ޕާސިވިއަރެންސް ފުރަތަމަ ފަހަރަށް މާސްގައި ދަތުރުކޮށްފި

އިސްމާއިލް އަލީ 08 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ނާސާ އިން 2020 ވަނަ އަހަރު މާސް އަށް ފޮނުވި ޕާސިވިއަރެންސް ރޯވާ މާސްގެ ސަތަހައިގެ ވަށައިގެން 6.5 މީޓަރަށް ދަތުރުކޮށްފިއެވެ. މި ދަތުރަކީ މިއުޅަނދުގެ ސިސްޓަމްތައް ޗެކްކޮށް ކެލިބަރޭޓް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އުޅަނދުގެ ސައިންޓިފިކް މަސައްކަތްތަށް ފެށުމުން ކޮންމެ ދުވަހަކު 200 މީޓަރަށް ވުރެ ދިގު ދަތުރުތައް ކުރަންޖެހޭނެއެވެ.

ނާސާ އިން ހާމަކުރާގޮތުގައި މި އުޅަނދުގެ ދުއްވުމުގެ ހުރިހާ ސިސްޓަމް ތަކާއިމެދުވެސް އެމީހުންގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އަދި މި އުޅަނދަކީ ކުރިއަށް އޮތް ދެއަހަރު ސައިންސްގެ އެކިހޯދުންތަކަށް އެންމެ އެކަށޭނެ އުޅަނދެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި އުޅަނދުގެ ފުރަތަމަ ދަތުރުގައި ވަނީ 33 މިނިޓު 4 މީޓަރަށް ކުރިއަށް ދަތުރުކޮށްފައިއެވެ. އަދި 150 ޑިގްރީ އަށް ވާއަތްފަރާތަށް ދަތުރުކޮށް 2.5 މީޓަރަށް ފަހަތަށް ދަތުރުކޮށްފައިއެވެ. އަދި މީގެ އިތުރުން މާސްގައި ރޮކެޓެއް ޖެއްސުމުން ވާނެގޮތް ބެލުމަށް އެއުޅަނދުގައި ހަރުކުރެވިފައިވާ ކެމެރާތަކުން ވަނީ ޕާސިވިއަރެންސް ޖެއްސާފައިވާ ސަރަހައްދުގެ ފޮޓޯ ނަގާފައިއެވެ.

ފެބްރުއަރީ 18 ގައި މާސްގައި ޖެއްސުމަށްފަހު މިއުޅަނދުގެ ސިސްޓަމްތައް ޗެކްކޮށް ސޮފްޓްވެއަރ އަޕްޑޭޓް ކުރެވި އަދި މާސްގައި ޖެއްސުމަށް ބޭނުންކުރި ކޮމްޕިއުޓާ ޕްރޮގްރާމްގެ ބަދަލުގައި ނާސާއަށް މި ޕްލެނެޓް ދިރާސާ ކުރެވޭނޭ ޕްރޮގްރާމެއް ވަނީ އިންސްޓޯލް ކުރެވިފައިއެވެ. އަދި މާސް އަށް މިހާތަނަށް ފޮނުވުނު އެންމެ ފަހުގެ ކެމެރާތަކުގެ އެހީގައި މި އުޅަނދުން ދަނީ އެ ޕްލެނެޓްގެ ފޮޓޯތައް ފޮނުވަމުންކަމަށްވެސް ނާސާ އިން ހާމަކޮށްފައިވެއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މިއުޅަނދުން ނަގާ ފޮޓޯތައް ދުނިޔެއާއި ހަމަޔަށް ފޮނުވަނީ ޔޫރަޕުގެ ޖައްވީ އިދާރާގެ ޓްރޭސް ގޭސް އޯބިޓާ، ނުވަތަ ނާސާގެ މާވެން، މާސް އޮޑެސީ ނުވަތަ މާސް ރެކޮނިސަންސް އޯބިޓާ ސެޓްލައިޓްތައް މެދުވެރިކޮށެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.