އެޕަލްއިން އާ ޒީރޯޑޭ ވަލްނަރެބިލިޓީއަކަށް ޕެޗެއް ނެރެފި

އަޝްނާ ރަޝީދު 12 މާރިޗު 2025

އެޕަލްއިން ވެބްކިޓް ބްރައުޒާ އިންޖީނުގައި ފެނިފައިވާ ޒީރޯޑޭ ވަލްނަރެބިލިޓީއެއް ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓެއް ނެރެފިއެވެ. CVE-2025-24201 ގެ ނަމުގައި ޓްރެކްކޮށްފައިވާ މި ވަލްނަރެބިލިޓީގެ ސަބަބުން ވަކި ފަރުދުންނަށް އަމާޒުކޮށްގެން ހަމަލާތަކެއް ކުރީގެ އައިއޯސްތަކުގައި ކޮށްފައިވެދާނެކަމަށެވެ. އައުޓް-އޮފް-ބައުންޑްސް ރައިޓްސް މައްސަލައެއްގެ ގޮތުގައި ސިފަކޮށްފައިވާ މި ވަލްނަރެބިލިޓީގެ ސަބަބުން ހަމަލާދޭ މީހުންނަށް ވެބް ކޮންޓެންޓް ސޭންޑްބޮކްސް އިން ބޭރުގައި މެލިޝިއަސް ވެބް ކޮންޓެންޓް ބޭނުންކުރެވޭނެއެވެ. މިކަމުގެ ސަބަބުން އަސަރުކުރާ ޑިވައިސްތަކުގައި ހުއްދަ ނެތި އަމަލުތައް ހިންގުމަށް މަގުފަހިވެދާނެއެވެ.

މި ވަލްނަރެބިލިޓީ އެޕަލްގެ ގިނަ ޑިވައިސްތަކަށް އަސަރުކޮށްފައިވެއެވެ. މިގޮތުން އައިފޯން، އައިޕެޑް، މެކް، އެޕަލް ޓީވީ އަދި އެޕަލް ވިޝަން ޕްރޯއަށް އަސަރުކޮށްފައިވެއެވެ. މިގޮތުން iOS 18.3.2 ،iPadOS 18.3.2 ،macOS Sequoia 15.3.2 ،Safari 18.3.1 visionOS 2.3.2 އަދި ،tvOS 18.3.1 ފަދަ އެކި އޮޕަރޭޓިން ސިސްޓަމްތަކަށް އަސަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޕަލް އިން ވަނީ މި ވަލްނަރެބިލިޓީ ހައްލުކުރުމަށްޓަކައި ޔޫޒަރގެ ހުއްދަޔާއި ނުލާއި ކުރާކަންތައް ހުއްޓުވުމަށް އިތުރު ޗެކުތަކެއް ތައާރަފްކޮށްފައެވެ. މި ޕެޗަކީ 17.2 iOS އަޕްޑޭޓްގައި ބްލޮކް ކުރި މިފަދަ ވަލްނަރެބިލިޓީއަކަށް ސަޕްލިމެންޓަރީ ފިކްސްއެއް ކަމަށާއި، 17.2 iOS ނެރުމުގެ ކުރިން އެ ވަލްނަރެބިލިޓީ ބޭނުންކޮށްފައި ހުރެދާނެކަމަށް އެޕަލްއިން ހާމަކޮށްފައިވެއެވެ.

މި އަޕްޑޭޓަކީ މި އަހަރުގެ ކުރީކޮޅު ޖެނުވަރީގައި ނެރުނު CVE-2025-24085 އަދި ފެބްރުއަރީގައި ނެރުނު CVE-2025-24200 ޕެޗްތަކުގެ ފަހުން އެޕަލްއިން 2025 ވަނަ އަހަރު ނެރުނު ތިންވަނަ ޒީރޯޑޭ ވަލްނަރެބިލިޓީގެ ޕެޗެވެ. މީގެ އިތުރުން މިދިޔަ އަހަރު އެޕަލުން 20 ޒީރޯޑޭ އެކްސްޕްލޮއިޓުތައް ޕެޗްކޮށްފައިވެއެވެ. މި އެކްސްޕްލޮއިޓްތަކުގެ މައުލޫމާތު ހިފެހެއްޓުމުގެ މަގުސަދަކީ މި އެކްސްޕްލޮއިޓްތަކުގެ ބޭނުންކުރާނެ ފަރާތްތަކަށް ފޯރުކޮށްދޭ މައުލޫމާތާއި އިންސައިޓުތައް މަދުކުރުމެވެ.

އެޕަލްއިން އެ ވަލްނަރެބިލިޓީ ހޯދީ އެ ކުންފުނީގެ އަމިއްލަ ސެކިއުރިޓީ ޓީމުންތޯ ނުވަތަ ބޭރުގެ ދިރާސާވެރިއައްތޯ ހާމަކޮށްފައިނުވެއެވެ. މިހެން އަމަލުކޮށްފައިވަނީ މި މައުލޫމާތު ހާމަކުރުމުން ހަމަލާތައް ދިނީ ކޮންބައެއްކަމާއި، އަމާޒުކުރީ ކޮންބަޔަކަށްކަމާއި، ހަމަލާތައް ފެށުނީ ކޮން އިރަކުތޯ ނުވަތަ އެ ހަމަލާތައް ދެމިގެން ދިޔައީ ކިހާ ދުވަހަކަށްތޯ ފަދަ މައުލޫމާތު ހާމަވެގެން ދާނެތީއެވެ. މި މައުލޫމާތު ހާމަކޮށްފައި ނުވިޔަސް އެޕަލުން ވަނީ މިފަދަ ވަލްނަރެބިލިޓީ ތަކަށް ރައްކާތެރި ވާންޖެހޭ ފަރާތްތަކުން އަވަހަށް އަޕްޑޭޓުކުރުމަށް އިރުޝާދުދީފައެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.