ރާއްޖޭގެ ސްޕޭސް މިޝަންގެ ޑައިރެޓަރަކު ހަމަޖައްސައިފި

ހިންދު ޢަލީ 07 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑިރެކްޓަރަކަށް ޑރ. ސްރީމަތީ ކޭސަން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ރާއްޖޭގައި ލޯންޗުކުރީ ނޮވެމްބަރ 2020 ގައެވެ. މިގޮތުން ޑރ. ސްރީމަތީ ލީޑް ކުރައްވާނީ މި ސްޕޭސް ޕްރޮގްރާމްގެ ދަށުން ހިންގުމަށް ރާވާފައިވާ ފުރަތަމަ ސްޕޭސް މިޝަންއެވެ.

ޑރ. ސްރިމަތީއަކީ މީގެ ކުރިންވެސް ގިނަ ސްޕޭސް މިޝަންތަކެއް ލީޑް ކުރައްވާފައިވާ، މިކަމުގެ ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި 2017 ގައި ނާސާއިން ލޯންޗުކުރި އެންމެ ކުޑަ ސެޓަލައިޓް ލޯންޗްކުރުމުގައި އިސް ރޯލެއް އަދާކުރުމުގެ އިތުރުން، 2019 ގައި އިންޑިއަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އިސްރޯ) އިން ލޯންޗުކުރި އެންމެ ލުއި ސެޓެލައިޓް ލޯންޗްކުރުމުގައި މިޝަންގައި ވެސް ހަރަކާތްތެރިވިއެވެ. އެންމެ ފަހުން ފެބްރުއަރީ 2021 ގައި އިސްރޯއިން ލޯންޗްކުރި 'ސަތީޝް ދަވާން' ނަމަކަށް ކިޔުނު ސެޓެލައިޓެއް ލޯންޗްކުރުމުގެ މިޝަންގައިވެސް ޑރ. ސްރީމަތީ ލީޑް ރޯލެއް އަދާކުރެއްވިއެވެ.

އައިޖީއެސް އިން ބުނި ގޮތުގައި ޑރ. ސްރީމަތީގެ ބެލުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ސްޕޭސް ޕްރޮގްރާމްގެ ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ 12 ދިވެހި ދަރިވަރުން، ދުނިޔޭގެ ފުރަތަމަ ނެނޯ-ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް ސެޓްފިކެޓް ހާސިލްކުރާނެއެވެ.

މި ޕްރޮގްރާމް ހިންގަމުންދަނީ އިނގިރޭސި ވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ގްރާންޓް އެހީގެ ދަށުންނެވެ. މި ޖަމްއިއްޔާގައި ހިމެނޭ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަދި ޔޫރަޕްގެ ޖައްވީ އިދާރާ އީސާ ގެ ފަންނީ ތަޖުރިބާކާރުން މި ޓްރެއިނިންގ ޕްރޮގްރާމްގައި އިރުޝާދު ދެއްވާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.