އޮޕޯ ފައިންޑް އެކްސް3ގައި މައިކްރޯސްކޯޕް ކެމެރާއެއް ހިމެނޭނެ

އިސްމާއިލް އަލީ 11 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޮޕޯ އިން 2021 ވަނަ އަހަރު އެކުންފުނިން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ފައިންޑް އެކްސް 3 ޕްރޯ އާންމުކޮށް ދައްކާލައިފިއެވެ. މި ފޯނު ފަރުމަކުރެވިފައިވަނީ ހާއްސަ އެތަކެއް ފީޗާތަކެއް ހިމެނޭ ގޮތަށެވެ. ޗައިނާގެ މޯބައިލް ފޯނު މާކެޓުގައި ވާވޭ އަށްވުރެ ކުރި ހޯދާފައިވާ އޮޕޯ އަށް މި ފޯނަކީ ވަރަށް މުހިންމު އެއްޗެކެވެ.

މި ފޯނުގެ އެންމެ ފާހަނގަކޮށްލެވޭ އެއްކަމަކީ ފޯނުގެ ކެމެރާ ޑިޒައިން ކުރެވިފައިވާގޮތެވެ. އަދި ހަމައެއާއިއެކު މިފޯނަކީ ބަލާބެލުމަށް ޓާމިނޭޓާ 2 ގައި ފެނިގެންދާ ލިކުއިޑް މެޓަލް އިން އުފައްދާފައި އުފެއްދުމެކެވެ. މި ފޯނުގައި ހިމެނޭ ކެމެރާތަކުގައި ހިމެނިފައިވަނީ 50 މެގަ ޕިކްސެލްގެ ލެންސް އެވެ. އަދި މީގެ އިތުރުން ސޮނީ އައިއެމްއެކްސް 766 ގެ ސެންސަރތަށްވެސް މި ކެމެރާތަކުގައި ހިމެނިފައިވެއެވެ. މީގެ ސަބަބުން މިކެމެރާ ތަކުން ނަގާ ފޯޓޯ ތަކުގެ ކޮލެޓީ ހުންނާނީ އެއްވަރެއްގައިއެވެ.

މީގެ އިތުރުން މި ފޯނުގައި 3 މެގަ ޕިކްސެލްގެ މައިކްރޯލެންސް އެއްވެސް ހިމެނެއެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މި ލެންސް އިން 60 ގުނަ އަށް ތަކެތި މެގްނިފައި ކުރެވޭނެއެވެ. އަދި މި ލެންސް ވައްތަރީ މެކްރޯ ލެންސް އަކަށްވުރެ މައިކްރޯސްކޯޕަކާއި ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

1440 × 3216 ގެ އެލްޓީޕީއޯ އޯލެޑް ޕެންނަލްއެއްގެ މައްޗަށް އެކުލެވޭ ޑިސްޕްލޭ އެއް މި ފޯނުގައި ހިމެނެއެވެ. މީގެ ސަބަބުން މި ފޯނުގެ ކެމެރާތަކުން ނަގާ ފޮޓޯ ތަކާއި ވީޑިއޯތަށް ބިލިއަނަކަށްވުރެ ގިނަ ކުލަތަކާއިއެކު މި ފޯނުން ފެނިގެންދާނެއެވެ. މިއާއި ހިލާފަށް މިހާރު ބާޒާރުގައި ހުރި ފޯނުތަކުން ފެނިގެންދާނީ 16.7 މިލިއަން ކުލައެވެ.

މި ފޯނުގައި ހިމެނެނީ އެކުންފުނީގެ އެހެން އުފެއްދުންތަކާއި އެއްގޮތަށް ސްނެޕްޑްރެގަން 888 ގެ ޕްރޮސެސަރަކާއި، 12 ޖީބީގެ ރެމް އަކާއި 256 ޖީބީ ސްޓޯރޭޖްއެވެ. ފާސްޓް ޗާޖް ކުރެވޭ މިފޯނުގައި ވަޔަލެސް ޗާޖިންގް ވެސް ހިމެނެއެވެ. އެގޮތުން ވަޔަލެސްކޮށް 80 މިނިޓް ތެރޭގައި މިފޯނު ފުލްކޮށް ޗާޖްކޮށްލެވޭނެއެވެ.

މިފޯނުގެ އަގު އަދި ފޯނު ބާޒާރަށް ނެރޭނެ ދުވަހެއް އޮޕޯ އިން އަދި ހާމަކޮށްފައިނުވެއެވެ. ރިޕޯޓްތަށް ބުނާގޮތުގައި އަންނަ ހަފްތާގައި އެކުންފުނިން މި މައުލޫމާތު ހާމަކުރާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.