9 މެއި 2025 ގައި އިފްތިތާހު ކުރެވުނު ދިވެހިރާއްޖެ 2.0 ސަމިޓަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ޒަރިއްޔާއިން ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރަން ސަރުކާރުން ކުރާ މަސައްކަތްތައް އިފްތިތާހް ކުރުމަށް ބޭއްވުނު ސަމިޓެކެވެ.
ދިވެހިރާއްޖެ 2.0 އަކީ ސަރުކާރުން ކަނޑައަޅާ ތަސައްވުރެކެވެ. ދިވެހިރާއްޖެ 2.0 ގައި ހިމެނެނީ، ރައްޔިތުންނާއި ދައުލަތާއި ދެމެދު ކުރެވޭ މުއާމަލާތްތައް ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމެވެ. މީގެ މާނައަކީ ހަމަ އެކަނި ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމެއް ނޫނެވެ. އެއަށް ވުރެ ފުޅާ ވިސްނުމެއްގައި ސަރުކާރުގެ ހިދުމަތްތައް ވީހާވެސް ހަލުވިކަމާއެކު، ވީހާވެސް ފަސޭހައިން އަދި ވީހާވެސް ގިނަ ފަރާތްތަކަށް އެކްސެސް ކުރެވޭނެ ގޮތަށް ހިދުމަތްތައް ޑިޒައިންކޮށް އިތުރަށް ތަރައްގީކުރުމެވެ.
ސަރުކާރުގެ އިދާރާތަކުން އެކި އެކި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތުގެ އުސޫލުތައް އެކުލަވާލާ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ސަރުކާރު އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ އިޖުރާއަތްތައް އެކުލަވާލުމަކީ ދިވެހިރާއްޖެ 2.0 އިން ހާސިލްކުރަން ބޭނުންވާ އެއް އަމާޒެވެ.
ސަރުކާރުން ހިދުމަތްތައް ފޯރުކޮށްދޭ ދިނުމާބެހޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި
- ހިދުމަތްތައް ކޮމްޕްލެކްސްކަމުން ހިދުމަތް ހޯދުމަށް ބުރަ ބޮޑުވުން.
- ހިދުމަތަށް އެދި ފަށްފަށްކޮށް އެއް ލިޔެކިޔުންތައް ގިނަ އިދާރާތަކަށް ހުށަހަޅަން ޖެހުން.
- އެއް ހިދުމަތެއް ހޯދުމަށް އެކި އިދާރާތަކަށް ދުވަންޖެހުން.
- ހިދުމަތް ހޯދަން ނަގާ ވަގުތު ގިނަވުން.
- ކޮންމެވެސް ގޮތަކަށް އިދާރާއިން މީހަކާއި ގުޅައިގެން ނޫނީ ހިދުމަތް ނުލިބުން.
- ހިދުމަތް ހޯދުމަށް ސަރުކާރުގެ އިދާރާތަކަށް މާލެއަށް އަންނަން ޖެހުން.
- އެދޭ ހިދުމަތްތަކުގެ އަޕްޑޭޓް ނުލިބުމާއި، އެކަމާއި ގުޅިގެން އޮފީސްތަކަށް ގުޅަން ޖެހުން.
މީގެ އިތުރުން ރައްޔިތުން ހިދުމަތަށް އެދި ހުށަހަޅާ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ގެއްލުމުގެ ޝަކުވާއަކީ މިހާރު ވަރަށް އާންމު އަދި ކަންބޮޑުވާން ޖެހޭ ޝަކުވާއެކެވެ.
މިއަދު ރައްޔިތުން ބޭނުންވަނީ ފަސޭހަކަމާއި، އަވަސްކަމާއި އެކު އެމީހުންގެ ފޯނުތަކުންނާއި ކޮމްޕިޔުޓަރތައް މެދުވެރިވެ އެމީހުންގެ އިނގިލިކުރިއަށް ހިދުމަތް ގާތްކުރުމެވެ. ބޭނުންވަނީ ރައްކާތެރިކަން ކަށަވަރު ކުރެވޭ، ސިމްޕަލް އަދި އަވަސް ހިދުމަތްތަކެކެވެ. ދިވެހިރާއްޖެ 2.0 އަކީ މިފަދައިން ރައްޔިތުން ބޭނުންވާ ފަދައިން ހިދުމަތްތައް ފޯރުކޮށްދޭނެ ނިޒާމެއް ކަމަށްވެއެވެ.
