ރައިޓް.އެމްވީ : ދިވެހި ލިޔުންތެރިކަމަށް އައު ބޮޅެއް

ހިންދު ޢަލީ 18 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހި ބަހުން ލިޔާ ލިޔުންތެރިންނަށް އެހީއެއްގެ ގޮތުން ރައިޓް.އެމްވީގެ ނަމުގައި ޕްލެޓްފޯމެއް ތަޢާރަފްކޮށްފިއެވެ. މިޕްލެޓްފޯމް ތައްޔާރުކުރީ ކުޅަދާނަ ޒުވާން ޑިވެލޮޕަރ މުޙައްމަދު ޖިނާސްއެވެ. ޖިނާސް ބުނިގޮތުން މި ޕްލެޓްފޯމް ފުރަތަމަ ތައްޔާރުކުރަން ފެށީ އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތަށެވެ. ނަމަވެސް ޕްރޮޑަކްޓް ޑިވެލޮޕްވަމުން ދިޔަ ވަރަކަށް އޭނާ ހިއްސާވާ ބަރަވެލި ޑިވެލޮޕަރސްގެ ޓީމްގެ އެހެން މެންބަރުންގެ އެހީ އެކިގޮތްގޮތުން ލިބުނެވެ.

ރައިޓް.އެމްވީ އަކީ ދިވެހި ބަހުން ލިޔުމަށް ހާއްސަ ޕްލެޓްފޯމެކެވެ. މިއީ ދިވެހި ބަހުން ލިޔުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ ޕްރޮޑަކްޓެކެވެ. އެބޭފުޅުންގެ ޚިޔާލުތަކާއި ވާހަކަތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެކެވެ. އޮންލައިންކޮށް ދިވެހި ބަހުން ލިޔާ އެހެން ޓޫލްތަކުގައި އާންމުކޮށް ދިމާވާ ފޮންޓް އަދި ފޯމެޓިންގ މައްސަލަތައް ހައްލުކުރުމަށް ރައިޓް.އެމްވީގައި މަސައްކަތްކޮށްފައިވާނެކަމަށް ޖިނާސް ބުންޏެވެ.

މި ޕްރޮޑަކްޓް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ބަހުން ލިޔުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އެބޭފުޅުންގެ ޚިޔާލާއި، ވާހަކައާއި، މަޢުލޫމާތު ހިމެނޭ އާރޓިކަލްތަކާއި އެހެނިހެން ލިޔުންތައް، އެހެން ފަރާތްތަކާއި ހިއްސާކުރުމަށް މަގުފަހި ކުރުމެވެ. އާންމުކޮށް މިފަދަ ބްލޮގް ސްޓައިލް ޕްލެޓްފޯމްތައް ސެޓްޕްކޮށް ބޭނުންކުރުމަށް ކޮންމެވެސް ވަރަކަށް ޓެކްނިކަލް ހުނަރު ބޭނުންވެއެވެ. ނަމަވެސް ރައިޓް.އެމްވީ އިން އާރޓިކަލް ލިޔެ ޕޯސްޓް ކުރުމަށް އެފަދަ ހުނަރެއް ކޮންމެހެން ބޭނުމެއް ނުވާނެއެވެ. އަދި މީގައި ހަމައެކަނި ލިޔެވޭނީ ބްލޮގް ޕޯސްޓް އެކަންޏެއްނޫނެވެ. ހަމަ ބޭނުންވާ ހުރިހާ ވައްތަރެއްގެ ލިޔުމެއްވެސް ލިޔެވޭނެއެވެ.

ޖިނާސް ބުނި ގޮތުން މިމަސައްކަތް ފުރަތަމަ ފެށުނީ ހަފްތާބަންދުގެ މަސައްކަތެއްގެ ގޮތުގައެވެ. އަދި 1 ދުވަސްތެރޭގައި ފުރަތަމަ ޕްރޮޓޮޓައިޕް ތައްޔާރުކޮށްލެވުނެވެ. އިންޓަރފޭސް ނުވަތަ ސްކްރީންތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތަށް އަދި އިތުރު ދުވަސްކޮޅެއް ހޭދަވިއެވެ. ޖުމްލަކޮށް މިމަސައްކަތް ފަށައިގެން މިހާރު ތައްޔާރުކޮށްފައިވާ މިންވަރަށް ނިންމާލުމަށް ހޭދަވީ ހަފްތާއެކެވެ.

