ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ޚާއްސަ ސަމިޓެއް މިއަދު ބާސެލޯ ނަސަންދުރާގައި އިފްތިތާޙް ކުރައްވައިފި އެވެ.
"ދިވެހިރާއްޖެ 2.0" ގެ ނަމުގައި ކުރިއަށްގެންދާ މި ސަމިޓުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް ހިމެނޭގޮތަށް 200 އެއްހާ މަންދޫބުން ބައިވެރިވެލެއްވިއެވެ. އަދި މި ސަމިޓުގައި އެސްޓޯނިއާގެ ތަޖުރިބާކާރުންވެސް ބައިވެރިވެލެއްވިއެވެ.
އެސްޓޯނިއާއަކީ ޑިޖިޓަލްގެ ރޮނގުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. 1990 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަންގެ ބާރުން މިނިވަންވުމަށްފަހު، އެސްޓޯނިއާއިން ވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޤައުމީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ރަށެއްގައި ހުރެގެންވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ދައުލަތުގެ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމެވެ.
މި ރޭ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ދައުލަތުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ދައުލަތުގެ އެކި ޚިދުމަތްތައް ދިނުމަށް އެތައް ޕޯޓަލްއެއް ހަދާފައިވާއިރު، މީގެތެރެއިން ގިނަ ޕޯޓަލްތަކަކީ މަދު ދުވަސްތަކަކަށްފަހު ހުއްޓާލާފައިވާ ޕޯޓަލްތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ މި ހާލަތުން އަރައިގަތުމަށް މަސައްކަތްކުރަމުން. މަޢުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، މަޢުލޫމާތު ރައްކާކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސަމިޓުގައި އެކި އިދާރާތަކުން 10 ކަރުދާސް ހުށަހަޅައި، 40 ޑިސްކަޝަން ސެޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ދިމާވާ ގޮންޖެހުންތައް ހިއްސާކުރެވޭނެއެވެ.
އަންނަ އާދީއްތަދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓު ނިމުމާއެކު، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖެ 2.0 އަކީ ކޮބާ؟
ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ކަޑައަޅުއްވާފައިވާ ތަސައްވުރެވެ. މި ތަސައްވުރަކީ، ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރުމެވެ.
ދިވެހިރާއްޖެ 2.0 ގެ އިސްތިރާޖީ އޮނިގަނޑު
ދިވެހިރާއްޖެ 2.0 ގެ ގައުމީ އޮނިގަނޑު ބިނާކޮށްފައިވަނީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ތަނބުތަކުގެ މައްޗަށެވެ. މި ތަނބުތައް މަގުދައްކައިދޭނީ، ޑިޖިޓަލް ވަޞީލަތްތަކުގެ އަލީގައި ޚިދުމަތް ފޯރުކޮށްދިނުމަށް، ދައުލަތުން ހިންގާ މަންސަތަކުގައި ކުރިޔަށް ގެންދާ ބަދަލުކުރުމުގެ ސިޔާސަތެވެ. މި ސިޔާސަތަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާއެއްގޮތަށް ވިލަރެސްކޮށް ހިންގުމުގެ ނިޒާމު ޑިޖިޓަލް ނިޒާމަކަށް ބަދަލުކޮށް އެކަށައެޅުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.