ދިވެހިރާއްޖެ 2.0 ގެ މިސްރާބަކީ ދެފުށް ފެންނަ ނިޒާމަކުން ހިދުމަތްތައް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރު ހޯދުމެވެ. ހިދުމަތް ހޯދުމަށް އެދޭ އެއްވެސް ފަރާތެއް ބާކީނުކޮށް ޑިޖިޓަލް ވަސީލަތްތައް އެންމެނަށް ފޯރުކޮށްދިނުމެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް ބޭނުންވާ ގަވަރނަންސް އާއި ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމެވެ. އަދި ދިގު މުއްދަތަށް ހިދުމަތް ދެމެހެއްޓުމަށް ބޭނުންވާނޭ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމާއި ގާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.
މިކަމުގެ މައުލޫމާތު އެކުލެވޭ ވެބްސައިޓްގައިވާ ގޮތުން ދިވެހިރާއްޖެ 2.0 ގެ ތަސައްވުރަށް ބާރުދޭ 6 އަސާސެއް ހިމެނެއެވެ. އެއީ
1. ސަރުކާރުގެ ހިދުމަތްތައް ތަރައްގީކުރުމުގައި ދެފުށް ފެންނަ ގޮތަށް އުފެއްދުން. (ޓްރާންސްޕޭރެންސީ)
2. ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް، އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނޭ ގޮތަކަށް ހިދުމަތް ފޯރުކޮށް ދިނުން. (އެކްސެސިބިލިޓީ/އިންކްލޫސިވިޓީ)
3. ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަރުތީބު ކުރެވި ގުޅިފައިވާ ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު ފޯރުކޮށްދިނުން. (ޔުނިފައިޑް)
4. ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، ރައްޔިތުންނަށް އަމާޒުކުރެވޭ ހިދުމަތްތަކެއް އުފެއްދުން. (ސިޓިޒަން ސެންޓަރޑް)
5. ހިދުމަތުގެ މުއާމަލާތުގެ ރައްކާތެރިކަމާއި ހިދުމަތަށް އެދޭ ފަރާތުގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުން. (ސެކިޔުރިޓީ)
6. ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ހިދުމަތްތައް ޔަގީންކުރުމާއި، ކަނޑައެޅޭ ވަގުތަށް ހިދުމަތް ފޯރުކޮށްދިނުން. (ޑެލިވަރީ)
އަދި ދިވެހިރާއްޖެ 2.0 ބިނާ ވަނީ 8 ތަނބެއްގެ މައްޗަށެވެ. ސަމިޓުގައި ހުށަހެޅުނު ޕްރެޒެންޓޭޝަންތަކުގައި ހިމެނުނު މައުލޫމަތަށް ބަލާލައި މިއިން ކޮންމެ ތަނބެއްގެ ދަށުން ކުރަން ރާވާފައިވާ ގިނަ ކަންތައްތަކެއް ހިމެނެއެވެ.
1. ޑިޖިޓަލް އައިޑެންޓިޓީއާއިއެކު ސަރުކާރުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އިތުބާރު ހުރި މުއާމަލާތްތައް ކަށަވަރުކުރުން
މިބައިގެ ދަށުން ކަށަވަރު ކުރަނީ ސަރުކާރުގެ ހިދުމަތަށް އެދުމުގައި ސިންގަލް އައިޑެންޓިޓީއެއް ބޭނުންކުރުމެވެ. އެއީ ހިދުމަތަށް އެދުމުގައި ކާކުކަން ކަށަވަރުކުރުމަށާއި، ފަސޭހަކަމާއެކު ހިދުމަތަށް އެދުމަށް މަގުފަހިކުރުމެވެ. މިބައިގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ ބައެއް ކަންތައްތަކަކީ؛
- މޯލްޑިވްސް ފިޒިކަލް ސްމާޓް އައިޑީ ކާޑު ތައާރަފްކުރުން.
