ރަޝިއާގެ ސޮޔުޒް ރޮކެޓްތަކުގެ ދަވާދު އާކުރަނީ

އަޙްމަދު ނިޔާޒް 14 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސޮޔުޒް ރޮކެޓްތަކާ މެދު ބުނެވެނީ ކާމިޔާބު އުޅަނދުތަކެއް ކަމަށެވެ. އިންޓަނޭޝަނަލް ސްްޕޭސް ސްޓޭޝަނަށް ފަޅުވެރިންނާއި މުދާ އުފުލުމުގައި ސޮޔުޒް ރޮކެޓް ނޫން ވަސީލަތެއް ނެތި ޒަމާންތަކެއް ވަނީ ފާއިތުވެފަ އެވެ. ދުނިޔޭގެ ޖައްވީ ދިރާސާތައް މިއަދާ ހަމައަށް ވާރުތަވެފައި ވާއިރު ރަޝިއާގެ ސޮޔުޒް ރޮކެޓްތަކަށް ކުރަންޖެހުނު އިތުބާރު، އެހެން އެއްވެސް އުލަނދަކަށް ކުރެވިފައެއް ނުވެ އެވެ.

---------------------------------

ރަޝިއާގެ ޖައްވީ އިދާރާ، ރޮސްކޮސްމޮސްއިން ސޮޔުޒް ރޮކެޓްތައް ދެމެހެއްޓުމަށްޓަކައި ދަވާދުލަނީ އެވެ. އެކަމަކު މިފަހަރު ކުޑަ ބަދަލަކާ ވެސް އެކު އެވެ. ރޮކެޓްތަކުގައި ކުރިން ހުރި ކުލަތައް – އަޅި، ހުދު އަދި އޮރޭންޖް – ދޫކޮށްލުމަށް ފަހު މިހާރު ލާތީ ފެންނަނީ "ކޯޕަރޭޓް ބްލޫ" އާއި ހުދެވެ.

ރޮސްކޮސްމޮސްއިން ބުނީ ރޮކެޓްތަކަށް ކުލަ ސްކީމެއް ހޮވާފައި ވަނީ ވޮސްޓޮކް އަދި ސްޕުޓްނިކް-1 ޖައްވަށް ފޮނުވުމުގައި އިސްދައުރެއް އަދާކުރި ރޮކެޓްތަކުން ލިބުނު ހިތްވަރުން ކަމަށެވެ. ރަޝިއާއިން އެންމެ ފުރަަމަ އޯބިޓަށް ފޮނުވި ކޮސްމޮނޯޓް ޔޫރީ ގަގަރީން ދަތުރުކުރީ ވޮސްޓޮކް-1 ގަ އެވެ.

ސޮޔުޒް ރޮކެޓްތަކުގެ ކުލަ އާކުރުމަށް ފަހު ކުރާ ފުތަމަ ދަތުރު މާޗް 28 ގައި އޮންނާނެ ކަމަށް ރޮސްކޮސްމޮސްއިން ބުނެ އެވެ. މި ދަތުރުގައި 18 ގައުމެއްގެ 38 އުޅަނދެއް އޯބިޓަށް ގެންދާނެ ކަމަށްވެ އެވެ.

ރަޝިއާއިން ސޮޔުޒް ރޮކެޓްތަކުގެ ކުލަ ބަދަލުކުރުމަކީ ބައެއް މީހުންގެ ނަޒަރުގައި މުހިންމު ކަމެއް ނޫނެވެެ. ރޮކެޓްތަކުގެ ކުލަދަލުކުރުމަށް ވުރެ ތަންކޮޅެއް އަވަހަށް ހަނދަށް ދެވޭތޯ ބެލުން ރަނގަޅުވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.

ޗައިނާއާ އެމެރިކާ ހަނދުގައި ގަނޑުވަރު އަޅާއިރު ރަޝިއާ އަދި ވެސް ބޯދާ ޓެކްނޮލޮޖީގައި ހިފަހައްޓައިގެން ތިބުން ނޫން ކަމެއް ނުކުރާ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. މީހުންގެ ޚިޔާލާއި ފިކުރު މިހެން ހުރި ނަމަވެސް، ސޮޔުޒް ރޮކެޓްތަކަށް ވުރެ ކާމިޔާބު އުލަނދުތަކެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންއަށް ދަތުރެއް ނުކުރެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.