އިންސާނީ ދަރިފަސްކޮޅު ދުނިޔެއިން ނެތިދާނެ ކަމަށް ސައެންސްވެރިން ބުނަނީ ގިނިހިލައަކުން ޖެހި ކަމަށެވެ. ދުނިޔެއާ ދިމާއަށް ގިނިހިލައެއް އަދޭތޯ ނުޖޫމީން ތާއަބަދު ބަލަބަލާ ތިބެނީ މިހެންވެ އެވެ. ދެން އޮތް އަނެއް ގޮތަކީ އެއިން ހިލައަކުން އެއްޗެއް ދަސްކުރުމެވެ. ކޮންއިރަކު ކޮންހިސާބެއްގައި އުފެދުނު އެއްޗެއްތޯ ބެލުމެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނީ ދުނިޔެއާ ވަރަށް ގާތުން ގިނިހިލައެއް ދަތުރުކޮށްފައި މިއަދު ދާނެ ކަމަށެވެ. ގިނިހިލަ ދަތުރުކޮށްފައި ދާއިރު ދުނިޔެއާ އެންމެ ގާތްވާ ވަތުގު ދުރުމިނުގައި ދެމިލިއަން ކިލޯމީޓަރު ހުންނާނެ ކަމަށް ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީން ބުނެ އެވެ. އެހެންކަމުން މިއީ ދުނިޔޭގައި ލައިގެންފާނެ ކަމަށް ބިރުގަންނަންޖެހޭ ވަރުގެ ގާތްމިނެއް ނޫނެވެ.
ނާސާއިން ބުނީ ދުނިޔެއާ ގާތްވާނެ ކަމަށް ބުނީ ތަރިބަލާ މީހުންނަށް ރަނުގެ ފުރުސަތަކަށް ވާނެތީ ކަމަށެވެ. ތަރިބަލަން ރަނގަޅު ސެޓްއަޕް ގެންގުޅޭ މީހުންނަށް މިއީ ބަލާލަން ރީތި މަންޒަރަކަށް ވާނެތީ ކަމަށެވެ.
ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީން ބުނީ ދުނިޔެއާ އެންމެ ގާތަށް ދެން ގިނިހިލައެއް އަންނާނީ 2052 ގައި ކަމަށެވެ. އަދި ދަތުރުކޮށްފައި ދާނީ ދުނިޔެއާ 2.8 މިލިއަން ކިލޯމީޓަރު ދުރުން ކަމަށެވެ.
ސައެންސްވެރިން ދެކޭ ގޮތުގައި ޖައްވުގެ ކޮންމެވެސް ހިސާބަކުން ނެއްޓިގެން އަންނަ ގިނިހިލައެއް ދުނިޔެއާ މުޑިއަރާނެ އެވެ. މިކަމަށް ބިރުން ދުނިޔެ ދޫކޮށް އިންސާނުން ދާނެ ތަނެއް ސައެންސްވެރިން އަންނަނީ ހޯދަމުންނެވެ. އެންމެ ކަމުދާނެ ކަމަށް މިހާރު ބެލެވިފައި ވަނީ މާސް އެވެ. އެތަނުގައި އޮއެއް، ވައެއް، ފެނެއް އަދި އިންސާނީ ދަރިފަސްކޮޅު ދިރިދެމެހެއްޓުމަށް ޝަރުތުކުރެވޭ އެކައްޗެއް ވެސް ނެތެވެ. އޮތީ ހަމައެކަނި މިންވަރަށް ވުރެ މައްޗަށް ޚިޔާލުގައި ރޭވިފައި ހުރި ރޭވުމެވެ.