- އީ-ފާސް އިތުރަށް އަޕްގްރޭޑްކޮށް ތަރައްގީކުރުން.
- ސަރުކާރުގެ އީ-މެސެޖިންގ ސިސްޓަމް (ޖެމްސް) ގާއިމްކުރުން.
2. މައުލޫމާތު އާންމުކުރުމާއި ހިއްސާކުރުން
ސަރުކާރުގެ އިދާރާތަކުން ބަލަހައްޓާ ޑޭޓާ އާއި މައުލޫމާތު އެކި އިދާރާތަކުން ވަކި ވަކިން ބެލެހެއްޓުން ނިމުމަކަށް ގެނެސް ގުޅާލެވިފައިވާ ސިސްޓަމްތަކެއްގެ އެހީގައި މައުލޫމާތު އާންމުކުރުމާއި ހިއްސާކުރުން އެއީ މިބައިގެ ބޭނުމެވެ. މިއީ ސަރުކާރުގެ ޓްރާންސްޕޭރެންސީ އިތުރުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކުރެވޭ ނިންމުންތައް ނިންމުމަށް މުހިއްމުކަމެކެވެ. މިބައިގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ ބައެއް ކަންތައްތަކަކީ،
- މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ރޯޑްމެޕް ތައާރަފްކުރުން.
- ސިންގަލް ސޯސް އޮފް ޓްރުތް (SSOT) ކަސްޓޯޑިއަނުން އައްޔަންކުރުން. މީގެމާނައަކީ ސިވިލް ރަޖިސްޓްރީ، ބިމުގެ މިލްކުވެރިކަން، ވިޔަފާރީގެ ލައިސަންސް އަދި ޓެކްސް ރެކޯޑްސްތައް ބެލެހެއްޓުން ފަދަ މަސައްކަތުގައި އެކުލެވޭ މައުލޫމާތު ކަށަވަރު ކުރުމަށާއި ހިއްސާކުރުމަށް ކަނޑައެޅޭ ވަކި އިދާރާތަކެއް އައްޔަނުކުރުމެވެ.
- އިންޓަރއޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ފްރޭމްވޯކެއް ގާއިމްކުރުން. މިކަން މުހިއްމުވަނީ އެއް ޑިޖިޓަލް ސިސްޓަމާއި އަނެއް ޑިޖިޓަލް ސިސްޓަމް އިންޓަރގްރޭޓްކޮށް، ކޮމަން މައުލޫމާތުތައް ބަދަލުކުރުމަށް މިންގަނޑުތަކެއް ގާއިމްކުރުމަށެވެ.
- ގައުމީ ޑޭޓާ ގަވަރނަންސް މިންގަނޑުތައް ކަނޑައެޅުން. އެއީ ސަރުކާރު ހިންގުމަށް ޑޭޓާ އެއްކުރެވޭނެ، ރައްކާކުރެވޭނެ އަދި ބެލޭނެ އުސޫލުތަކެއް ކަނޑައަޅާނޭ މިންގަޑުތަކެވެ.
- އީ-ފާސް މެދުވެރިކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތު ހިއްސާކުރުމުގައި އެމީހާގެ އަމިއްލަ ކޮންސެންޓް (ރުހުން) ހިމެނުމަށް ބޭނުންވާ ޕްރޮޓޮކޯލްތައް ގާއިމްކުރުން.
3. ޑިޖިޓަލް ސިސްޓަމްތައް ތައާރަފްކުރުން އިތުރުވާ މިންވަރަކުން، ބަދަލުކުރެވޭ ޑޭޓާ އާއި ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތައް ރައްކާތެރިކުރުން.
މިބައިގައި ހިމެނޭ މުހިއްމު އިނީޝިއޭޓިވްތަކަކީ؛
- ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ (NCSA) ހިންގަން ފެށުން.
- ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރ (NCSOC) ހިންގަން ފެށުން.
- ނޭޝަނަލް ކޮމްޕިއުޓަރ އިންސިޑެންޓް ރެސްޕޮންސް ޓީމް (NCIRT) ތައާރަފްކުރުން.
