ޗައިނާ އާއި ޔޫރަޕިއަން ޔޫނިއަން އަށްފަހު ޖަޕާނުން ވެސް ކޮވިޑް-19 ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ތައާރަފް ކުރުމަށް ނިންމައިފިއެވެ.
ވެކްސިން ޖަހާފައިވާކަން ކަށަވަރުކޮށްދޭ މި ލިޔުން މޯބައިލް ފޯނު މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި މީގެ އިތުރުން މި ލިޔުން ވެގެންދާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ލިޔުމަކަށެވެ. އެހެންކަމުން ހޮޓެލްތަކަށް ޗެކިން ވުމުގައި އާއި އަދި މީގެ އިތުރުން ދަތުރުފަތުރު ކުރުމުގައި ކޮވިޑް-19 ވެކްސިން ޖަހާފައިވާކަން މި ލިޔުމުގެ ސަބަބުން ފަސޭހަކަމާއިއެކު ދެނެގަނެވޭނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމު ވަނީ ގާތްގަނޑަކަށް ހުއްޓިފައިއެވެ. އެގޮތުން ވައިގެ ދަތުރުފަތުރު ތިންބައިކުޅަ ދެބައި ދަށްވެ ޓުއަރިޒަމް އިންޑަސްޓްރީ އަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި މައްސަލަތަށް ހައްލުކޮށް ދަތުރުފަތުރު އަދި ފަތުރުވެރިކަން ރަނގަޅު ކުރެވޭނީ ވެކްސިން ޕާސްޕޯޓެއް ތައާރަފް ކުރެވުމުންނެވެ.
އެގޮތުން ޖަޕާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ މަހު ތައާރަފު ކުރުމަށް ނިންމާފައިވާ ޑިޖިޓަލް ކޮވިޑް-19 ނެގަޓިވް ކަމަށް އަންގައިދޭ ލިޔުމެއް ފެންނަ އެޕްލިކޭޝަންއެއްގައި މި ލިޔުންވެސް ހިމެނުމަށެވެ. މީގެ އިތުރުން މި މައުލޫމާތު އެގައުމުގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ދުވެލި ބެލުމަށް ހަދާފައިވާ ސިސްޓަމާއިވެސް ގުޅާލެވޭނެއެވެ.
މި އެޕްލިކޭޝަނަކީ އެގައުމުން ބޭރަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުންގެ އިތުރަށް އެގައުމުގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ މީހުން އަނބުރާ އެމީހުންގެ ގައުމަށް ދިއުމަށްވެސް ބޭނުންކުރެވޭނެ އެޕްލިކޭޝަނެކެވެ.
ނަމަވެސް ޖަޕާނުގެ ސަރުކާރުން އަދި މި ވެކްސިން ޕާސްޕޯޓް އެގައުމުގެ އެތެރޭގެ ދަތުރުފަތުރު ތަކުގައި ބޭނުންކުރުމަށް ވިސްނާފައިނުވެއެވެ. އެގޮތުން އެގައުމުގެ ހެލްތް މިނިސްޓަރާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ދެކޭގޮތުގައި މި ލިޔުން އެތެރޭގެ ދަތުރުފަތުރުތަކުގައި ގެންގުޅެން ފަށައިފިނަމަ ތަފާތުކުރުން ބޮޑުވެ ހަމަނުޖެހުން އުފެދުމަށް މެދުވެރިވެދާނެއެވެ.
އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ޑިޖިޓަލް ލިޔުމުގެ ކޮލެޓީ ކަށަވަރުކުރުމަށްޓަކައި އެގައުމުން ނަމޫނާއަކަށް ބަލާފައިވަނީ އީޔޫ ގެ ލިޔުންތަކާއި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކޮމަންޕާސް ޔުނިވާސަލް ޑިޖިޓަލް ސެޓްފިކެޓްއެވެ. އީޔޫގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތައާރަފް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ހޫނުމޫސުމާއި ދިމާކޮށެވެ. މިއާއިއެކު އީޔޫ އަށް ދަތުރުކުރާ ފަރާތްތަށް މަތިންދާބޯޓަށް ބޯޑުކުރުމުގެ ކުރިން އެމީހުންގެ ވެކްސިން ސެޓްފިކެޓް ދައްކަން ޖެހިދާނެއެވެ.
ޖަޕާނުން މިހާރުވެސް ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރުމަށް ކަރުދާސް ލިޔެކިޔުން ބޭނުކުރެއެވެ. އެގޮތުން ވެކްސިން ޖެހުމަށްފަހު އެގައުމުގެ ސަރުކާރުން ދޫކުރާ ކޫޕަނެއް މެދުވެރިކޮށް ވެކްސިން ޖަހާފައިވާކަން އަންގައިދޭ ސެޓްފިކެޓް ލިބިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް