ސްޓެމް ސެލް ޓެކްނޮލޮޖީއަކީ ކޮބާ؟

ޝުޖާޢަތު ރަޝީދު 27 ފެބްރުއަރީ 2021

ސްޓެމް ސެލް

ސްޓެމް ސެލްއަކީ ގުދުރަތީގޮތުން ކޮންމެ އިންސާނެއްގެ ގައިގައިވެސް ހެދިބޮޑުވުމަށް އެންމެ މުހިންމު ސެލްތަކުގެ ތެރޭގައި ހިމެނޭ ސެލްތަކެކެވެ. ސްޓެމް ސެލް ޓެކްނޮލޮޖީއަކީ ސިއްޙީ ދާއިރާގައި ވަރަށް ފުޅާކޮށް ދިރާސާ ކުރަމުންދާ ކަމެކެވެ.

ސްޓެމް ސެލްސް އުފެދެނީ ކުދިކުދި ސެލިއުލަރ އޯރގަނިސިމްސްގައެވެ. ހެދިބޮޑުވުމަށް ބޭނުންވާ އެހެނިހެން ސެލްތަކަށް ބަދަލުވުމުގެ ނުވަތަ ޓްރާންސްފޯރމްވުމުގެ ބާރު ސްޓެމް ސެލްސްގައި ހުރެއެވެ.

ސްޓެމް ސެލްގެ މައިގަނޑު ވައްތަރުތައް

1- އެމްބްރިޔޯނިކް ސްޓެމް ސެލްސް: މިއީ އާންމުކޮށް އެމްބްރިޔޯއިން ނެގޭ ސެލްއެވެ. މި ސެލް އާންމުކޮށް ނެގެނީ ދަރިފަނި މައިމީހާގެ ހަށިގަނޑަށް ވަދެ ދަރި އުފެއްދުމަށް މަސައްކަތްކުރާ ދުވަސްވަރުއެވެ. މިވައްތަރުގެ ސްޓެމް ސެލްއަިކީ އެހެނިހެން ސެލްތަކަށް ހެދިބޮޑުވުމަށް ބާރުފޯރުކޮށްދޭ ވައްތަރުގެ ސެލްއެކެވެ.

2- ނަން-އެމްބްރިޔޯނިކް (އެޑަލްޓް) ސްޓެމް ސެލްސް: މިއީ ބޮޑެތި މީހުންގެ ގައިން ނަގައިފައިވާ ސްޓެމް ސެލްއެކެވެ. އުފެދި ބޮޑުވެފައިވާ ޓިޝޫތަކުން އަދި އެހެނިހެން ގުނަވަންތަކުންނެގޭ މި ސެލްއަކީ ހަލާކުވެފައިވާ ޓިޝޫތައް ރަނގަޅުވުމަށް އެހީވެދޭ ސެލްއެކެވެ. މި ސްޓެމް ސެލް ބޭނުންކުރެވެނީ އެނެގޭ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ ޓިޝޫ ރަނގަޅުކުރުމަށެވެ. މިވައްތަރުގެ ސްޓެމް ސެލް ގިނަފަހަރަށް ބޭނުންކުރެވެނީ ތަފާތު ވައްތަރުގެ ކެންސަރު ބަލީގެ ފަރުވާ ހޯދުމުގެ ބޭނުމުގައެވެ.

3- އިންޑިއުސްޑް ޕުލުރިޕޮޓެންޓް ސެލްސް (އައި.ޕީ.އެސް.ސީ.އެސް):މިއީ ބޮޑެތި މީހުންގެ ގައިން ނަގައި ލެބޯރަޓަރީގައި އިންޖިނިއަރކޮށް (ބަދަލުކޮށް، ފަރުވާދީ) ފައިވާ ވައްތަރުގެ ސްޓެމް ސެލްއެވެ. މިވައްތަރުގެ ސެލް ގިނަ ފަހަރު ބޭނުންކުރެވެނީ އައު ބޭސްފަރުވާ ތައްޔާރުކޮށް ނެރުމަށް އެހީއެއް ގޮތައް ސައިންސްވެރިންގެ މެދުގައެވެ.

ސްޓެމް ސެލް ޓެކްނޮލޮޖީގެ އެންމެ މުހިންމު އެއް މަޤްސަދަކީ އިންސާނުންގެ ހަށިގަނޑުގައި މިހިގާ އުނދަގޫ ކަންތައްތައް ތަންކޮޅެއް ރަނގަޅު ސިފައެއްގައި އިންސާނުންނަށް އަންގައިދިނުމެވެ.

އިންސާނުންގެ ހަށިގަނޑުގެ ބޯން މެރޯގައި ހުންނަ ސްޓެމް ސެލްސްތަކުން ލޭގެ ސަޕްލައި ދައުރުކުރަން އެހީވެ، އަދި އައުކޮށް ބެހެއްޓުމަށް އެހީވެއެވެ.