- ސައިބަރ ސެކިއުރިޓީ ދާއިރާއިން ހުނަރު ތަރައްގީކުރުމަށް ފްރޭމްވޯކެއް ތަޢާރަފްކުރުން.
- ރީޖަނަލް ސައިބަރ ސެކިޔުރިޓީ ކޮންފަރެންސް ބޭއްވުން.
4. ޑިޖިޓަލް ހިދުމަތްތައް ހަރުދަނާ ކުރުމަށާއި އޭގެ މައްޗަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުން.
މިބައިގައި ހިމެނެނީ،
- މޯލްޑިވްސް 2.0 ގެ ގާނޫނު ތަސްދީގުކުރުން.
- ސައިބަރ ސެކިއުރިޓީގެ ޤާނޫނު ފާސްކުރުން.
- ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނު ހެދުން.
- އިލެކްޓްރޯނިކް ޓްރާންސެކްޝަންސް އާއި ޑިޖިޓަލް ސިގްނޭޗަރ ބިލް ފާސްކުރުން.
- ކޮޕީރައިޓް ޤާނޫނު އަޕްޑޭޓްކުރުން.
5. ޤައުމީ ކްލައުޑެއް ޤާއިމުކޮށް ޤައުމީ ޑޭޓާ ސެންޓަރުތައް އުފެއްދުން.
މީގެ ބޭނުމަކީ ސަރުކާރުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލެވޭ ސިސްޓަމްތައް އެންމެ އެކަށީގެންވާ ގޮތަށް ދެމެހެއްޓުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އެކަށައެޅުމެވެ. މީގެ ތެރޭގައި ހިމަނެނީ،
- ގައުމީ ސޮވަރިން ކްލައުޑް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން.
- ގައުމީ ޑޭޓާ ސެންޓަރ ޒަމާނީކުރުން.
- ލޯކަލައިޒްޑް އެޖް ޑޭޓާ އިންފްރާސްޓްރަކްޗަރ އެކުލަވާލުން. މިއީ ރަށްތަކަށް ސަރުކާރުގެ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާނޭ މުހިއްމު އިންފްރާސްޓަކްޗަރއެކެވެ.
- ނޭޝަނަލް ޑިޒާސްޓަރ ރިކަވަރީ އަދި ބެކަޕް ޕްލޭން ފަރުމާކޮށް ތަންފީޒުކުރުން.
6. ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން އީ-ގަވަރމަންޓް ޚިދުމަތްތައް އުފެއްދުން.
މިބައިގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް، އެމީހެއް ހުންނަ ސަރަހައްދަކަށް ނުވަތަ އެމީހެއްގެ ޑިޖިޓަލް ލިޓްރޭސީ ލެވެލްއަކަށް ބެލުމެއް ނެތި، ސަރުކާރުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މިބައިގެ ދަށުން ހިމެނެނީ،
- 2027 ގެ ނިޔަލަށް ވަން.ގަވް (oneGov) އިތުރަށް ތަރައްގީކުރުން.
- ޓްރޭޑިއަން ސިސްޓަމް ފުރިހަމައަށް ބޭނުންކުރަން ފެށުން.
- ޤައުމީ ކައުންސިލް ޕްލެޓްފޯމް ތައާރަފްކުރުން.
- ލައިފް-އިވެންޓް-ބޭސްޑް ހިދުމަތްތައް އެއްކޮށްލައިގެން ފޯރުކޮށްދޭން ފެށުން. މީގެ މާނަައަކީ މީހާގެ ހަޔާތުގެ އެކި އެކި އިވެންޓްތަކަށް ބޭނުންވާނެ އެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް، އެއްކޮށްލައިގެން ފޯރުކޮށްދިނުމެވެ. މިސާލަކަށް ވިހެއުމަށް ފަހު ދަރިފުޅު ރަޖިސްޓްރީ ކުރުމާއި، ހެލްތު ކާޑު ދޫކުރުން ފަދަ ހިދުމަތްތައް އެއްފަހަރާ އެކްސެސްކުރެވުމެވެ.
