ނާސާގެ ދެ އެސްޓްރޯނޯޓުން 9 މަސްދުވަހު ޖައްވުގައި ބަންދުވުމަށްފަހު އެނބުރި ދުނިޔެއަށް އައިސްފިއެވެ. ސުނީތާ ވިލިއަމްސް އަދި ބެރީ ވިލްމޯރ އައިއެސްއެސް (އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން) އިން އަންގާރަ ދުވަހުގެ ހެނދުނު ފުރައިގެން 17 ގަޑިއިރުގެ ދަތުރަކަށްފަހު ފްލޯރިޑާ އައްސޭރިފަށުން ކަނޑަށް ވަނީ ފައިބައިފައެވެ.
ބޯއިންގ ކުންފުނީގެ ސްޓާލައިނާ ބޯޓު، (އެމީހުންގެ އަސްލު އެނބުރި އައުމަށް ހަމަޖެހިފައިވާ އުޅަނދު) އެނބުރި އައުމަށް ރައްކާތެރިނޫންކަމަށް ނިންމުމާއެކު، މި ދެ އެސްޓްރޯނޯޓުން ޖައްވުގައި ތިބެންޖެހުނީ ރޭވިފައިވާ ވަގުތަށްވުރެ މާ ދިގު މުއްދަތަކަށެވެ.
ޖައްވުގައި ބަންދުވެފައިވާ ދެ އެސްޓްރޯނޯޓުންނަކީ ކޮބާ؟
ޖައްވުގައި ބަންދުވެފައިވާ ދެ އެސްޓްރޯނޯޓުންނަކީ 59 އަހަރުގެ ސުނީތާ "ސުނީ" ވިލިއަމްސް އަދި 62 އަހަރުގެ ބެރީ "ބަޗް" ވިލްމޯރއެވެ. މި ދެ މީހުންނަކީވެސް ތަޖުރިބާކާރު ނާސާ އެސްޓްރޯނޯޓުންނެވެ.
ވިލިއަމްސްއަކީ އައިއެސްއެސްގެ މިހާރުގެ ކޮމާންޑަރ އަދި ޔުނައިޓެޑް ސްޓޭޓްސް ނޭވީގެ ރިޓަޔަރޑް އޮފިސަރެކެވެ. އޭނާ ނާސާއާ ގުޅުނީ 1998 ގައެވެ. އޭނާގެ މުޅި ހަޔާތުގައި 322 ދުވަހު ޖައްވުގައި ހޭދަކޮށް، 9 ފަހަރު ޖައްވަށް ދަތުރު (ސްޕޭސްވޯކް) ކޮށްފައިވެއެވެ. 2017 ގައި ޕެގީ ވައިޓްސަން 10 ފަހަރު ސްޕޭސްވޯކް ކުރުމާ ހަމައަށް، އަންހެން އެސްޓްރޯނޯޓެއްގެ ގޮތުން އެންމެ ގިނަ ފަހަރު ސްޕޭސްވޯކް ކުރުމުގެ ރެކޯޑް އޭނާ ހިފަހައްޓާފައިވެއެވެ.
ވިލްމޯރ އެންމެ ފުރަތަމަ ޖައްވަށް ދަތުރުކުރީ 2009 ގައި ސްޕޭސް ޝަޓްލް އެޓްލާންޓިސްގައެވެ. ބޯއިންގ ސްޓާލައިނަރ މިޝަންގެ ކުރިން، އޭނާ ޖައްވުގައި 178 ދުވަސް ހޭދަކޮށްފައިވެއެވެ. ކުރީގެ އައިއެސްއެސް މިޝަންތަކުގައި ފްލައިޓް އިންޖިނިއަރ އަދި ކޮމާންޑަރގެ ގޮތުގައި ހިދުމަތްކޮށް، ޖައްވުގައި ގަސްގަހާގެހި ހެއްދުމާބެހޭ ދިރާސާއާއި، މައިކްރޯގްރެވިޓީގެ އިންސާނީ ހަށިގަނޑަށް ކުރާ އަސަރު އަދި ބިމުގެ ތިމާވެށި ބަދަލުވާގޮތް ދިރާސާކޮށްފައިވެއެވެ.
