންނަމުންނެވެ. އަދި މިފަދަ ދާއިރާތައް ޓެކްނޮލޮޖީގެ އެހީގައި 'ޑިސްރަޕްޓް' ކޮށްލުމަށާއި އައު ގޮތްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ޓެކް ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މިއީ އެންމެ ރަގަޅު ދުވަސްވަރެވެ. ކުރިން ދެންނެވުނު ފަދައިން 'ޓެކް' ނޫނަސް މިދާއިރާގައި ބައިވަރު ފުރުސަތު އެބަހުއްޓެވެ.

ޓެކް ދާއިރާގައި ދުނިޔޭގެ ލެވެލްގައި މިހާރު އެންމެ ޑިމާންޑް ބޮޑު 'ނޮން-ޓެކް' ވަޒީފާތަކުގެ ތެރޭގައި ހިމެނޭ 5 ވަޒީފާ

1. ޕްރޮޑަކްޓް މެނޭޖަރ

ޕްރޮޑަކްޓް މެނޭޖަރގެ މަސްއޫލިއްޔަތަކީ އައު ސޮފްޓްވެއަރ ޕްރޮޑަކްޓެއް ކާމިޔާބުކަމާއެކު އުފެއްދުމުގައި ލީޑް ރޯލެއް އަދާކުރުމެވެ. މިފަދަ މީހަކީ ސޮފްޓްވެއަރ އުފެއްދުމުގައި އެކުލެވޭ އެހެން އެކި ޓީމްތަކާއެކު މަސައްކަތް ކުރަންޖެހޭނެ މީހެކެވެ. މިއީ ޑިވެލޮޕްމަންޓް ޓީމް، މާކެޓިންގ އަދި ސޭލްސް ޓީމްގެ ފަދަ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރާ ހުރިހާ ޓީމެއް ގުޅުވާދޭ ފަރާތެކެވެ. އަދި ޕްރޮޑަކްޓްގެ ރިލީސްތަކާއި، ވަރޝަންތައް ޝެޑިއުލްކުރެވޭގޮތަށް ރިލީސް ކުރުމުގެ ޕްލޭންތައް ތައްޔާރުކުރާނީ ޕްރޮޑަކްޓް މެނޭޖަރެވެ. މީގެ އިތުރުން ޕްރޮޑަކްޓް ތައްޔާރުވަނީ އޭގެ ބޭނުންކުރަން ޓަގެޓްކުރާ ފަރާތްތައް އެންމެ ބޭނުންވާނެ ގޮތަށްތޯ ބަލާ، އެފަރާތްތަކުގެ ޚިޔާލުތަކާއި އެއްގޮތަށް ކުރިއަށް ޕްރޮޑަކްޓް ތަރައްގީކުރުމުގެ ޕްލޭންތައްވެސް ރޭވުމަކީވެސް ޕްރޮޑަކްޓް މެނޭޖަރުގެ މުހިއްމު ޒިންމާއެކެވެ.

2. ޔޫއެކްސް ޑިޒައިނަރ

ޔޫއެކްސް ނުވަތަ ޔޫސަރ އެކްސްޕީރިއަންސް ޑިޒައިނަރުންނަކީ ވެބްސައިޓް ނުވަތަ އެޕް ފަދަ ޑިޖިޓަލް ޕްރޮޑަކްޓެއް އެންމެ އެފެކްޓިވް ގޮތުގައި މީހުން ބޭނުންކުރާނެ ގޮތަށް ޑިޒައިން ކޮށްދިނުމުގެ މަސްއޫލިއްޔަތު ނަގާ ބައެކެވެ. އެންމެ ފަސޭހައިން އެޕެއް ނުވަތަ ވެބްސައިޓެއް ބޭނުންކުރާނެ ގޮތްތަކަކީ ކޮބާތޯ ދެނެގަނެ އެގޮތަށް އެޕް އުފެއްދުމަށް ޑިވެލޮޕަރުންނަށް އެހީތެރިވެދޭނެއެވެ. އެކި ސައިޒުގެ އެކި ވައްތަރުގެ ޑިވައިސްތަކުގައި އެ ޕްރޮޑަކްޓެއް ހުންނާނެގޮތާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އެ ޕްރޮޑަކްޓެއް ބޭނުންކުރެވޭނެ ގޮތާއި މެދު ވެސް ޔޫއެކްސް ޑިޒައިނަރުން ވިސްނަންޖެހޭނެއެވެ.