- ރައްޔިތުންގެ ފީޑްބެކް އަދި ޝަކުވާ ހުށަހެޅޭނޭ ޗެނަލްތައް އިތުރުކުރުން.
7. ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އެކި ދާއިރާތަކުގެ ޚިދުމަތްތައް ބަދަލުކުރުން.
މިގޮތުން ދިވެހިރާއްޖެ 2.0 ގައި ފާހަގަކޮށްފައިވާ ދާއިރާތަކަކީ ޞިއްޙީ، ތަޢުލީމީ އަދި މާލީ ނިޒާމުގެ ޚިދުމަތްތަކެވެ. މީގެތެރޭގައި
ސިއްހީ ދާއިރާއިން،
- ނޭޝަނަލް ޑިޖިޓަލް ހެލްތު ރޯޑްމެޕް ތަންފީޒުކުރުން.
- ނޭޝަނަލް ހެލްތު ޑޭޓާ އިންފްރާސްޓްރަކްޗަރއެއް ގާއިމްކުރުން.
- ޕްރައިމަރީ ކޮންސަލްޓޭޝަންތަކުން ފެށިގެން ހާއްސަ ރިފަރަލްތަކާއި ހަމައަށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުން ފަސޭހަކޮށްދިނުން.
- އެޕޮއިންޓްމަންޓް ސިސްޓަމްތަކާއި، ފާމަސީ އިންޓަގްރޭޝަންއާއި، ޑައިގްނޯސްޓިކް ޑޭޓާ ހިމެނޭ ގޮތަށް ޕަބްލިކް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހިންގާ މަސައްކަތްތައް ޑިޖިޓަލައިޒްކުރުން.
- ޓެލެމެޑިސިންގެ ޚިދުމަތްތަކާއި އޭއައި-ޕަވަރޑް ޑައިގްނޯސްޓިކްސް ފުޅާކުރުން.
ތައުލީމީ ދާއިރާއިން،
- އައިސީޓީ އެޑިއުކޭޝަން މާސްޓަރ ޕްލޭން 3 ތަންފީޒުކުރުން.
- ސްކޫލަށް ވެދުން، ތައުލީމީ ސެޓްފިކެޓްތައް ފޯރުކޮށްދިނުން، އަދި ފީ ދެއްކުން ހިމެނޭ ގޮތަށް ތައުލީމީ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުން.
- ތަޢުލީމާއި މަތީ ތައުލީމުގެ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމުތައް އެކުލަވާލުން.
- ލޭބަރ މާކެޓް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (LMIMS) ތަރައްގީކުރުން.
- ކިޔަވައިދޭ ތަންތަން ރަޖިސްޓަރ ކުރުމާއި ގުޅޭ ސިސްޓަމްތަކާއި އަދި އެމް.ކިޔު.އޭ ސާވިސަސް ޕޯޓަލްސް ގާއިމްކުރުން.
- ނޭޝަނަލް ކެރިއަރ ސާވިސަސް ޕޯޓަލް ގާއިމްކުރުން.
- ސްމާޓް ކޮންޓެންޓް ޕްލެޓްފޯމްތަކާއި ބްލެންޑެޑް ލާނިންގ އެޕްރޯޗްތައް ތައާރަފްކުރުން.
ފައިނޭންސް ދާއިރާއިން،
- ނޭޝަނަލް އީ-ޕްރޮކިޔޮމަންޓް ޕްލެޓްފޯމް ލޯންޗުކުރުން.
- އިންޓެގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް ރިފޯމް ކުރުން.
- ބަންޑޭރި ޕޭ ސިސްޓަމް ތަރައްގީކުރުން.
- ޕަބްލިކް ފައިނޭންސް ޓްރާންސެކްޝަންތަކަށް ބަދަލުކުރެވޭ ޑޭޓާ އެއްގޮތްކޮށް، އިންޓަރއޮޕަރަބިލިޓީއަށް މަގުފަހިކުރުން.
- ޤައުމީ ތަފާސްހިސާބު ނިޒާމުތައް އިންޓަގްރޭޓްކުރުން.
- ފައިނޭންޝަލް އެނަލިޓިކްސް ޓޫލްސް ހަރުދަނާކުރުން.
