ނޭޗާ ޖާނަލް ގައި ޝާއިއުކޮށްފައިވާ ދިރާސާ އަކުން ދައްކާގޮތުގައި ސިކުނޑީގެ ކެންސަރަށް ވެކްސިންއެއް އުފައްދައި ކާމިޔާބު ކަމާއިއެކު ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓެސްޓްތަށް ކުރިއަށްގެންގޮސްފިއެވެ. މި ވެކްސިން އަކީ އިންސާނާގެ ދިފާއީ ނިޒާމުން ސިކުނޑީގައި އުފެދޭ ޓިއުމަރު ތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ވެކްސިންއެކެވެ. މި ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓެސްޓްތަކުން ދައްކާގޮތުގައި މި ވެކްސިން ދިނުމުން ޓިއުމާ އުފެދުން މަދުކޮށް ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ.
ޖަނަވާރުތަކުގައި އެތަކެއް އަހަރު ޓެސްޓް ކުރުމަށްފަހު 2015 ވަނަ އަހަރު ދިރާސާކުރާ ފަރާތްތަކުން ވަނީ މި ވެކްސިން ގެ ދިރާސާތަށް އިންސާނުން ބޭނުންކޮށްގެން ކުރަން ފަށާފައިއެވެ. އެގޮތުން ފުރަތަމަ މި ވެކްސިން އިންސާނުން ބޭނުންކުރަން ރައްކާތެރިތޯ ބެލުނެވެ. އަދި ހަމަ އެއާއެކު މި ވެކްސިން އިން ދިފާއީ ނިޒާމަށް އަސަރުކުރާ ވަރެއްވެސް މި ދިރާސާގެ ފުރަތަމަ ފިޔަވަހީގައި ޓެސްޓްކުރެވުނެވެ.
މި ދިރާސާގައި މި ބަލީގެ ޝިކާރައަކަށްވެފައިވާ 33 މީހުން ވަނީ ބައިވެރިކޮށްފައިއެވެ. އަދި ނޭޗާ ޖާނަލް ގައި ޝާއިއު ކުރެވުނު ރިޕޯޓުން ހާމަވާ ގޮތުގައި މި ފަރާތްތަކުން މި ދިރާސާގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކަމާއިއެކު ނިންމާލީ އެއްވެސް ނުރައްކަލެއް އަދި ކަންބޮޑުވާން ޖެހޭފަދަ ސައިޑް އިފެކްޓެއް ނެތިއެވެ. މި ދިރާސާއިން ހާމަވިގޮތުގައި މިދިރާސާގެ 93 އިންސައްތަ ބައިވެރިންގެ ދިފާއީ ނިޒާމުން ވަނީ ކެންސަރު ބައްޔާއި ދެކޮޅަށް މަސައްކަތްކޮށްފައިއެވެ.
މި ދިރާސާ ކުރިއަށްގެންދިޔަ ފަރާތުން ހާމަކުރާ ގޮތުގައި މި ވެކްސިންގެ އެފިކަސީ އާއިމެދު ނިންމުންތަކެއް ނިންމޭނީ މި ވެކްސިން އިތުރަށް ތަހުލީލުކޮށް ގިނަ ބަޔަކު ބައިވެރިވާ ގޮތަށް ކުރިއަށް ގެންދެވޭ ދިރާސާއަކަށްފަހުގައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި