އެޕަލް އިން އައިމެކް ޕްރޯ އުފެއްދުން ހުއްޓާލައިފި

އިސްމާއިލް އަލީ 09 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބާޒާރު ގައި އެންމެ 4 އަހަރަށް ފަހު އެޕަލް އިން އެކުންފުނީގެ އައިމެކް ކޮމްޕިއުޓަރު އުފެއްދުން ހުއްޓާލައިފިއެވެ. އެޕަލް އާއި ހަވާލާދީ ސީނެޓް އިން ބުނާގޮތުގައި އެކުންފުނީގެ ވެބްސައިޓްގައި މިވަގުތު މި ކޮމްޕިއުޓަރު ލިބެން ހުއްޓަސް މިހާރު ހުރި ސްޓޮކް ހުސްވުމުން އިތުރަށް އުފެއްދުން ހުއްޓާލަން ވަނީ ނިންމައިފައިއެވެ.

މި ކޮމްޕިއުޓަރުގެ ބަދަލުގައި އެޕަލް އިން އެދެނީ އެކުންފުނީގެ ކަސްޓަމަރުން، 2020 ވަނަ އަހަރު އެކުންފުނިން ބާޒާރަށް ނެރުނު 27 އިންޗީގެ އައިމެކް ހިޔާރުކުރުމަށެވެ.

އައިމެކް ޕްރޯ އަކީ އިންޓެލް ޒިއޯން ޕްރޮސެސަރަކާއި، އޭއެމްޑީ ވެގާ ގްރެފިކްސް ކާޑަކާއި، 10 ގިގަބިޓްގެ އެތާނެޓް، 5ކޭ ޑިސްޕްލޭ އަދި އީސީސީ މެމޮރީ ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ކޮމްޕިއުޓަރެކެވެ. މީގެ އިތުރުން މެކްއޯއެސްގެ ހާއްސަ ވާޝަން އަކާއި އެޕަލްގެ ޓީ2 ޗިޕެއްވެސް މި ކޮމްޕިއުޓަރުގައި ހިމެނެއެވެ.

މި އުފެއްދުން ބާޒާރަށް ނެރުނުއިރު އެޕަލް އިން ބުނެފައިވަނީ މި އުފެއްދުމަކީ އެވަގުތު ބާޒާރުގައި ހުރި އެކުންފުނީގެ އެންމެ ވަރުގަދަ ކޮމްޕިއުޓަރު ކަމަށެވެ. އެހެންނަމަވެސް މި ކޮމްޕިއުޓަރު ބާޒާރަށް ނެރުނު ފަހުން އަދި މިހާތަނަށް މާހާއްސަ އަޕްގްރޭޑެއް މި ކޮމްޕިއުޓަރަށް ތައާރަފް ކުރެވިފައި ނުވެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ އޯގަސްޓު މަހު އެކުންފުނިންވަނީ އައިމެކް ޕްރޯގެ 8 ކޯ މޮޑެލް އުފެއްދުން ހުއްޓާލާފައިއެވެ. ނަމަވެސް މި ބަދަލުތަކާއި އެކުވެސް މި ކޮމްޕިއުޓަރުގެ އަގަކަށް ބަދަލެއް ނާދެއެވެ. އަދި މިކޮމްޕިއުޓަރަކީ ޒަމާނުއްސުރެ މިފަދަ އެހެން ކޮމްޕިއުޓަރުތަކާއި އަޅާބަލާއިރު އަގު ބޮޑު ކޮމްޕިއުޓަރެކެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.