ބޯން މެރޯ ޓްރާންސްޕްލާންޓް އަކީ ލިއުކީމިޔާ، މަލްޓިޕަލް މައިލޯމާ ފަދަ ބަލިތަކުގެ ފަރުވާއެއްގޮތައް ބޭނުންކުރަމުންދާ ސްޓެމް ސެލް ޓެކްނޮލޮޖީއެކެވެ. ބައެއް ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ހަމަ މިފަދައިން ފަރުވާގައި ސްޓެމް ސެލް ބޭނުންކޮށްގެން ޑައިބަޓީސް (ހަކުރުބަލި) އަލްޒައިމާސް، ދިފާއީ ނިޒާމަށް ޖެހޭ ބޮޑެތި ބަލި އަދި ނާރުގެ ބަލިތައްފަދަ ބަލިތަކަށް ފަރުވާކުރެވިދާނެއެވެ.

ސްޓެމް ސެލް ޓެކްނޮލޮޖީގައި ހުރި ގޮންޖެހުންތަކާއި އުނދަގޫތައް

ކަންމިހެން ހުރިކަމުގައި ވީނަމަވެސް، މިހުރިހައި ދިރާސާތަކަކީ އަދި ދުނިޔެއަށް ވަރަށް އައު ދިރާސާތަކެކެވެ. އެހެންކަމުން މިހުރިހައި ކަމަކީވެސް އަދި ގޮންޖެހުންތައް ކުރިމަތިލައި ބަލަމުން ޓެސްޓް ކުރެވެމުންދާ ކަންތައްތަކެވެ.

ބައެއް ޤަޢުމުތަކުގައި އެލޯޖެނިކް ޓްރާންސްޕްލާންޓްގެ ގޮތުގައި ސްޓެމް ސެލް ޓެކްނޮލޮޖީ ބޭނުންކުރަމުން މިހާރުވެސް އެބަދެއެވެ. އެލޯޖެނިކް، "އެލޯ" އަކީ "އެހެން"، މީގެ މާނައަކީ ސްޓެމް ސެލް ނަގަނީ ބަލިމީހާއާއި ގުޅުން ހުރި އެހެން މީހެއްގެ (ގިނަ ފަހަރު އާއިލާ މީހެއްގެ) ގައިންނެވެ.

މިކަން މިގޮތައްކުރަނީ ކެންސަރުފަދަ، ގިނަފަހަރު ލިއުކީމިޔާ (ލޭގެ ކެންސަރު)، ނުވަތަ ބޯންމެރޯއާއި ގުޅުން ހުރި ބަލިތަކުގައި ޑޯނަރުގެ ގައިން ރަނގަޅު ސްޓެމް ސެލް ނެގުމަށްފަހު ބަލިމީހާގެ ގަޔަށް ލެއްވުމަށެވެ.

ބައެއް ކްލިނިކަލް ޓްރައަލްގައި ބަލިމީހާ ކެންސަރުގެ ފަރުވާ ނެގުމަށްފަހު ރެމިޝަންގައި (ރަނގަޅަށް) ހުންނަ ދުވަސްވަރު ސްޓެމް ސެލް ނެގުމަށްފަހު، އެއަށް ފަރުވާދީ ތައްޔާރުކުރެވެއެވެ. އެއީ ބަލިމީހާ ގަޔަށް ސްޓެމް ސެލް ލެއްވުމަށްފަހު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށެވެ.

މިގޮތަށް ފަރުވާ ކުރުމުން ބަލިމީހާ މިފަދަ ބަލިތަކުން ގިނަފަހަރަށް ރަނގަޅުވެ، ދިފާއީ ނިޒާމް އަލުން ހޭލުންތެރިވެ ބަލިތަކާއި ހަނގުރާމަ ކުރުމަށް ހަށިގަނޑު ތައްޔާރުކޮށްދެވެއެވެ. ނަމަވެސް މިއީ އަދިވެސް ވަރަށް ދުވަސްތަކުގެ ދިރާސާއާއި އެކީ ޑަކްތަރުންނާއި ސައިންޓިސްޓްއިން، އަދި އެނޫންވެސް ދިރާސާކުރާމީހުން ކުރިއަށް ބަލަމުންދާ ޓެކްނޮލޮޖީއެކެވެ.

ބައޯ ޓެކްނޮލޮޖީގައި ބިގް ޑޭޓާ ހިމެނިގެން ދިރާސާކޮށް ހިންގަމުންދާ ކަންތައްތަކުގެ ތެރޭގައި ޖެނޮމިކްސް ޕްރޮޖެކްޓް، ފާރމާ އޮޓޮމޭޝަންފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.