މިހާރު ރިލީސް ކުރެވިފައިވާ ވަރޝަނުން ދިވެހި ބަހުންނާއި އިގިރޭސި ބަހުން އާރޓިކަލް ލިޔެވޭނެއެވެ. އާރޓިކަލްތަކާއި އެކު ބޭނުންވާ ފޮޓޯވެސް ހިމެނޭނެއެވެ. އާރޓިކްލް ޕަބްލިޝްކުރުމަށް ބޭނުންވާގޮތަށް ޝެޑިއުލް ކުރެވެއެވެ. މީގެ އިތުރުން ޕަބްލިޝްކުރާ ކޮންމެ އާރޓިކަލްއެއްގެ ވަކިން، ކިޔާ ފަރާތްތައް އެންގޭޖްވާގޮތުގެ މަޢުލޫމާތުވެސް މީގައި ހިމެނެއެވެ. އަދި މީގައި ހިމެނޭ ސިމްޕަލް، ރީތި އަދި ބޭނުންކުރަން ފަސޭހަ އިންޓަރފޭސްތަކަކީ މިޕްރޮޑަކްޓް ހާއްސަވާ ކަމެކެވެ.

މި ޕްރޮޑަކްޓް އިތުރަށް ރަނގަޅުކުރުމާއި އައު ފީޗަރސްތައް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި ޔޫސަރ އިންޓަފޭސް އިތުރަށް ރަނގަޅުކުރުން ހިމެނެއެވެ. މިއީ އަދި ވަރަށް އައު ޕްރޮޑަކްޓެއް ކަމަށްވުމާއެކު، ކުދި ކުދި މައްސަލަތައް އެބަހުރިކަމަށާއި އެބައިތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ޖިނާސް މަޢުލޫމާތު ދިނެވެ.

ރައިޓް.އެމްވީގެ ޕްރޯ ވަރޝަނެއް ތައްޔާރުކުރުމުގެ ވިސްނުން އެބައޮތްކަމަށް ވެސް އޭނާ މަޢުލޫމާތު ދިނެވެ. މި ވަރޝަންގައި އައު ފީޗަރސްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި އައު ތީމް ތަކާއި، ތީމް ކަސްޓަމައިޒް ކުރުމާއި، ބްލޮގްގެ ޑޮމެއިން ނަން ކަސްޓަމައިޒްކުރުން ހިމެނެއެވެ. އަދި ލިޔާ އާރޓިކަލްތަކުގެ މައުލޫއަށާއި ގިންތިއަށް ހާއްސަކޮށްގެން ޓެގް ލެވޭނޭ ފީޗަރ އާއި އޮޓޮމެޓިކުން ސޯޝަލް މީޑިއާ ޗެނަލްތަކަށް ޕަބްލިޝްކުރެވޭނޭ ގޮތްވެސް ހިމެނޭނެއެވެ.

ހިލޭ ބޭނުންކުރެވޭ ވަރޝަންގައި ވެސް އިތުރު ބައިތަކެއް ހިމެނުމަށް ޖިނާސް ގަސްތުކުރެއެވެ. އެންމެ އަވަހަށް ދެން ރިލީސް ކުރާނެ ފީޗަރއަކީ އާރޓިކަލްތަކަށް ކޮމެންޓްކުރުމުގެ ފީޗަރއެވެ. މި ފީޗަރގެ ބޭނުމަކީ އާރޓިކަލް ކިޔާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ އިތުރުންވެސް ކުރިއަށް ރިލީސް ކުރަން ހުރި ފީޗަރސް ތެރޭގައި އެހެން ފަރާތްތަކުގެ ބްލޮގްތަކަށް ފޮލޯ ކުރުމާއި، ރައިޓް.އެމްވީ ޑޮމެއިން ތެރޭގައި، އެޕް ބޭނުން ކުރާފަރާތްތަކުގެ ނަމާއެކު ސަބްޑޮމެއިން އުފެއްދޭނެ ގޮތް ހެދުން ހިމެނެއެވެ.

ޕްރޮޑަކްޓްގެ ޑިވެލޮޕަރު އެންމެ މުހިއްމު ކަމެއް ދޭ އެއްކަމަކީ ލިޔުންތެރިންގެ ޕްރައިވަސީ ކަށަވަރުކުރުންކަމަށް ވުމާއެކު، ކާކުކަން ނޭގޭގޮތަށް (ނުވަތަ އެނޯނިމަސްކޮށް) ވެސް ލިޔެވޭނެގޮތް މި ޕްލެޓްފޯމުގައި ހިމެނެއެވެ. ރަޖިސްޓަރކޮށްގެން ބޭނުންކުރާ ފަރާތްތަކަށް މިހާރުވެސް އެނޯނިމަސްކޮށް ލިޔުންތައް ޕަބްލިޝްކުރެވޭނެއެވެ. އަދި މީގެ އިތުރުން ރަޖިސްޓަރނުކޮށްވެސް މި ޕްލެޓްފޯމް ބޭނުންކޮށްގެން ލިޔެވޭނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

'އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް ގިނަ ފަރާތްތަކެއް ރައިޓް.އެމްވީ ބޭނުންކޮށްގެން ހަމަ ބޭނުންފުޅުވާ ހުރިހާ ލިޔުންތަކެއް ލިޔެ ގިނަ ބަޔަކާ ހިއްސާކުރާނެކަމަށް.' ޖިނާސް ހިއްސާކުރެއްވިއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.