8. ދިވެހި އައިސީޓީ އިކޯސިސްޓަމް ވަރުގަދަކުރުމާއި އީޖާދީ އުފެއްދުންތެރިކަން ތަރައްގީކުރުން.
ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލައިޒް ކުރުމުގެ އިތުރުން ވިޔަފާރިވެރިންނާއި، ޑިވެލޮޕަރުންނާއި، ދިރާސާކުރާ ފަރާތްތަކާއި، އާންމު މުއައްސަސާތައް ގުޅިގެން އިނޮވޭޝަން ކުރިއެރުވުމަށް ބޭނުންވާނޭ ތަރައްގީ ގެނައުން މީގައި ހިމެނެއެވެ.
- ސްޓާޓްއަޕް އަދި ކްރިއޭޓިވް ޓެކް އިކޯސިސްޓަމް ހަރުދަނާކުރުން. މިބައިގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތައް ތަރައްގީކުރުމަށް "ލޯކަލް ފަސްޓް" ޕްރޮކިއުމަންޓް އެޕްރޯޗެއް އިސްކުރާނެ ކަމަށް ފާހަގަކުރެވިފައިވެއެވެ.
- ޑިޖިޓަލް ލިޓްރަސީ، ކޯޑިންގ، ޑިޒައިން، ފަދަ ހުނަރުތައް ތަރައްގީކުރުމަށް މޯލްޑިވްސް ޑިޖިޓަލް ސްކިލްސް ޕްރޮގްރާމް ފެށުން.
- ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން އެވޯޑްސް ލޯންޗުކުރުން.
- އައިސީޓީ އިކޯސިސްޓަމް ވަރުގަދަ ކުރުމަށް ސްޓާޓްއަޕްތަކަށް މައިކްރޯފައިނޭންސިންގ، އެންޖެލް އިންވެސްޓްމަންޓް އަދި ވެންޗަރ ކެޕިޓަލް ފަދަ އިންވެސްޓްމަންޓް ލިބޭނެ ގޮތް ފަހިކޮށްދިނުން.
- ކްރޮސް ބޯޑަރ އީ-ކޮމާސް، ޑިޖިޓަލް ސާވިސަސް ޓްރޭޑް އަށް ބޭނުންވާ ގާނޫނީ، ޓެކްނިކަލް، އަދި ލޮޖިސްޓިކަލް ފްރޭމްވޯކްތައް އެކުލަވާލުން.
- ޑިޖިޓަލް އިޤްތިޞާދުގެ ކޮންޓްރިބިއުޝަންތަކުން ޖީޑީޕީ، ވަޒީފާ، ވިޔަފާރި، އަދި އިނޮވޭޝަން މިންކުރުމަށް ޤައުމީ އޮނިގަނޑެއް ބިނާކުރުން.
މަތީގައި ދެންނެވުނު ޑިޖިޓަލް ޓްރާންފޮމޭޝަން ތަސައްވުރު ވަރަށްވެސް ސަޅިއެވެ. މީގެ ކުރިން އައި ސަރުކާރުތަކުން ވެސް މިފަދައިން އެކި ސިފަ ސިފައިގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ޕްލޭންތައް ވަނީ އެކުލަވާލާފައެވެ. ކޮންމެ ސަރުކާރަކުން ވެސް ތަކުރާރުކޮށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ވައުދުވެ ރައްޔިތުންނަށް ހުވަފެންތައް ދައްކައެވެ. ކޮންމެ ބައެއްގެ ކޮންމެ ޓަރމެއްގައި ވެސް އައު މެނިފެސްޓޯއަކާއި، އައު ލަނޑުދަނޑިތަކާއި، އައު އެކްޝަން ޕްލޭންތަކެއް އެކުލެވިގެންދެއެވެ. އެކި ސަރުކާރުގައި އެކި މިންވަރަށް އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްތަކެއް ވެސް ކުރެވެއެވެ. އެކަމަކު ކުރެވޭ ޕްލޭންތައް ގިނަ ފަހަރަށް ކަރުދާހާއި ހަމައިގައި އަންނަނީ ހުއްޓުމަކަށެވެ. މިއީ މިދާއިރާގައި ހަރަކާތްތެރިވާ ގިނަބައެއްގެ ތަޖުރިބާއެވެ.