ބޯއިންގގެ މިޝަންގައި ވިލްމޯރަކީ ކޮމާންޑަރެވެ. ވިލިއަމްސްއަކީ ޕައިލެޓެވެ.
އެމީހުން އެނބުރި ދުނިޔެއަށް އައީ ކިހިނެއް އަދި ކޮންއިރަކު؟
ވިލިއަމްސް އަދި ވިލްމޯރ އެނބުރި އައުމުގެ މަސައްކަތް ފެށުނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ލަސްވަގުތެއްގައެވެ. ދަތުރުގެ އެންމެފަހުގެ ތައްޔާރީތައް ފެށުނީ ރޭގަނޑު 10:45 އީޓީ (02:45 ޖީއެމްޓީ) ގައެވެ.
ވިލްމޯރ އަދި ވިލިއަމްސް އުފުލި ސްޕޭސްއެކްސް ކްރޫ ޑްރެގަން ކެޕްސިއުލް އައިއެސްއެސްއިން ވަކިވީ އަންގާރަ ދުވަހުގެ ފަތިހު 1:05 އީޓީ (05:05 ޖީއެމްޓީ) ގައެވެ. އެޓްލާންޓިކް ކަނޑަށް އެމީހުން ފޭބީ ހަވީރު 6 ޖެހިއިރު، އީޓީ (22:00 ޖީއެމްޓީ) ގައެވެ.
ނާސާއިން މި ދެ އެސްޓްރޯނޯޓުންގެ ފުރުން އަދި އެނބުރި އައުމުގެ ދަތުރު ލައިވްސްޓްރީމްކޮށްފައިވެއެވެ.
ސްޕޭސްއެކްސް ކްރޫ ޑްރެގަން ކެޕްސިއުލް ސްޕޭސް ސްޓޭޝަންގައި ޑޮކްކޮށްފައި ހުރީ 2024 ގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. މި ކެޕްސިއުލްގައި އައިއެސްއެސްއަށް އައީ ނާސާގެ އެސްޓްރޯނޯޓް ނިކް ހޭގް އަދި ރަޝިއާގެ އެސްޓްރޯނޯޓް އަލެކްސާންޑަރ ގޯރބުނޯވް އެވެ. ވިލްމޯރ އަދި ވިލިއަމްސް އެނބުރި އައުމަށް ދެ ގޮނޑި ހުސްކޮށް ބެހެއްޓިފައިވެއެވެ.
އިތުރު ކްރޫއެއް އައުމާ ހަމައަށް މި ހަތަރު މީހުންނަށް އެއް ކެޕްސިއުލްގައި އެނބުރި ނާދެވުނެވެ.
ކްރޫ-10، އައިއެސްއެސްއަށް ޑޮކްކުރީ އާދީއްތަ ދުވަހުގެ ފަތިހު 12:04 އީޓީ (04:04 ޖީއެމްޓީ) ގައެވެ. އޭގައި ހިމެނެނީ ނާސާގެ އެސްޓްރޯނޯޓުން އޭން މެކްކްލެއިން އަދި ނިކޯލް އެޔާރސް، ޖަޕާނުގެ އެސްޓްރޯނޯޓް ތަކުޔާ އޮނިޝީ އަދި ރަޝިއާގެ އެސްޓްރޯނޯޓް ކިރިލް ޕެސްކޮވްއެވެ. އެމީހުން ދަތުރު ފެށީ ކެނެޑީ ސްޕޭސް ސެންޓަރ، ފްލޯރިޑާ، އެމެރިކާއިން ހުކުރު ދުވަހުއެވެ.