3. ކޮޕީރައިޓަރ

ކޮޕީރައިޓްރުންނަކީ ޓެކް ކުންފުންޏެއް ކުރާ މަސައްކަތާއި އުފައްދާ ތަކެއްޗާބެހޭ މަޢުލޫމާތު އާންމު ފަރާތްތަކަށް ގެނެސްދޭނެ މުހިއްމު ފަރާތެކެވެ. މިފަދަ މީހުންގެ މަސްއޫލިއްޔަތަކަށް ވާނީ ޓެކްނިކަލް އުފެއްދުންތަކުގައި ބޭނުންކޮށްފައި ހުންނަ ޓެކްނިކަލް ބަހުރުވަ އެންމެ އާދައިގެ މީހާއަށްވެސް އެނގޭނެ ފަދަ ގޮތަކަށް ބަދަލުކޮށްލުމެވެ. ޓެކް ކުންފުނިތަކުން އުފައްދާ ޕްރޮޑަކްޓްތަކުގެ ޚަބަރާއި، ޔޫސަރ މެނުއަލް، ފަދަ ލިޔުންތައް ތައްޔާރުކުރުމަކީ މިމަގާމުގެ މަސްއޫލިއްޔަތެކެވެ. މިމަގާމަކީ ރާއްޖޭގައި ވަރަށް ނުފެންނަ ރޯލެކެވެ. އެހެންނަމަވެސް ރާއްޖެއަށްވެސް މުހިއްމު މަގާމެކެވެ. އިދާރާތަކުން އުފައްދާ ޑިޖިޓަލް ޕްރޮޑަކްޓް ނުވަތަ ސަރވިސް އެންމެ ރަނގަޅަށް އާންމު ރައްޔިތުންނަށް ފަހުމް ވާގޮތަށް ނުގެނެސްދެވޭ ނަމަ އެ ބޭނުންކުރާ ފަރާތްތައް މަދުވެ، އެއާއި މެދު ލިބޭ ޝަކުވާ ގިނަވާތަން އަންނާނެއެވެ. މިފަދަ ރޯލަކުން އެކަމަށް ހައްލު ލިބޭނެއެވެ.

4. އޮޕަރޭޝަންސް މެނޭޖަރ

އޮޕްރޭޝަންސް މެނޭޖަރުންނަކީ ޑިޖިޓަލް ޕްރޮޑަކްޓަކާއި ގުޅިގެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. އޭގެ ތެރޭގައި ޕްރޮޑަކްޓާއި ގުޅިގެން ބޭނުންކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އޭގެން ދޭ ޚިދުމަތާއި ގުޅިގެން ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެވޭނެ ގޮތް ހަމަޖެއްސުމާއި، ކަސްޓަމަރުންނަށް ފަސޭހައިން އެ ޕްރޮޑަކްޓެއް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ބައެއް ފަހަރު އެ ފަދަ ޕްރޮޑަކްޓްތައް ވިއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށްވެސް ޖެހެއެވެ.

5. މާކެޓިންގ މެނޭޖަރ

ޓެކް ކުންފުންޏެއްގެ ބްރޭޑް އުފެއްދުމަށާއި ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް، ކުންފުނި އަދި ޕްރޮޑަކްޓްތައް މާކެޓްކުރުމަކީ މިފަދަ ފަރާތެއްގެ ޒިންމާއެވެ. ކުންފުނީގެ ކުރިއެރުމަށާއި، ފައިދާ އިތުރުކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ރޯލެއް މާކެޓިންގ މެނޭޖަރ އަދާކުރާނެއެވެ. ކުންފުނިން އުފައްދާ ޕްރޮޑަކްޓް ނުވަތަ ޚިދުމަތުގެ މަޢުލޫމާތު ކްރިއޭޓިވް ގޮތަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި އެތަކެއްޗާއި މެދު ކަސްޓަމަރުންގެ މެދުގައި ޝައުގުވެރިކަން އުފައްދާ ހިފެހެއްޓުމަކީ މިފަދަ ފަރާތެއްގެ މުހިއްމު ރޯލެކެވެ. އަދި ޕްރޮޑަކްޓް އަމާޒުކުރަނީ ކޮންކަހަލަ އޯޑިއެންސްތަކަކަށްކަން ދެނެގަތުމަށާއި ކަސްޓަމަރުންގެ އެންގޭޖްމަންޓާއިގުޅޭ ޑޭޓާ އެނަލައިޒަކޮށް ރިޗަރސްވެސް ހަދަންޖެހޭނެއެވެ. ބައެއް ކުންފުނިތަކުގައި މިރޯލް ހިމެނެނީ މާކެޓިންގ ޑިޕާޓްމަންޓްގައެވެ. އެހެން ނަމަވެސް ޑިޖިޓަލް ޕްރޮޑަކްޓް މާކެޓްކުރާ ފަރާތްތަކަށް އެ ޓެކްނޮލޮޖީ އެންގުން ވަރަށް މުހިއްމެވެ. ރާއްޖޭގައި ވެސް ވަރަށް ގިނަ ކުންފުނިތަކުން މިކަމަށް އިސްކަމެއް ދެއެވެ. އަދި ސޯޝަލް މީޑިއާގައި މާކެޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ.

އިތުރަށް ކިޔާލުމަށް : ކޮމްޕިއުޓަރ ޕްރޮގްރާމަރެއް ބޭނުންވެއްޖެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.