ޑިވެލޮޕްކުރަން ޕްލޭން ކުރާ ސިސްޓަމްތައް ވަކި ހިސާބަކުން ހުއްޓެއެވެ. ނުވަތަ ނިމުމަކާއި ހަމައަށް ގެނެވިފައިވާ ސިސްޓަމްތައްވެސް ބޭނުންކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ، އެންމެ ފުރަތަމަ އެކަން ކުރަން ފެށި ހިސާބުގައި ފެނުނު ފޯރި ގެއްލި މަޑުމަޑުން ޕްލޭންތައް އެކީގައި ދޫކޮށްލާ ތަން ވަނީ ފެނިފައެވެ. ފަހަރެއްގައި މިއީ މިހާރު ސޯޝަލް މީޑިއާގައި ދިވެހިރާއްޖެ 2.0 އާއި ގުޅުވައިގެން ފާޑުކިޔަމުންދާ އެއް ސަބަބެވެ. ކޮންމެ ސަރުކާރަކުން އެކުލަވާލާ ޕްލޭންތަކުގައި ގާތްގަޑަކަށް ހިމެނެނީ އެއް ވާހަކަތަކެވެ. ކޮންމެ ސަރުކާރަކުން ވެސް އައު ނަމެއް ކިޔާފައި ކަމެއް ފަށަނީއެވެ. މިފަހަރު ވަކި ތަފާތުވާނެ ހެއްޔެވެ؟
އެހެން ނަމަވެސް އަނެއްކާވެސް އުންމީދު ކުރަމާތޯއެވެ. ދިވެހިރާއްޖެ 2.0 އާއި ގުޅޭގޮތުން މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާ ފާހަގަކޮށްލެވޭ ބައެއް ހިޔާލުތައް ވެސް މިފުރުސަތުގައި ހިއްސާކޮށްލާނަމެވެ.
- ކުރީގެ މިފަދަ އިނީޝިއޭޓިވްސްތައް ފެއިލްވި ސަބަބުތައް ދިރާސާކޮށް އެކަމުން ފިލާވަޅުތަކެއް ދަސްކުރުން.
- ފެއިލްވި ޕްލޭންތަކުގައި މަދުވި ކަންތައްތައް ދެނެގަނެ، އެކަންތަކަށް ފޯކަސް ކުރުން.
- ޕްލޭންކުރެވޭ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ހަވާލުކުރެވޭ އިދާރާތަކަށް މަސައްކަތް ޑެލިވަރ ކުރުމަށް ޒިންމާދާރު ކުރުވުން.
- އެކި އެކި ދާއިރާތައް ބަދަލު ޑިޖިޓައިޒްކުރުމުގެ ޕްލޭންގައި މުހިއްމު ބައެއް ދާއިރާތައް ނެތްކަން ފާހަގަ ކޮޮށްލަމެވެ. އޭގެ ތެރޭގައި ޓްރާންޕޯޓް، ޓުއަރިޒަމް އަދި ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ދާއިރާ ފާހަގަކުރަމެވެ.
- ހަބަރުތަކުން ފެންނަ ގޮތުން ދިވެހިރާއްޖެ 2.0 ގައި ހާސިލްކުރަން ބޭނުންވާ ބައެއް ކަންތައްތަކާއި އިދިކޮޅަށް މިހާރު ސަރުކާރުގެ ބައެއް ޑިޖިޓަލް އިނީޝިއޭޓިވްސްތައް ހިނގާކަމީ ކަންބޮޑުވާ ކަމެއް ގޮތުގައި ފާހަގަކޮށްލަމެވެ. މީގެ އެއް މިސާލަކީ "ލޯކަލް ފަސްޓް" އިނީޝިއޭޓިވްއެވެ.