އެމީހުން ޖައްވުގައި ބަންދުވީ ކީއްވެ؟
ވިލިއަމްސް އަދި ވިލްމޯރ ބަންދުވީ އެމީހުން އެނބުރި ގެނައުމަށް ހަމަޖެހިފައިވާ އުޅަނދުގެ ޓެކްނިކަލް މައްސަލަތަކާ ގުޅިގެންނެވެ.
އެ ދެމީހުން އައިއެސްއެސްއަށް ދަތުރުކުރީ ބޯއިންގގެ ސީއެސްޓީ-100 ސްޓާލައިނާގެ ފުރަތަމަ މީހުން ދަތުރުކުރާ ޓެސްޓް ދަތުރުގައެވެ. މި މިޝަންއަކީ ނާސާގެ ކޮމާޝަލް ކްރޫ ޕްރޮގްރާމްގެ ދަށުން، ސްޕޭސް ސްޓޭޝަނަށް އެސްޓްރޯނޯޓުން އުފުލައިދިނުމަށް އަމިއްލަ އުޅަނދުފަހަރު ތަރައްޤީކުރުމަށް ހިންގުނު މިޝަނެކެވެ. ނާސާއިން ބުނާގޮތުން، ލޯ އޯބިޓްގެ މިޝަންތައް އައުޓްސޯސްކުރުމުގެ މަޤްޞަދަކީ ނާސާއިން ފުން-ޖައްވު އޮޅުންފިލުވުމަށް އިސްކަންދިނުމަށެވެ. އޭގެތެރޭގައި ހަނދަށް ދާ އާޓެމިސް މިޝަންތަކާއި އިންސާނުން މުސްތަޤުބަލުގައި މާސް ގްރަހަށް ކުރާ ދަތުރުތައް ހިމެނެއެވެ.
އައިއެސްއެސްއަށް ދިޔަ 25 ގަޑިއިރުގެ ދަތުރުގައި، ސްޓާލައިނާގައި ހީލިއަމް ލީކުތަކާއި ތުރަސްޓަރ މަސައްކަތްނުކުރުން ފަދަ މައްސަލަތައް ދިމާވިއެވެ. މި ތުރަސްޓަރަކީ ޑައިރެކްޝަން ބަދަލުކޮށް ބިމަށް ވަނުން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ އާލާތެކެވެ. ޖޫން 6 ގައި އައިއެސްއެސްއަށް ދިޔައިރު، 28 ތުރަސްޓަރުގެ ތެރެއިން އިތުރު 4 ތުރަސްޓަރ މަސައްކަތްނުކުރުމުގެ ސަބަބުން ސްޓޭޝަނާ ޑޮކްކުރުން ލަސްވިއެވެ.
އިންޖިނިއަރުން 5 އިން 4 ތުރަސްޓަރ އަލުން މަސައްކަތްކުރުވި ނަމަވެސް، ނާސާއިން ނިންމީ އެ އުޅަނދަކީ މީހުން ދަތުރުކުރުމަށް މާބޮޑު ރިސްކެއް އޮތް އެއްޗެއްކަމަށެވެ. އަދި ހުސްކޮށް އަނބުރާ ފޮނުވާލުމަށެވެ. އެހެންކަމުން ވިލިއަމްސް އަދި ވިލްމޯރ އައިއެސްއެސްގައި ބަންދުވިއެވެ.
އޯގަސްޓް 2024 ގައި، ނާސާއިން ނިންމީ އެމީހުން ސްޕޭސްއެކްސްގެ އުޅަނދެއްގައި އެނބުރި ގެނައުމަށެވެ. ކްރޫ ޑްރެގަން-9، 2024 ގެ ސެޕްޓެމްބަރު 29 ގައި ދަތުރުފެށިއެވެ. އަދި އައިއެސްއެސްގައި ޑޮކްކޮށްފައި ހުރީ އެހިސާބުން ފެށިގެންނެވެ. އެކަމަކު އެމީހުން އަވަހަށް ގެނައުމުން ސްޕޭސް ސްޓޭޝަންގައި އެމެރިކާގެ އެންމެ އެސްޓްރޯނޯޓެއް އެކަނި ހުންނާނެތީ، އެމީހުން އަވަހަށް ނުގެނައީއެވެ. މިއީ ދިރާސާތަކާއި ކުއްލި ހާލަތުގައި އިޖާބަދިނުމަށް އޮތް ހުރަހެކެވެ.
އެ ދެ އެސްޓްރޯނޯޓުން ޖައްވުގައި ބަންދުވެފައި ތިބީ ކިހާ ދުވަހަކު؟
ވިލިއަމްސް އަދި ވިލްމޯރ ޖައްވުގައި ތިބީ 2024 ގެ ޖޫން 5 އިން ފެށިގެންނެވެ. އެހެންކަމުން އެނބުރި އައިއިރު އެމީހުން 9 މަސް އިތުރަށް ޖައްވުގައި ހޭދަކުރި ކަމަށް ބެލެވެއެވެ.
އެމީހުން ކޭޕް ކެނަވެރަލް، ފްލޯރިޑާއިން ފުރައިގެން ދިޔައީ ޖޫން މަހުގައެވެ. އަދި އަސްލު ޝެޑިއުލަށް ބަލާއިރު، އެމީހުން 8 ދުވަހަށް ޖައްވުގައި ތިބުމަށް ހަމަޖެހިފައިވާއިރު ވަރަށް ދިގު ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ.
އެސްޓްރޯނޯޓުން އާންމުކޮށް އައިއެސްއެސްގައި ރޮޓޭޝަންގައި ތިބެނީ ގާތްގަނޑަކަށް 6 މަސް ދުވަހެވެ.
އެމީހުން ޖައްވުގައި މިހާ ދިގު މުއްދަތަކަށް ދިރިއުޅުނީ ކިހިނެއް؟
އެމީހުންގެ މުއްދަތު އަންދާޒާނުކުރެވޭވަރަށް ދިގުވި ނަމަވެސް، ވިލިއަމްސް އަދި ވިލްމޯރ ރަނގަޅު ޞިއްޙަތެއްގައި ތިބެ، ޖެނުއަރީ މަހު އެކުގައި ސްޕޭސްވޯކެއްވެސް ކޮށްފައިވެއެވެ.
އައިއެސްއެސްގައި ދިރިއުޅުން ހޭދަކުރަނީ ކަސްރަތުކުރުމާއި، މަސައްކަތް އަދި މުނިފޫހިފިލުވުމުގެ ރޭވިފައިވާ ރޫޓީނެއްގެ ދަށުންނެވެ. މީގެތެރޭގައި ކަސްރަތުކުރުމުގެ ތެރެއިން ޓްރެޑްމިލް އަދި ރެސިސްޓަންސް މެޝިން ބޭނުންކޮށްގެން ކަށިތަކާއި މަސްތައް ވަރުގަދަކުރުމަށް މަސައްކަތްކުރެއެވެ.
އަހަރުގެ ތެރޭގައި، އެކި ސްޕޭސް އެޖެންސީތަކާއި އަމިއްލަ ކުންފުނިތަކުން ސްޕޭސް ސްޓޭޝަނަށް ކާނާ، ފެން އަދި އޮކްސިޖަން ފޯރުކޮށްދިނުމަށް ދަތުރުތައް ރާވާފައިވެއެވެ.
ކްރިސްމަސް ދުވަސްވަރު، މި ދެ އެސްޓްރޯނޯޓުން ޚާއްޞަ ޑިނަރެއްވެސް ތައްޔާރުކޮށްފައިވެއެވެ. އޭގެތެރޭގައި ސްމޯކް އޮއިސްޓަރ، ކްރެބް، ޑަކް ފޯއި ގްރާސް، ކްރޭންބެރީ ސޯސް، އެޓްލާންޓިކް ލޮބްސްޓަރ އަދި ސްމޯކްޑް ސެލްމަން ހިމެނިފައިވާކަމަށް ލަންޑަންގެ ދަ ޓައިމްސް ނޫސް ބުނެފައިވެއެވެ.
ވިލިއަމްސް އަދި ވިލްމޯރަށް އީމެއިލް އަދި ޓެލެފޯނު މެދުވެރިކޮށް އެމީހުންގެ ޢާއިލާއާ ގުޅުން ބޭއްވުނެވެ.
ނޮވެމްބަރު މަހު ލެސްޓަރ ހޯލްޓްއަށް އެންބީސީ ނައިޓްލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި، ވިލިއަމްސް ބުނެފައިވަނީ އޭނާއާއި ވިލްމޯރ އެ ދެމީހުންވެސް ރަނގަޅަށް ކަސްރަތުކޮށް، ރަނގަޅު ކާނާކާ ކަމަށާއި، ހާލު ރަނގަޅު ކަމަށެވެ.
ކުރިންވެސް އެސްޓްރޯނޯޓުން ޖައްވުގައި ބަންދުވެފައި ތިބިތަ؟
ވިލިއަމްސް އަދި ވިލްމޯރަކީ ލަފާނުކުރެވޭ ހާލަތްތަކާ ހެދި ގިނަ ދުވަސްތަކަކަށް ޖައްވުގައި ތިބެން ޖެހުނު ފުރަތަމަ އެސްޓްރޯނޯޓުންނެއް ނޫނެވެ. ކުރިންވެސް ޓެކްނިކަލް މައްސަލަތަކާ ހެދި ނުވަތަ ބައިނަލްއަޤްވާމީ ހަމަނުޖެހުންތަކާ ހެދި އެސްޓްރޯނޯޓުން ރޭވިފައިވާ ވަގުތަށްވުރެ ގިނައިން ޖައްވުގައި ތިބެންޖެހިފައިވެއެވެ.
އެމެރިކާ އެސްޓްރޯނޯޓެއްގެ ގޮތުން އެންމެ ދިގު މުއްދަތަކަށް ސްޕޭސްފްލައިފަކަށް ގޮސްފައިވަނީ ފްރޭންކް ރޫބިއޯއެވެ. 2022 އިން 2023 އަށް އައިއެސްއެސްގައި 371 ދުވަސް ހޭދަކުރިއެވެ. އޭނާ ތާށިވީ ޖައްވަށް ދަތުރުކުރި ސޮޔުޒް އުޅަނދުގައި ދިމާވި މައްސަލައާ ގުޅިގެންނެވެ.
މިފަހަރު ވިލިއަމްސް އަދި ވިލްމޯރގެ 9 މަސްދުވަހުގެ ދަތުރަކީ އެމެރިކާގެ ޖައްވީ ދަތުރުފަތުރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ހާދިސާއެކެވެ. މިދެ އެސްޓްރޯނޯޓުންގެ ކެތްތެރިކަމާއި ހިތްވަރު ބަހައްޓައިގެން މިދަތުރު ފުރިހަމަކުރުމަކީ ނާސާގެ މިޝަންތަކަށާއި އިންސާނީ ޖައްވީ ދަތުރުފަތުރަށް ލިބުނު އިތުރު ކާމިޔާބީއެކެވެ. މިކަހަލަ ދަތިއުނދަގޫތަކަށް ތައްޔާރުވެފައި ތިބުމަކީ މުސްތަޤުބަލުގައި ހަނދާއި މާސްއަށް ކުރެވޭ ދަތުރުތަކަށް ވަރަށް މުހިންމު ލަފާތަކެއް ދޭ ކަމެއް ކަމަށް ނާސާއިން ބުނެފައިވެއެވެ.
އިތުރަށް ކިޔާލުމަށް
ދެ އެސްޓްރޮނޯޓުން 2025 އާއި ހަމައަށް ޖައްވުގައި ތާށިވެފައި
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.