ފޯންހަބް އިން ކްރޯމްބުކް އާއި އެންޑްރޮއިޑް ފޯނު ގުޅުވާލަނީ

އިސްމާއިލް އަލީ 10 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްރޯމްބުކް އަށް 10 އަހަރު ފުރުމާއި ގުޅިގެން ގޫގަލް އިން ތަފާތު އެކިއެކި އާ ހިދުމަތްތަށް ކްރޯމް އޯއެސް އަށް ތައާރަފްކޮށްފިއެވެ. އެގޮތުން އެންމެ ފާހަނގަކޮށްލެވޭ ހިދުމަތަކީ ފޯން ހަބް މެދުވެރިކޮށް އެންޑްރޮއިޑް ފޯނާއި ކްރޯމްބުކް ގުޅުވާލަދޭ ހިދުމަތެވެ. މިހިދުމަތް މެދުވެރިކޮށް ކްރޯމް އޯއެސް ބޭނުންކުރާ ފަރާތްތަކަށް މެސެޖްތަކަށް ޖަވާބު ދިނުމާއި، ފޯނުގެ ބެޓެރީ ލައިފް ބަލާލުމާއި، ވައިފައި ހޮޓްސްޕޮޓް އޮން ކުރުމާއި އަދި ފޯނު އޮތްތަން ބަލާލުންފަދަ އެތައްކަމެއް ކޮށްލެވެއެވެ.

ފޯން ހަބް ގައި އެކުލެވޭ ވިޖެޓް އެއް މެދުވެރިކޮށް ފޯނުން އެންމެފަހުން ހުޅުވާފައިވާ ކްރޯމް ޓެބްތަށްވެސް ބަލާލެވެއެވެ. އެހެންކަމުން މި ހިދުމަތަކީ އެންޑްރޮއިޑް އަދި ކްރޯމްބުކް ބޭނުންކުރާ ފަރާތްތަކަށް ވަރަށް މުހިންމު ހިދުމަތަކަށްވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ގޫގަލް އިން ވަނީ އެކުންފުނީގެ ވައިފައި ސިންކް ހިދުމަތް ގިނަ ޑިވައިސް ތަކަކަށް ހުޅުވާލާފައިއެވެ. މި ހިދުމަތް މެދުވެރިކޮށް ކްރޯމް އޯއެސް ބޭނުންކުރާ އުފެއްދުންތަކާއި އެންޑްރޮއިޑް ފޯނުތަކުގައި ސޭވްކޮށްފައި ހުންނަ ވައިފައި ނެޓްވޯކްތަށް ފަސޭހަކަމާއިއެކު ބޭނުންކޮށްލެވެއެވެ.

މީގެ އިތުރުން ދެން ކްރޯމްއޯއެސް އަށް އިތުރުކުރެވުނު އެންމެ ފާހަނގަކޮށްލެވޭ ހިދުމަތަކީ ކައިރީގައި ތިބޭ ކްރޯމްބުކްތަކަށައީ، އެންޑްރޮއިޑް އާއި ކްރޯމް އޯއެސް ބޭނުންކުރާ އުފެއްދުންތަކަށް ތައާރަފް ކުރެވުނު ނިއާބައި ޝެއަރއެވެ. މިހިދުމަތަކީ އެއަރ ޑްރޮޕް ގޮތަށް ފައިލް ޝެއަރ ކުރުމަށް ހާއްސަ ހިދުމަތެކެވެ. ގޫގަލް އިން ހާމަކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި މިހިދުމަތް ކްރޯމް އޯއެސް އިން ފެނިގެންދާނެއެވެ.

މި ހިދުމަތްތަކަކީ މިހާރުވެސް ވިންޑޯސް އަދި މެކްއޯއެސް ބޭނުންކުރާ ފަރާތްތަކަށް އާ ހިދުމަތްތަކެއްނޫނެވެ. ނަމަވެސް ކްރޯމްބުކް އެކަނި ބޭނުންކުރާ ފަރާތްތަކަށް މި ހިދުމަތްތަށް ވެގެންދާނީ ވަރަށް މުހިންމު ހިދުމަތްތަކަކަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.