- ދިވެހިރާއްޖެ 2.0 ކާމިޔާބު ކުރުމަށް ރަނގަޅު ލީޑަރޝިޕެއް ބޭނުންވާކަން ފާހަގަ ކުރަމެވެ. ސަރުކާރުގެ އިދާރާތަކުގައި އެއް މަސައްކަތެއް ކުރުމުގައި އެކި ގޮތްގޮތް ގެންގުޅުމާއި، މެންޑޭޓް ފުށުއަރާ އިދާރާތަކުގެ މެދުގައި އެއްގަލަކަށް ނޭރުން ފަދަ ހުރަސްތައް މީގެ ކުރިން ވެސް ފެނިފައިވެއެވެ. އެހެން ކަމުން މިފަދަ ބޮޑު އިނިޝިއޭޓިވްގެ ޒިންމާ ނަގާނެ އަދި އެއްބައިވަންތަކަން ގެނެސްދޭނެ ކުޅަދާނަ ލީޑަރެއް މުހިއްމެވެ.
- ދިވެހިރާއްޖެ 2.0 އާއި ގުޅޭގޮތުން މިހާތަނަށް އާންމުކޮށްފައިވާ ޕްލޭންތަކުން ވަރަށް އުންމީދީ ކަންތައްތަކެއް ފެނިގެން ދެއެވެ. މި މައުލޫމާތުގެ އިތުރުން، ޑިވެލޮޕްކުރުމަށް ކަނޑައެޅިފައިވާ ހުރިހާ ސިސްޓަމްތަކަށާއި އެކި އިނީޝިއޭޓިވްތަކުގެ ތަފްސީލީ ލަނޑުދަނޑިތަކާއި، އެކްޝަންތަކާއި، ޑެލިވަރ ކުރާނޭ ޓައިމްލައިނާއި، އިތުރު ތަފްސީލުތައް ފެންނާނޭ ފަދައިން ޕްލޭންތައް އާންމުކުރުން މުހިއްމެވެ. ދިވެހިރާއްޖެ 2.0 އަކީ ޓްރާންސްޕޭރެންސީ އިތުރުކުރުމަށް ކުރެވޭ ކަމެއް ކަމުގައި ބަޔާންކޮށްފައިވާތީ، މިދެންނެވުނު ޕްލޭންތައްވެސް ޓްރާންސްޕޭރެންޓްކޮށް އާންމުންނަށް ފެންނާނެ އަދި ފީޑްބެކް ދެވޭނޭ ފަދަ ގޮތަކަށް ހުރުން މުހިއްމު ކަމުގައި ފާހަގަކުރަމެވެ. އެއީ މިއިނީޝިއޭޓިވްއާއި ދޭތެރޭގައި އާންމުންގެ އިތުބާރު އިތުކުރުމަށްޓަކައެވެ.
ނިންމާލަމުން ދިވެހިރާއްޖެ 2.0 ސަމިޓުގައި ބައިވެރިވި އެސްޓޯނިއާ ސަރުކާރުގެ ޑިޖިޓަލް ކައުންސިލްގެ މެންބަރު އަދި އެސްޓޯނިޔާ އީ-ގަވަނަންސް އެކަޑަމީގެ ކޯފައުންޑަރ މިސްޓަރ ލިންނަރ ވީކް ވިދާޅުވި ސްޓޭޓްމެންޓެއް ފާހަގަ ކޮށްލާނަމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނަކީ މެރެތަން ނުވަތަ ދިގު ދުވުމެކެވެ. ތެދެކެވެ. މިއީ އަވަސް އަރުވާލައިގެން ނިންމާ، ނުވަތަ ބޮޑެތި ހެޑްލައިންތައް ޖެހުމަށް ކުރަންވީ މަސައްކަތެއް ނޫނެވެ. މިކަން އެންމެ ކާމިޔާބުކަމާއެކު ކުރެވޭނީ މަޑުމަޑުން އެއް މިންގަނޑަކަށް ކުރިއަށް ގެންގޮސް، ތަރައްގީ ކުރެވޭ ބަދަލުތައް ގިނަ ދުވަހަށް ދެމިގެންދާނެގޮތަށް، އެހެން ނަމަވެސް ޒަމާނަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު ފަސޭހައިން ބަދަލުވާނެ ގޮތަށް ތަރައްގީ ކުރެވިގެންނެވެ.
އިތުރަށް ކިޔާލުމަށް
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް